މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް
މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް

މި އަހަރަކީ ވެސް ދިވެހި ފިލްމީ ދާއިރާ އަށް ވަރަށް ފާގަތި އަހަރަކަށް ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. މިދިޔަ އަހަރަށް ވުރެ ގިނަ ފިލްމުތަކެއް މި އަހަރު ސްކްރީނަށް އަންނާނެ ކަމަށް ވެސް ވަރަށް ބޮޑަށް ބެލެވެ އެވެ. ޔަގީނުން ވެސް އެއް ކަމެއް ޔަގީނެވެ؛ އެއީ ފިލްމު އުފެއްދުމުގެ އާ ރޫހެއް އަނެއްކާ ވެސް ފެށިފައިވާ ކަމެވެ.

މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް
މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް

އެހެންވެ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ރީތި އަދި މޮޅު ފިލްމުތަކެއް ފެންނާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.

މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް
މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް

މިއާއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއް ކަމަކީ މި އަހަރަކީ ފިލްމީ ދާއިރާ އަށް ގިނަ އާ ފަންނާނުންތަކެއް ތައާރަފު ވާނެ އަހަރަކަށްވުމެވެ. ކުރިއަށް ހުރި ބައެއް ފިލްމުތަކަށް ބަލާ އިރު، ޒުވާން އާ އެކްޓަރުން ފެންނާނެ ކަން ޔަގީނެވެ.

މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް
މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް

މިއީ ދިވެހި ސިނަމާ އަށް އަންނާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދިވެހި ފިލްމުތަކުން ގިނަ ފަހަރަށް އެއް މޫނުތަކެއް ފެނުމަކީ ފިލްމު ބަލާ މީހުން އެންމެ ފޫހިވާ އެއް ކަންތަކެވެ. އެކަމަކު ފިލްމީ ދާއިރާގެ މިސްރާބު މިހާރު ހުރި ގޮތަށް ބަލާއިރު، މަންޒަރު ވަރަށް ސާފެވެ. މުސްތަގުބަލު ވަރަށް އުޖާލާ އެވެ. މި ދާއިރާ އަށް ޒުވާން ފަންނާނުން ނިކުތުމަކީ ހިތްވަރު ދޭން ޖެހޭ ކަމެކެވެ.

މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް
މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް

ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް އާ މީހުން މީ ދާއިރާ އަށް ނެރެން އާ ހިތްވަރެއް ލާން ޖެހެ އެވެ. ފުރުސަތުތައް ބޭނުންވެފައި ތިބި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހެ އެވެ. ހާއްސަކޮށް ފިލްމު ކުޅެން ޝައުގުވެރިވާ ޒުވާނުންނަށެވެ.

މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް
މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް

މިދިޔަ އަހަރު ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވި ތަރިންނަށް ބަލާއިރު، މަލީހާ ވަހީދު (މަލް) ވަނީ އާ ކުދިންނަށް ކުރިއަށް ދެވިދާނެކަން ވަރަށް ބޮޑަށް ސާބިތުކޮށް ދީފަ އެވެ.

މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް
މިއީ ދިވެހި ސިނަމާ އަށް ގިނަ އާ ތަރިންތަކެއް ފެންނާނެ އަހަރެއް

އޭނާ ކެރިއާ ފެށީ ހުސައިން މުނައްވަރު ޑައިރެކްޓް ކުރި "ނޭނގި ޔާރު ވަކިވީ" ގެ ވަރަށް ކުޑަކުޑަ ރޯލަކުންނެވެ. އެކަމަކު އެ ފިލްމާ އެކު، މަލްގެ އިތުރު ދެ ފިލްމެއް ސްކްރީނަށް އައެވެ.

އެއީ އަލީ ސީޒަން ޑައިރެކްޓް ކުރި "ވަފާތެރި ކެހިވެރިޔާ" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "ބައިވެރިޔާ" އެވެ. އަލަށް ތައާރަފުވި ބަތަލާއަކާ ބަލައިފައި، ތިން ފިލްމު އަހަރެއްގެ ތެރޭގައި ގެނެސްދެވުމަކީ އާދައިގެ ކަމެއް ނޫނެވެ.

