24 އޮކްޓޯބަރ 2022 - 15:40

ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ރާއްޖެއިން އެެއްބަސްވުން ކަމަށް ވިދާޅުވެ މަޖިލީހުގައި މެމްބަރުން ވާހަކަ ދެއްކެވެމުން އެއީ "ގަސްތުގައި ސިޔާސީ ސަބަބަކަށްޓަކައި އޮޅުވާލަން ކުރާ ބަހުސް" އެއް ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެ ކަމަށް ރާއްޖެއިން ވަނީ ހާމަކޮށްފަ އެވެ. އެހެންވެ އެއީ ރާއްޖެއިން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް މޮރިޝަސްއަށް ރާއްޖޭގެ ބައެއް ދޫކޮށްލަން ނިންމުން ކަމަށް ބުނެ ދަނީ ވާހަކަ ދެކެވެމުންނެވެ.
އެކަމަކު ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ އާއި މި މައްސަލައަކީ މުޅިން ތަފާތު ދެ މައްސަލައެއް ކަމަށާއި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލާގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ބުނެ ފާޑުކިޔުންތަކުން ސަރުކާރުން ވަނީ ރައްދު ދީފަ އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުވީ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަދި އެކަން ސާފުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ހުށަހެޅުއްވި ކުއްލި މައްސަލައަކަށް މިއަދު މަޖިލީހުގައި ވަނީ ބަހުސްކޮށްފަ އެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރުމަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަަށް ވިދާޅުވެފަ އެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެެއް މެމްބަރުން ވަނީ އެކަމުގައި ސަރުކާރުން ނިންމި ގޮތަށް ފާޑު ވިދާޅުވެފަ އެވެ.
އެކަމަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ވިދާޅުވީ ރާއްޖޭގެ ސްޓޭންޑް ގޯސް ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ.
"އިސްތިއުމާރަކީ އަޅުގަނޑުމެން އިންސާނެއްގެ ހައިސިއްޔަތުން އެކަމަށް ދެކޮޅުހަދަން ޖެހޭ ކަމެއް. ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ދެކޮޅު ހަދަންޖެހޭ ކަމެއް. މޮރިޝަސް މިނިވަންވެގެން ދިޔައިރު އިނގިރޭސިން ޗާގޯސް އައިލެންޑްގެ މައްޗަށް ކޮލޮނައިޒޭޝަންގެ ބާރު ހިންގަންވެގެން އެ ނިންމި ނިންމުމަކީ މިއަދު އައިސީޖޭ އިން އެބުނާ ގޮތުން ރަނގަޅު ނިންމުމެއް ނޫން،" ތާރީހުގެ ތެރެއިން އިސްތިއުމާރަކީ ރަނގަޅަށް ހިނގި ކަމެއް ނޫންކަން އެނގޭކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްތިއުމާރާ އެއްކޮޅަށް އާނއެކޭ ނުބުނެވޭނެ ކަމަށާއި އެ ފުރުސަތު ދިވެހިންގެ ހައިސިއްޔަތުން ދީގެން ވެސް ނުވާނެ ކަމަށެވެ.
"މިތަނުގައި މިދެކެވޭ ވާހަކައަކީ އައިސީޖޭގެ ރޫލިން އަޅުގަނޑުމެން ގަބޫލުކުރުމުން ރާއްޖޭގެ އީއީޒެޑުން 200 މޭލު ދޫކޮށްލަންޖެހެނީއޭ. މިއީ ގަސްތުގައި ސިޔާސީ ސަބަބުތަކަށްޓަކާ އޮޅުވާލަން މިތާ ހިންގާ ބަހުސެއް،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ރާއްޖެއިން އެއްވެސް އިރެއްގައި ރާއްޖޭގެ އިމުން ބައެއް ދޫކޮށްލަން އުޅެފައި ނުވާ ކަމަށާއި އެކަން ކުރަން ވެސް ނޫޅޭ ކަމަށެވެ. ރާއްޖެއިން މިވަގުތު ވެސް އިޓްލޮސްގައި ބޭރުގެ ފަންނީ މާހިރުންނާއި ގާނޫނީވަކީލުންގެ އެހީގައި މަސައްކަތްކުރަމުން އެ ދަނީ އެތަނަކީ ރާއްޖެއަށް ލިބެން ޖެހޭ ތަނެއް ކަމަށް ގަބޫލުކުރެވޭތީ އެތަން ހޯދުމުގެ މަސައްކަތް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
"ރާއްޖެއަށް އެ ސަރަހައްދު ލިބެންޖެހޭ ކަމަށް ވަކާލާތުކޮށް އެކަން ދިވެހި ސަރުކާރުން އެދަނީ ކުރަމުން."
ހިސާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން މަޖިލީހުގައި މިއަދު ދެކެވުނު ވާހަކަތަކުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި އެކަމުގެ ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.
އައިސީޖޭ އިން ފެބްރުއަރީ 2019 ގައި ވަނީ އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައި އޮތުން ނިމުމަކަށް ގެނެސް އެތަން ވީއެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށް ކަނޑައަޅައިފަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި، އދ. ގެ އާންމު މަޖިލީހުގައި މެއި 22، 2019 ގައި ފާސްކޮށްފައިވާއިރު އެ ގަރާރު ނެރެފައި ވަނީ 116 ގައުމެއްގެ ތާއީދާ އެކު އެވެ. ރާއްޖެއިން އެއާ ދެކޮޅަށް ވޯޓު ދީފައި ވަނީ ރާއްޖޭގެ ކޮންޓިޓެންޓަލް ޝެލްފް 200 ނޯޓިލަކް މޭލަށް ވުރެ އިތުރުކުރުމަށް ރާއްޖެއިން ސީއެލްސީއެސްއަށް ޖުލައި 26، 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް ދެކޮޅު ހެދުމުންނެވެ.