24 އޮކްޓޯބަރ 2022 - 17:42

ދިވެހިން ބަހުން ވާހަކަ ދައްކާ ފުރަތަމަ އޭއައި ޑިޖިޓަލްކެއާ އެސިސްޓެންޓް "އެވީ" އުރީދޫން މިއަދު ތައާރަފު ކޮށްފި އެވެ.

އެ ކުންފުނިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، "އެވީ" ތައާރަފު ކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

އުރީދޫން ބުނީ "އެވީ"ގެ ހިދުމަތް 929 އަށް ގުޅައިގެން ހޯދޭނެ ކަމަށެވެ. "އެވީ" މެދުވެރިކޮށް، ޑޭޓާ އާއި ވޮއިސް އަދި އެސްއެމްއެސްގެ ބެލެންސް ބެލުމާއި ބިލާ ބެހޭ މައުލުމާތު ހޯދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އެވީ" ގެ ހިދުމަތާއެކު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކީ އުރީދޫން ބުނިގޮތުގައި ކަސްޓަމާ ކެއާ އަށް ގުޅާ ކަސްޓަމަރުން ކިއޫގައި ޖެހެން ނުޖެހުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝައުނާ ވަނީ ހިދުމަތްތައް ފުޅާކުރުމުގައި އެ ފަދަ އާ ޓެކްނޮލީޖީގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ، އެ ފަދަ ޓެކްނޮލަޖީތައް ތައާރަފު ކުރުމުގައި އެއްވެސް ދިވެއްސަކު ބާކީ ނުވާނެ ގޮތަށް ހިދުމަތް ދެވޭނެ ޓެކްނޮލަޖީ ތައާރަފު ކުރުން މުހިންމު ކަމަށެވެ.
އުރީދޫން ވަނީ ދިވެހި ބަހުގެ ފޮންޓެއް ވެސް މިއަދު ތައާރަފު ކޮށްފައެވެ. އެ ފޮންޓު ތައާރަފު ކޮށްދެއްވީ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.
އެ ފޮންޓު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ މެނޭޖަރު ބްރޭންޑް، މުހައްމަދު އަކްޝަމް ވިދާޅުވީ، އެއީ އެ ކުންފުނީގެ އައިޑެންޓިޓީއާ ގުޅޭ ފޮންޓެއް ކަމަށެވެ. އަކުރުތައް ފަރުމާ ޑިޒައިން ކޮށްފައި ވާނީ، އުރީދޫ ބްރޭންޑުގައި ބޭނުން ކުރާ އަކުރުތަކާ ގުޅޭ ގޮތަށްކަން ފާހަގަ ކުރެއްވި އެވެ.
އެ ފޮންޓުގެ ހަތަރު ސްޓައިލެއް ޑައުންލޯޑް ކުރަން ލިބެން ހުންނާނެ އެވެ. އެއީ "އެކްސްޓްރާ ބޯލްޑް"، "ބޯލްޑް"، "ރެގިއުލާ" އަދި "ލައިޓް" އެވެ. އެ ފޮންޓް ތައްޔާރު ކުރުމުގައި އުރީދޫއާ އެކު މަސައްކަތްކުރީ، ގިނަ ދިވެހި ފޮންޓުތަކެއް އަމިއްލަ އަށް ޑިޒައިން ކޮށްފައިވާ ހުސައިން ނިޔާޒެވެ.
އފޮންޓު ތައާރަފު ކޮށްދެއްވުމަށް ފަހު، މިނިސްޓަރު ޔުމްނާ ވަނީ ޓެކުނޮލޮޖީ ކުރިއެރުވުމުގައި ބަހަށް އަހައްމިޔަތުކަން ދިނުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. އަދި އުރީދޫން ބަހާ އެކު ޓެކްނޮލޮޖީ ތަރައްގީ ކުރެވިދާނެ ކަން ސާބިތު ކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ އެކި ހިދުމަތްތައް ތައާރަފު ކުރުމުގައި ހުރިހާ ކަސްޓަމަރުން ބައިވެރިކޮށް، ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ދިވެހި ބޭނުން ކުރެވޭނެ އެކި އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.
"އެވީ" ތައާރަފުކުރީ ފުން ޕްރައިވެޓް ލިމިޓެޑުގެ އެހީތެރިކަމާއެކު އެވެ.