މިއިން ދައްކައިދެނީ ކުރިއަށް ދާން ބޭނުން ނަމަ، ފުރުސަތުތައް މިހާރު ހުރި ކަމާއި ފިލްމީ ދާއިރާ އަށް އާ މީހުން ބޭނުންވާ ކަމެވެ.

މި އަހަރުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު، އެއް ފިލްމަކުން އެންމެ ގިނަ އާ އެކްޓަރުން ފެނިގެން ދާނެ އެއް ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "މީ ލޯތްބަކީ" އެވެ. އަންނަ އެޕްރީލް ފަހެއްގައި ރިލީޒް ކުރާ އެ ފިލްމުން ޒުވާން ބަތަލާއިންނާއި ފިލްމީ ދާއިރާ އަށް ފިރިހެން ދެ ލަވަ ކިޔުންތެރިން ވެސް ތައާރަފުކޮށް ދޭނެ އެވެ.

އޭގެ ތެރޭގައި ލަވަ ކިޔުންތެރިޔާ ޔާމީން ރަޝީދާއި "މޯލްޑިވިއަން އައިޑޮލް" އިން ވިދާލި އިބްރާހީމް އަމާން ހިމެނެ އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ "މީ ލޯތްބަކީ" އިން ތައާރަފުވާ ބަތަލާއިންނަށް ބަލާ އިރު ވަރަށް ޒުވާން ތިން އަންހެން ކުއްޖަކު އެ ފިލްމުން ބެލުންތެރިންނަށް ފެނިގެން ދާނެ އެވެ. އެއީ ސަމާ، ސާޔާ އަދި ސާޖީ އެވެ.

އެ ތިން ބަތަލާއިންގެ ތެރެއިން ސަމާ އާއި ސާޔާ މިހާރު ވެސް ބައެއް ޓީވީ އިޝްތިހާރުތަކުން ފެންނާނެ އެވެ. އޭގެ ތެރޭގައި ދިރާގާއި އުރީދޫގެ އިޝްތިހާރުތައް ހިމެނެ އެވެ.

މާޗް ދޭއްގައި ރިލީޒް ކުރާ "މަލިކާ" އަކީ ވެސް ފިލްމީ ދާއިރާ އަށް އާ ބަތަލާއަކު ތައާރަފު ވާނެ ފިލްމެކެވެ. ތަޖުރިބާކާރު ގިނަ އެކްޓަރުންނާއި މިހާރު ވިދަމުން އަންނަ ޒުވާން އެކްޓަރުން ވެސް ހިމެނޭ "މަލިކާ" ގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމެއްގެ ޓައިޓްލް ރޯލުން އާ ކުއްޖަކަށް ފުރުސަތެއް ލިބުމަކީ ހަގީގަތުގައި ކުޑަ ކަމެއް ނޫނެވެ.

އަބްދުލް ފައްތާހުގެ "ހައްދު" އަކީ މި އަހަރުގެ އެންމެ ވަރުގަދަ އެއް ފިލްމަށް ވާނެ އެވެ. ފިލްމުގެ ކާސްޓަށް ބަލާ އިރު، މިއީ ފިލްމީ ދާއިރާ އަށް ބަދަލެއް ގެނުވާނެ އެކްޓަރަކު ތައާރަފުވެގެން ދާނެ ފިލްމެކެވެ. އެއީ ޝިބާން އަހުމަދެވެ.

މުހައްމަދު މުންތަސިރު (މުންކޮ) ސްޓޭޖްޕެލޭއެއްގެ ގޮތުގައި 2013 ގައި ގެނެސްދިން "އިލް ނޮއިސް" ފީޗާ ފިލްމެއްގެ ގޮތުގައި މި އަހަރު ސްކްރީނަށް ގެންނަން އަމާޒު ހިފައިފައިވާ އިރު، މިއީ ވެސް ސްކްރީނުން އާ ހުނަރުވެރިންތަކެއް ފެނިގެން ދާނެ ފިލްމެއް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެ އެވެ.

ފިލްމާ ގުޅޭ ކަންކަން އަދި ވަރަށް ބޮޑަަށް ސިއްރުކޮށްފައި އޮތް "އިލް ނޮއިސް" އަކީ ސްކްރީނުން މި އަހަރު ފެންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވާނެ އެވެ.

