23 އޮކްޓޯބަރ 2022 - 12:52

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހުންނަ ސުނާމީ ބިނާ މައިޒާނަށް އަޅާނުލެވި، އެ ތަން ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.

ކުރިން ލޮނުޒިޔާރާތްކޮޅުގައި ހުރި ސުނާމީ ބިނާ، ކުރީގެ ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކުރީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށެވެ. ނަމަވެސް ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ އަދަދު ދައްކުވައިދޭ ގޮތަށް ހަދާފައިވާ ސުނާމީ ބިނާ މައިޒާން ސަރަހައްދު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ސުނާމީ ބިނާ މައިޒާނުގެ ބޭރުގައި ހަރުކޮށްފައިވާ ޕްލާސްޓިކް ނަން ބޯޑު ވެސް ހުރީ އެކި ތަންތަނުން ކަނޑައިގެން ގޮސް، ބޯޑު ވަރަށް ބޮޑަށް ހަޑިވެފަ އެވެ. އެތެރެ އަށް ވަދެގެންދާއިރު ފެނުނީ ބިން މަތީގައި އަތުރާފައިވާ ގާތައް ވެސް ނައްޓައިގެން ގޮސްފައިވާ ތަނެވެ. އެހެންވެ، އެ ތަނުގެ ބޮޑު ސަރަހައްދެއްގައި އަތުރާފައިވާ ގާތަށް ވެސް މިހާރު ވަނީ ނަގައި، އެއްފަޅީގައި ބަހައްޓައިފަ އެވެ.

ސުނާމީ ބިނާ މައިޒާނުގެ ނެރާ ދިމާވާ ފަޅިން ބޮޑު ބައެއް އޮތީ ގާތަށް ނެއްޓި މޫދަށް ދަމައިގެންފަ އެވެ. ގާތައް މޫދަށް ދަމައިގެންފައި ނެތް ތަންތަނުގައި ވެސް ހުރީ އޭގެ އަޑީގައިވާ ވެލިގަނޑު ދަމައިގެންފަ އެވެ. ދެތިން ދިމާލެއްގައި އެ ގޮތަށް ދަމައިގެންފައި އެބަހުއްޓެވެ.

އެ ތަނަށް ފައިބާ މީހަކަށް ބޮޑު އަނިޔާއެއް ވުމަކީ ވަރަށް ކައިރި ކަމަކަށް ވިޔަސް އެ ސަރަހައްދު ބަންދެއް ނުކުރެ އެވެ.
ސުނާމީ ބިނާގެ ދަގަނޑުތަކާއި އޭގައި ހަރުކޮށްފައިވާ ދަގަނޑު ބޯޅަތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައިފަ އެވެ. މުޅި ސުނާމީ ބިނާ މައިޒާނުގައި ވެސް ރޭގަނޑު ވަގުތުތަކުގައި އެއްވެސް އަލިކަމެއް މިހާރު ނެތެވެ. ސުނާމީ ބިނާ އާއި އެ ތަނުގެ އެކި ސަރަަހައްދުގައި ހަރުކޮށްފައިވާ ލައިޓުތައް ރޭގަނޑު ކުރިން ދިއްލި ނަމަވެސް މިހާރު އެ ތަނަށް ކިރިޔާވެސް އަލިކަމެއް ލިބެނީ އެ ސަރަހައްދުގައި އަޅާފައިވާ ދޯނިތަކުންނެވެ.
އެ ތަނުގައި މީހުން އިށީގެންދެ ތިބުމަށް ބަހައްޓާފައި ހުރި ޖޯލިތައް ވެސް ހަލާކުވެ، އެ ވެސް ހުރީ އެތަނުން ނަގައިފަ އެވެ.
މީގެ އަހަރު ދުވަސް ކުރިން ވެސް އެ ހާލަތުގައި އެ ތަން އޮތްއިރު، އެ ތަން ނުހަދާ އެހާ ގިނަ ދުވަސްވަނީ ކީއްވެތޯ ސުވާލުކުރުމުން މާލޭ ސިޓީ ކައުންސިލުން ބުނީ އާ މެމްބަރުން ކައުންސިލާ ހަވާލުވިއިރު ވެސް އޮތީ ވަރަށް ބޮޑަށް ވީރާނާވެ، ބޮޑު ގެއްލުމެއް ލިބިފައި ކަމަށެވެ. އެކަމަކު އަލުން އެތަން ހެދުމަށް ކައުންސިލުގައި މި ވަގުތު ބަޖެޓް ނެތް ކަމަށް ވެސް ބުންޏެވެެ.
ކައުންސިލުން ބުނީ ސުނާމީ ބިނާ މައިޒާނުގެ މަސައްކަތް ކުރެވޭނީ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމަށާއި އެހީ ލިބިއްޖެ ނަމަ ވަގުތުން މަސައްކަތް ފެށޭނެ ކަމަށެވެ.
ސުނާމީ ބިނާގެ ހާލަތާ ގުޅޭގޮތުން ކައުންސިލުން މިދިޔަ އަހަރުގެ މޭ މަހު ތައްޔާރުކުރި ރިޕޯޓެއްގައިވާ ގޮތުން، އެ ތަނުގެ ބިންގަނޑު އަޑިއަށް ދަނީ ސުނާމީ ބިނާގެ ހުޅަނގު ފަރާތުގެ ޝީޓްޕައިލް މޫދަށް ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައި ވާތީ އެވެ.
ވެލިގަނޑު މޫދަށް ދަމައިގަތުމުގެ ސަބަބުން، ބިންގަނޑު ގަނބައިގަނެ އަހަރަކު 3-4 ފަހަރު އެ ތަނުގެ ގާތަށް ނަގައި ކޮނުމަށް ފަހު ވެލި އަޅައި ލެވެލް ކުރަންޖެހޭ ކަމަށް ރިޕޯޓުގައި ވެ އެވެ. އެކަމަށް ދާއިމީ ހައްލަކީ ޝީޓްޕައިލް ނަގައި އަލުން ޝީޓްޕައިލް އެޅުން ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް އަބަދުވެސް ލިބޭތީ ރިޕޯޓުގައި ވަނީ ހުޅަނގު ފަރާތު ޝީޓްޕައިލް މިހާރަށް ވުރެ ދެ ފޫޓު އުސްކޮށް އެތެރެއަށް ރާޅު ނާރާނެ ގޮތަށް ޑިޒައިން ކުރުން މުހިއްމުކަން ފާހަގަކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުނާމީ ބިނާ މައިޒާން މިހާރު ހުރި ތަނަށް ބަދަލުކުރީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ބެލުމުގެ ދަށުންނެވެ. އެކަމަކު އެމްޑީޕީގެ މެޖޯރިޓީ އޮތް ކުރީގެ ކައުންސިލުން އެތަން މަރާމާތުނުކޮށް، ހަލާކުވާން ދޫކޮށްލާފައި އޮތުމުން މުއިއްޒު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.