24 އޮކްޓޯބަރ 2022 - 06:46

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރްމާގެ ކުރިއަށް އޮތް ފިލްމު "ޗަކްދާ އެކްސްޕްރެސް" ގެ ޝޫޓިންތައް މިހާރު އިންޑިއާގެ ކޮލްކަތާގައި ކުރިއަށްދާއިރު އެ ފިލްމުގައި އޭނާ ފެންނާނެ ގޮތުގެ ބައެއް ފޮޓޯތައް އާންމުކޮށްފި އެވެ.

އެ ފިލްމަކީ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ، ޖުލަން ގޯސްވާމީގެ ހަޔާތަށް ނެރޭ ފިލްމެކެވެ. އިންޑިއާގެ އަންހެން ކްރިކެޓް ޓީމުގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ ޖުލަންއަކީ އެ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފައިވާ މީހެކެވެ.
އޭނާގެ ހަޔާތަށް ނެރޭ ފިލްމުގައި އޭނާގެ ރޯލު ކުޅޭނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ އެވެ. އޭނާ ވަނީ އެ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ޓްރެއިންތަކެއް ވެސް ހަދައިފަ އެވެ.
ފިލްމުގެ ޝޫޓިންތައް މިހާރު ކުރިއަށްދާއިރު އަނުޝްކާ މިވަނީ އެ ފިލްމުގައި އޭނާ ފެނިގެންދާނެ ބައެއް ގޮތްތައް ސަޕޯޓަރުންނަށް ދައްކާލައިފަ އެވެ. ކޮނޑާ ހިސާބަށް އަރާ ވަރުގެ އިސްތަށިގަނޑަކާ އެކު އަނުޝްކާ ފެންނަނީ ކްރިކެޓް ދަނޑުގައި ކުޅެން އުޅޭ މަންޒަރުތަކުންނެވެ.
މި ފިލްމުގައި ޖުލަންގެ ކްރިކެޓް ހަޔާތް ފެށުނު ގޮތާއި އޭނާގެ ކާމިޔާބީތައް ވެސް ދައްކާލާނެ އެވެ.
އަނުޝްކާ އެންމެ ފަހުން ފެނުނީ 2018 ގައި ނެރުނު ފިލްމު "ޒީރޯ" ގައި ޝާކްރުކް ހާނާއި ކެޓްރީނާ ކައިފާ އެކުގަ އެވެ.