23 އޮކްޓޯބަރ 2022 - 06:40

ބުދަ ދުވަހާ ގުޅޭ
"އަޅެ އެ މެސެޖު ފޮނުވި ނަމަ.." އޭނަގެ މެސެޖުގައި އޮތެވެ.
އެ ފަހަރު ނަޒްދާ ގާތަށް އައީ ހިންޏެވެ. ވަށައިގެން ހޯދައިލެވުނެވެ. ހިތަށްއެރިއެވެ. އެކަނި އިނދެގެން ނަޒްދާ ލިޔުނު މެސެޖެއް އޭނައަށް ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ މުޖުތަބާ ކަންތައްކުރި ގޮތުން ނަޒްދާ އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ. ހިތްހަމަޖައްސައިލަން ބޭނުންވެފައެވެ. މެސެޖެއް ލިޔެނުލައި އެ ފަހަރަކު ނީނދެވުނެވެ.
"ތީ އަހަރެންގެ ހިޔަނިތަ؟" މެސެޖު ލިޔެފައި، ފޮނުވަން ނުފޮނުވަން އިނދެފައި ފޮނުވައިލިއެވެ. "ކޮން ތާކު ތީނީ؟"
ނަޒްދާއަށް އައީ އުންމީދު ވެސް ނުކުރާ ކަހަލަ ރައްދެކެވެ. ދެރަވެފައިވާ މޫނެއްގެ އިސްޓިކާއެކެވެ. އޭގެ މާނަ ނަޒްދާއަކަށް ނުވިސްނުނެވެ. ނަޒްދާ ސުވާލުމާކެއް ފޮނުވައިލިއެވެ.
"ގުޅަންތަ؟" ދެން އޭނަ ފޮނުވި މެސެޖުގައި އޮތެވެ.
ނަޒްދާ ވިސްނައިލިއެވެ. އިންކާރުކުރާކަށް ބޭނުމެއް ނުވިއެވެ. ހުއްދަދޭކަށް ނުކެރުނެވެ. ވިސްނަން ވަގުތު ބޭނުންވިއެވެ.
"ނޫނެކޭ ބުނެފިއްޔާ ނުގުޅާނަން؟" ނަޒްދާ އެހިއެވެ.
ނުދަންނަ ނަންބަރަކުން ނަޒްދާއަށް ފޯނެއް އަންނަން ފެށިއެވެ. ނަޒްދާ ބަލައިލީ މޫމިނާއަށެވެ. ލާނެތް ހިންޏެއް އައިސްފައި މޫމިނާ ބަލަހައްޓައިގެން އިނެވެ. ނަޒްދާ ޖަހާ ސަކަރާތް ބަލަން މޫމިނާ އިންނަތާ އިރުކޮޅެއްވެއްޖެއެވެ. ނަޒްދާ ވެސް ހީނލައިފައި ފޯނުނެގިއެވެ. އެކަމަކު އެއްޗެއް ނުބުނެއެވެ. ހިތުގެ ނުއަތުން ޖެހިލި އަކުރިސް، މަޑުމަޑުން ތޫފާނަކަށް ބަދަލުވުމުގެ ކުލަވަރު ނަޒްދާގެ ލޯމައްޗަށް ފެނުނު ކަހަލައެވެ.
"ނޫނެކޭ ބުނެފާނެތީ އަވަހަށް މި ގުޅީ،" އޭނަ ބުންޏެވެ. "ސޭޑްފޭސްއެއް މި ފޮނުވީ ނަޒްދާ ރިޕްލައިކުރި ގޮތުން. މި ވަގުތު ނަޒްދާ ތީނީ ވަރަށް ވަރަށް ދެރަވެފަ. އެހެން ނޫން ނަމަ، އަހަންނަކަށް ރިޕްލައިއެއް ނުކުރާނެ. އެހެންވެ ދެރަވީ."
ނަޒްދާ އެއްޗެއް ނުބުނެއެވެ. އަޑުއަހަން އިނީއެވެ. އެ މީހަކު ގުޅަނީ ކޮން ނިޔަތެއްގައިކަން ނަޒްދާއަށް އެނގެއެވެ. އެނގި ހުރެ އެ ފޯނަށް ޖަވާބުދޭކަށް ނަޒްދާގެ ސިކުނޑި އެއްބަހެއް ނުވެއެވެ. ހުރިހައި ހިތްވަރެއްދިނީ ނަޒްދާގެ ހިތެވެ.
"މުޖޫގެ ވަރަށް ގިނަ ރައްޓެހިންނާ އަހަރެން ރައްޓެހިކަން ބާއްވަން،" އޭނަ ބުންޏެވެ. "ކީއްވެގެންކަން ކޮންމެހެން ބުނާކަށް ނުޖެހޭނެ. އަހަންނަށް މާ ކުރިން އެނގޭ ނަޒްދާ މި ތަނަށް އަންނަކަން. ކަރޯކޭޖައްސަން ރައްޓެހިންނަށް މުޖޫ ގުޅި އިރު އަހަރެން ވެސް އެ ތާ އިނިން. އަހަންނަށް އެނގޭ މުޖޫ އެ ތަނަށް ދާނެކަން. އެހެންވެ މި ތަނަށް އައީ. ނަޒްދާ މެސެޖު ލިޔުނު އިރު އަހަރެން އިނީ ފަހަތުގަ ހުރި ޕްލެޓްފޯމް މަތީގަ، ކެމެރާ ޒޫމްކޮށްގެން ނަޒްދާ ކުރާ ކަންތައް ބަލަން. އެހެންވެ އެނގުނީ. މިހާރު ވެސް އެ ތާ މިހިރީ. ބޭނުމިއްޔާ ބަލާލަބަލަ!"
