24 އޮކްޓޯބަރ 2022 - 14:57

ޗާގޮސްގެ ރަށްތަކަށް އޮންނާނީ މޮރިޝަސްގެ ބާރު ކަމަށް ދިވެހި ސަރުކާރުން އެއްބަސްވުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވި ނަމަވެސް ވެރިކަމުގައި ހުންނެވި މޮރިޝަސްގައި ވާހަކަ ދެއްކެވީ އެގޮތަށް ނޫންކަން ހާމަވެއްޖެ އެވެ.
ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު މާޗް 11-13 އަށް މޮރިޝަސްގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ނަވިންޗަންދުރަ ރަމްގޫލަމްގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތުގައި ބޮޑުވަޒީރުގެ އިތުރުން އިސް ބޭފުޅުންނާ އެކު އެކި ބައްދަލުވުންތައް ބޭއްވެވި އެވެ. އެ ބައްދަލުވުންތަކާ ފަހު ނެރުނު "ޖޮއިންޓް ކޮމިނިކިއު" ގައި ބުނެފައިވަނީ ޗާގޮސްގެ ރަށްތަކުގެ ވަށައިގެންވާ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް އިނގިރޭސި ވިލާތުން ކަނޑައެޅުމާ ދެ ލީޑަރުން ވެސް ވަރަށް ބޮޑަށް ދެކޮޅުހެއްދެވި ކަމަށެވެ.
ޗާގޮސްގެ ބޮޑު ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގެ ގޮތުގައި އިނގިރޭސި ވިލާތުން ކަނޑައެޅީ 2010 ވަނަ އަހަރު އެވެ.
"ޗާގޮސްގެ ވަށައިގެންވާ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދެއް ކަމަށް އިނގިރޭސި ވިލާތުން ކަނޑައެޅުމާ ދެ ލީޑަރުން ވަރަށް ބޮޑަށް ދެކޮޅުހައްދަވާކަން ހާމަކުރެއްވި އެވެ. އަދި މިކަމުގައި ދެ ގައުމުން އެއް ވިސްނުމެއްގައި އިނގިރޭސި ވިލާތުގެ ނިންމުމާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގަތެވެ. މިކަމުގައި ދެ ގައުމުން ވެސް ކޮންޓިނެންޓަލް ޝެލްފް އަދި އެ ގައުމެއްގެ އިގްތިސާދީ ހާއްސަ ސަރަހައްދުގެ މަސްލަހަތަށް ބަލާނެ އެވެ."
މަޖިލީހުގައި ނަޝީދު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ޗާގޯސްގެ ރަށްތަކަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައްލަވައިގެން މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވެފަ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮށްނުލާ ގޮތަށް މޮރިޝަސްއާ އެކު ރާއްޖޭގެ ކަނޑުގެ އިން ކަނޑައަޅަން މަސައްކަތްކުރަން އިނގިރޭސި ސަރުކާރާ މަޝްވަރާކުރަން ރާއްޖެ އާއި މޮރިޝަސް އިން އެއްބަސްވުމެއް ހެދި ކަމަށާއި މޮރިޝަސް އިން ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅީ ވެރިކަން ބަދަލުވި ފަހުން، އެއްބަސްވުމަށް އަމަލު ނުކުރުމުން ކަމަށް ވިދާޅުވި އެވެ.
މޮރިޝަސްގައި ނަޝީދު ކުރެއްވި މަޝްވަރާއާ ބެހޭ ލިޔުމުގައިވާ ގޮތުން ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކަނޑައަޅާއިރު ފުށުއަރާ ސަރަހައްދާ މެދު ދެ ގައުމުން ވާހަކަ ދައްކައިގެން އެކަން ހަމަޖައްސަން އެއްބަސްވެވަޑައިގެން ކަމަށް ބުނެފައިވެ އެވެ. މި މަސައްކަތަށް ޖޮއިންޓް ކޮމިޝަނެއް ހެދުމަށް ވެސް އެއްބަސްވެވަޑައިގަތެވެ.
ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލަ ހޫނުވެގެެން އުޅެނީ މި މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން ސިޔާސަތު ބަދަލުކުރި ކަމަށް ބުނެ އެވެ. އެއީ ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެކަން ރާއްޖޭން ހާމަކުރުމާ އެކުގަ އެވެ. ނަޝީދު މިއަދު ވިދާޅުވެފައިވަނީ މޮރިޝަސްއަށް މިކަމުގައި ތާއީދުކުރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށެވެ.
މީގެ ކުރިން ރާއްޖޭން މި މައްސަލާގައި އދ. ގައި ވޯޓު ދީފައި ވަނީ މުޅިން ވެސް މޮރިޝަސްއާ ދެކޮޅަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އަދި ވެރިކަން ބަދަލުވެ، އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ވެސް ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. އެކަމަކު 2019 ވަނަ އަހަރު އެގޮތަށް ވޯޓު ދިނުމުން ޕީޕީއެމުން ވަނީ އެގޮތަށް ވޯޓު ދިނުމަކީ ގައުމުތަށް އިސްތިއުމާރު ކުރުމަށް ތާއީދުކުރުން ކަމަށް ބުނެ މާފަށް އެދެން ގޮވާލައިފަ އެވެ.
ރާއްޖޭން އެންމެ ފަހުން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިޓްލޮސް އަށް މޮރިޝަސް އިން މައްސަލަ ހުށަަހަޅާފައި އޮތުމެވެ. ސަރުކާރަށް މިހާރު ފާޑުކިޔަނީ މިހެން ބުނުމަށް ފަހު، މޮރިޝަސް އަށް ވޯޓު ދޭނެ ކަމަށް ބުނުމުންނެވެ. ނަމަވެސް ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ބުނެފައި ވަނީ މޮރިޝަސް އިން ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި ޗާގޮސްގެ ރަށްތައް ހޯދަން އދ. ގައި ކުރާ މަސައްކަތަށް ބާރު ހޯދުމުގެ ހަތިޔާރެއްގެ ގޮތުން ކަމަށެވެ. ރާއްޖޭން އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން މިހާރު ނިންމާފައިވާ ކަމަށާއި ރާއްޖޭން އުންމީދުކުރަނީ މޮރިޝަސްގެ ދައުވާ އަނބުރާ ގެންދިއުން ކަމަށް ވަނީ ބުނެފަ އެވެ.