ފާތުމަތު ނަހުލާ "ބީ" ގެ ނަމުގައި ގެނެސް ދޭން ނިންމި ފިލްމު ވައްގަނޑަށް ލާފައި މިހާރު އޭނާ ތައްޔާރުވަމުން އަންނަނީ "ބޮސް" ގެ ނަމުގައި ފިލްމެއް ހަދާށެވެ. މި ފިލްމުގެ ލީޑް ރޯލް ކުޅޭނެ އެކްޓަރަކު ހޯދަން އިއުލާންކޮށްލުމުން 200 އަށް ވުރެ ގިނަ ޒުވާނުން ޕްރޮފައިލް ފޮނުވި އެވެ.

ނަހުލާ ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން "ރީތި ހަށިގަނޑެއް" ހުރި ޒުވާނަކު މިހާރު ވަނީ ފިލްމަށް ހޮވައިފަ އެވެ. "ބޮސް"ގެ ބަތަލާއަކީ މަރިޔަމް އައްޒަ އެވެ.

މި އަހަރު ސްކްރީނަށް އަންނާނެ ކަމަށް ބެލެވޭ މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އަކީ ވެސް ފިލްމީ ދާއިރާ އަށް އާ އެކްޓަރަކު ނެރޭނެ ފިލްމެކެވެ. އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ޖުމައްޔިލް ނިމާލް (ޖުމަލް) އާ އެކު، އެ ފިލްމުން ތައާރަފު ވާނެ އެކްޓަރަކީ މުހައްމަދު ފައިސަލް (ބާސްކެޓް ފައިސަލް) އެވެ.

އަމްޖަދު އިބްރާހީމް (އަމްޖޭ) މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަކަށް ވާނީ "ދޭތީ އަނިޔާ" އެވެ. އައިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) އަދި ހާމިދު އަލީ މުހިއްމު ރޯލްތައް ކުޅޭ މި ފިލްމުން ވެސް އާ ތަރިންތަކެއް ތައާރަފު ވާނެ އެވެ.

ޔާރާ ޕްރޮޑަކްޝަންގެ ކްރައިމް ތުރިލާ "ވިޝްކާ" އަކީ މި އަހަރު ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމަކަށް ނުވާނެ އެވެ.

ރަވީ ފާރޫގް ޑައިރެކްޓްކޮށް، އޭނާ އާއި ރިޝްމީ ރަމީޒް އަދި އަހުމަދު ސައީދު ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ އެ ތިން ތަރިން ފިޔަވައި، ފިލްމުގެ ސަޕޯޓިން ކާސްޓުން މުޅިން ވެސް އާ ބަޔަކު ފެނިގެން ދާނެ ފިލްމެކެވެ.

ދާދި ފަހުން ވުޖޫދަށް އައި އިމޭޖިނޭޝަން ރިއަލިޓީން ހަދާ ފުރަތަމަ ބިރުވެރި ފިލްމު "ލޫތު" އިން ވެސް އާ ބަތަލާއަކު ތައާރަފު ވާނެ އެވެ. މި ފިލްމު ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ. ފިލްމުގެ ފަސްޓްލުކް އަންނަ މަހު ލޯންޗް ކުރާނެ އެވެ.

މަދޮށިޕް ސްޓޫޑިއޯ އިން ހަދަން ނިންމާފައިވާ "ބަގަޅޭ" އަކީ ވެސް ފިލްމީ ދާއިރާ އަށް ބަދަލެއް ގެނުވައިދޭނެ ފިލްމެކެވެ. އެ ފިލްމަކީ ސްކްރީނުން އާ ބަޔަކު ފެނިގެން ދާނެ ފިލްމެއްކަން މަދޮށިޕް ޓީމުން ވަނީ ބުނެފަ އެވެ.

މިއީ މި އަހަރުގެ ބައެއް ފިލްމުތަކުގެ ވާހަކަ އެވެ. މި ނޫން ވެސް ފިލްމުތަކެއް މި އަހަރު ސްކްރީނަށް އަންނާނެ އެވެ. އެހެންވެ އަލަށް ފިލްމީ ދާއިރާ އަށް ނިކުންނަ އެކްޓަރުން މި އަހަރު ގައިމު ވެސް ރެކޯޑް އަދަދަކަށް އިތުރު ވާނެ އެވެ.

މިއީ ހެޔޮ ފާލެކެވެ. ފިލްމް ބަލާ މީހުންގެ ޝައުގުވެރިކަން އިތުރު ވާނެ ކަމެކެވެ.