23 އޮކްޓޯބަރ 2022 - 16:12

ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް ދެފުށް ފެންނަ ގޮތެއްގައި ދިނުމަށް ސޮފްޓްވެެއާއެއް ހަދަން ފަށައިފި އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު "މިހާރު" އަށް ވިދާޅުވީ އާއްމުންނަށް ފަސޭހަވާނެ ގޮތަށް ހިދުމަތްތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަންނަ މަހުގެ ތެރޭގައި އެ ސޮފްޓްވެއާ ބޭނުންކުރެވޭނެ ކަމަށް ސައުދު ވިދާޅުވި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް މިހާރު ދެމުން އަންނަނީ ޕޯޓަލް އަކުންނެވެ. އެކަމަކު، ސޮފްޓްވެއާ ހަދަމުން އަންނަނީ އެކަމުގެ ކޮންސަލްޓަންޓަކާ ހަވާލުކޮށްގެންނެވެ.
ސައުދު ވިދާޅުވީ ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން އެ މިނިސްޓްރީއާ ގުޅޭގޮތުން އެންމެ ގިނައިން ލިބޭ އެއް ޝަކުވާ، ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލެއް ލިބި، ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ދެވޭނެ ކަމަށެވެ.
"މިހާރު މި އިވޭ ރަޖިސްޓްރޭޝަންގެ ޝަކުވާތަކަށް ވެސް ލުއެއް ލިބިގެންދާނެ ސޮފްޓްވެއާ ބޭނުންކުރަން ފެށީމަ،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ސޮފްޓްވެއާއެއް ހަދަން ފެށިއިރު، ވެހިކަލް ރަޖިސްޓްރޭޝަންގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރިިއިރު، އޭގެ ތެރެއިން 87 އުޅަނދެއްގެ ވެރިފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ވަނީ ވެހިކަލް ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ އެ އުޅަނދުތަކުގެ ރަޖިސްޓްރީ ހެދީ ސޮއި ފޯޖުކޮށްގެން ކަމަށެވެ. އެހެންވެ، އެ އަމުރު ބަލައިނުގަނެ ސިވިލް ކޯޓުގެ މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅާނެ ކަމަށް ހަމަދު ވިދާޅުވި އެވެ.
އެކަމަކު، ސައުދު ވިދާޅުވީ ކޯޓުތަކުގެ ހުކުމްތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށެވެ.