ނަލަންދޫ ފަރަށް އެރި ކޮޅުވެއްޓި ނުނެގި ދެ އަހަރު! ފިޔަވަޅެއް ވެސް ނޭޅޭ!
ނަލަންދޫ ފަރަށް އެރި ކޮޅުވެއްޓި ނުނެގި ދެ އަހަރު! ފިޔަވަޅެއް ވެސް ނޭޅޭ!

މީގެ ދެ އަހަރު ކުރިން ށ. ނަލަންދޫ ފަރަށް އެރި ކޮޅުވެއްޓި އެތަނުން ނެގުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެ ކޮޅުވެއްޓި އޮޕަރޭޓްކުރާ ކުންފުންޏާ މަޝްވަރާ ކުރެވޭ ގޮތެއް ވެސް ނެތް ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އެ ކޮޅުވެއްޓި ފަރަށް އެރީ އުތުރުގެެ ބައެއް ރަށްތަކަށް ފެނަކައިން ފޮނުވި ޖަނަރޭޓަރާއި މުދަލާ އެކު ދަތުރު ކުރަނިކޮށެވެ. އޭރު އޭގައި 13 މިިލިއަން ރުފިޔާ މުދާ ހުއްޓެވެ. މުދާތައް ހުސްކުރި ނަމަވެސްް އެ ކޮޅުވެއްޓި އޮތީ އެތަނަށް ދޫކޮށްލައިފަ އެވެ.

އީޕީއޭ އިން މީގެ ކުރިން ބުނެފައި ވަނީ އެ ކޮޅުވެއްޓި ނެގުމަށް މުއްދަތެއް ދީފަައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ އެ ކޮޅުވެއްޓީގެ ވެރިފަރާތް، ހެވީލޯޑް މޯލްޑިވްސް އާ މުއާމަލާތް ކުރެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ. އެހެންވެ ކޮޅުވެއްޓި ނެގޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ދެން ހެދޭނެ ގޮތެއް އީޕީއޭގެ ގާނޫނީ ވަކީލުން ބަލަމުން އަންނަ ކަމަށެވެ.

"ހެވީލޯޑާ ކޮމިޔުނިކޭޓް ކުރެވޭނެ ގޮތެއް ނެތް. އެކަން ކުރިއަކަށް ނުދޭ. ގުޅީމަ ފޯނަށް ޖަވާބެެއްް ނުދޭ. ލީގަލް ޓީމާ އެކު މަސައްކަތް ކުރަމުން މި ދަނީ ކިހިނެއްތޯ ކުރިއަށް ގެންދެވޭނީ. ކުރިއަށް ދާން ނުވަތަ ޖޫރިމަނާ ކުރަން ވެސް އެނގޭނީ އެ ކުންފުންޏާ މަޝްވަރާ ކުރެވުމުން. ކުރަމުންދަނީ ކޮން މަސައްކަތެއްް ކަމާއި މިހާތަނަށް ވެސް އެ ނުނެގި އޮތީ ކީއްވެކަން ސާފުވެގެން،" ނައީމް ވިދާޅުވި އެވެ.

ހެވީލޯޑުގެ ހިއްސާ އޮންނަ، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އަށް ގުޅުމުން ވިދާޅުވީ އެކަމާ ގުޅޭގޮތުން ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ފަރަށް އަރާ އުޅަނދުތަކާ މެދު އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލަކީ ބޯޓެއް ފުރަތަމަ ފަރަށް އަރައިފި ނަމަ އިންޒާރު ދެނީ އެވެ. ހަމަ އެ ބޯޓު ދެ ވަނަ ފަހަަރަށް ފަރަށް އަރައިފި ނަމަ ޖޫރިމަނާ ކުރެ އެވެ. ނަމަވެސް އެއީ ހިމާޔަތް ކޮށްފައިވާ ފަރެއް ނަމަ ފުރަތަމަ ވެސް ކުރަނީ ޖޫރިމަނާ އެވެ.