ވެށިފަހި ފްލެޓް ހޯދަން ދޫކޮށްލި 37 ބިމެއް، އަކަފޫޓެއް 2000ރ. އަށް ވިއްކާލަނީ
ވެށިފަހި ފްލެޓް ހޯދަން ދޫކޮށްލި 37 ބިމެއް، އަކަފޫޓެއް 2000ރ. އަށް ވިއްކާލަނީ

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބުނު މީހުން ދައުލަތަށް ދޫކޮށްލި 37 ބިމެއް، އަކަފޫޓެއް 2000 ރުފިޔާގެ ރޭޓުން ވިއްކާލަން ހައުސިން މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

ވެށިފަހި މާލޭ ޕްރޮގްރާމުގެ ދަށުން ފްލެޓް ދެނީ އެ މީހަކަށް މާލެ އިން ލިބިފައިވާ ބިން ދައުލަތަށް ދޫކޮށްލަން އެއްބަސްވުމުންނެވެ. އެ ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުން ދައުލަތަށް ބިން ދީފައިނުވާތީ އެ ބިންތައް ސަރުކާރާ ހަވާލު ކުރުމަށް ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ތިން މަސް ދުވަސް ދީފަ އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ދައުލަތަށް ދޫކޮށްލި ބިންތައް ވިއްކުމުގައި އެންމެ އިސްކަން ދޭނީ ވިއްކައިލާ ބިމާ އިންވެގެން އޮންނަ ބިންތަކުގެ މިލްކުވެރިންނަށެވެ. އެ ނޫން ފަރާތްތަކަށް އެ އިން ބިމެއް ވިއްކާނީ، އެފަދަ ފަރާތެއް ބިން ގަތުމަށް ކުރިމަތިލާފައި ނެތް ނަމަ ކަމަށް އުސޫލުގައި ބުނެފައި ވެ އެވެ. އަދި ވިއްކަން ނިންމާ ބިމާ އިންވެގެން އޮންނަ އެއްވެސް ބިމެއްގެ މިލްކުވެރިއަކު އެ ބިން ގަތުމަށް ބޭނުންނުވާ ނަމަ އެ ނޫން ފަރާތަކަށް އެ ބިން ވިއްކާނީ ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގަކަށެވެ.

އެ ފަދަ ބިމެއް ގަންނަން ޝައުގުވެރިވާ މީހުން ލިޔެކިޔުންތައް، މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ އެވެ.

ބިމުުގެ އަގު ދައްކައި، ޝަރުއީ މަރުހަލާ ނިންމައި، އެކަން ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމުން އެ ފަރާތެއްގެ ނަމަށް އެ ބިން ބަދަލުކޮށްދޭނެ ކަމަށް އުސޫލުގައި ވެ އެވެ. އަދި އޭގައި ބުނާ ގޮތުން، ބިން ގަތީ އެ ބިމާ އިންވެގެން އޮންނަ ބިމެއްގެ މިލްކުވެރިއަކު ކަމަށްވާ ނަމަ ދެ ބިން އެއްކޮށްލައިގެން ވެސް ރަޖިސްޓްރީ ހެދިދާނެ އެވެ.

ވިއްކަން ނިންމާފައިވާ ބިންތަކުގެ ބޮޑުމިނަކީ 90 އަކަފޫޓުން ފެށިގެން 200 އަކަފޫޓާ ދެމެދެވެ. އެއީ މާފަންނުން 12 ބިމަކާއި މައްޗަންގޯޅިން އަށް ބިމަކާއި ގަލޮޅުން ހަތް ބިން އަދި ހެންވޭރުން 10 ބިމެކެވެ.

ހައުސިން މިނިސްޓްރީން ބުނީ ވިއްކުމަށް ހަމަޖެހިފައި ވަނީ ޕާކިން އާއި ގްރީން އޭރިއާ ފަދަ އިޖުތިމާއީ ފައިދާއެއް، އެ ސަރަހައްދަކަށް ލިބޭނެ ފަދަ ބިންތައް ފިޔަވައި އެހެން ބިންތައް ކަމަށެވެ.