ދެން ވެސް ނަޒްދާ އެއްޗެއް ނުބުނެއެވެ. އެކަމަކު ވަރަށް އުފާވިއެވެ. ހަގީގަތުގައި "އޭނަ" ކުރީ ފިރިމީހާ ކޮށްދޭންޖެހޭ ކަންތަކެވެ. ހަޔާތުގައި ކުރިމަތިވާ އެކަނިވެރިކަން ފިލުވައިދިނުމެވެ. ކައިވެނިކުރަނީ ހަމަ އެކަނި ދަރިފަސްކޮޅު އާލާކުރާކަށް ނޫނެވެ. ދޮވެއިސްތިރިކޮށް، ކައްކައި، ތަންމަތިއަޅައިދޭކަށް ވެސް ނޫނެވެ. ހިތާމައިގެ ވަގުތު ކަރުނަ ފުހެދިނުމާއި، އުފަލުގައި ހެޔޮހިތުން ބައިވެރިވުމާއި، ބަލިހާލުގެ ވަގުތުގައި މަދަދުފޯރުވުމަކީ ބައިވެރިޔާ ކޮށްދޭންޖެހޭ ކަންކަމެވެ. އެ ކަންކަން ނުކޮށްފި ނަމަ، ހަޔާތުގެ ކުރި ގުރުޑުވާނެއެވެ. ބައިވެރިޔާ އަތުން ބީވެދާނެއެވެ. ނަޒްދާއަށް ވަމުންދިޔައީ އެހެންނެވެ. އެހެނަސް، ނަޒްދާ ނުވެސް އެނބުރުނެވެ. ބަލައިލަން ކިތަންމެ ބޭނުންވިޔަސް ވެހެވެ.
"ތިހާ ތެދުވެރި، ރަނގަޅު އަންބެއް މުޖޫއަށް ހައްގެއް ނޫން." އޭނަ ބުންޏެވެ.
ނަޒްދާ ވަގުތުން ފޯނުކަނޑައިލިއެވެ. ފިރިމީހާޔާ ދިމާއަށް އެހެން ބުނުމުގެ ހައްގު އެއްވެސް މީހަކަށް ދޭކަށް ނަޒްދާ ބޭނުމެއް ނޫނެވެ. އޭނައަށް އެ ކަން ވިސްނުނެވެ. ބުނަން ނުވާ އެއްޗެއް ބުނެވުނުކަމުގެ އިހުސާސްކުރެވުނެވެ. ބަލަހައްޓައިގެން އިން މޫމިނާއަށް ފެނުނީ ނަޒްދާ މޫނުގެ ކުލަވަރު މިލި ތަނެވެ. ސަބަބެއް ނޭނގުނެވެ. ދެން އިވުނީ ނަޒްދާއަށް މެސެޖެއްއައި އަޑެވެ. ނުބަލަން ހިތަށްއަރާފައި ވެސް ނަޒްދާ މެސެޖު ބަލައިލިއެވެ.
"ސޮރީ! ނުބުނަންވާ އެއްޗެއް މި ބުނެވުނީ،" މެސެޖުގައި އޮތެވެ. "ވަރަށް ބޮޑަށް މާފު!"
ނަޒްދާ ޖަވާބެއް ނުދެއެވެ. ހުރިހައި މެސެޖެއް ފުހެލިއެވެ. އެއީ، ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. ނަޒްދާގެ ފޯނަކު ފާސްބަހެއް ނޯވެއެވެ. ފޯނު ތަޅެއް ނުލައެވެ. އިރުއިރުކޮޅާ މުޖުތަބާ ފޯނު ބަލައެވެ. އެހެނަސް މުޖުތަބާގެ ފޯނު އޮންނަނީ ބޮޑުތަޅުއަޅުވައިފައެވެ. ބައެއް ފަހަރު މުޖުތަބާ ވެސް ފޯނު ނުހުޅުވިގެން އުޅެއެވެ. ދުވާލަކު ދެ ދަޅައަށް ފާސްބަސް ބަދަލުކުރާތީއެވެ. އެއީ ކޮން ސިއްރެއް ފޮރުވަންކަމެއް ނަޒްދާއަކަށް ނޭނގެއެވެ. އެކަމަކު އޭގައި ސިއްރެއް އޮތެވެ.
ކަރޯކޭކިޔަން މުޖުތަބާ އާންމުކޮށް ދަނީ ރައްޓެއްސެއްގެ ގެއަށެވެ. ބައެއް ފަހަރު، ހުޅުމާލޭގައި ހުންނަ ކެފޭއަކަށް ވެސް ދެއެވެ. ކައިވެނި ހަފުލާއަށް ނުވަދެ ދިޔަ ރޭ މުޖުތަބާ ދިޔައީ ކެފޭއަށެވެ. އެ ތަނުން ނީޒާޔާ ދިމާވާނެކަން އެނގޭތީއެވެ. ކިތަންމެ ޖެއްސުން ބޮޑަސް، ނީޒާގެ ދަމާބާރުން މުޖުތަބާ ސަލާމަތެއް ނުވެއެވެ. ރީތި، ދިގު އިސްތަށިގަނޑެއް އޮންނާތީއެއް ނޫނެވެ. ނީޒާ ލަވަކިޔާލެއް ވެސް މުޖުތަބާއަށް ވަރަށް ރީއްޗެވެ. މުޖުތަބާ ކިޔާ ލަވައިގެ އަންހެން ބައި ކިޔަން ނީޒާ ވެސް ބޭނުންވެއެވެ. އެ ދެމެދުގައި އޮންނަނީ ނަމެއް ދޭން އުނދަގޫ ކަހަލަ ގުޅުމެކެވެ. އެރޭ ދެ މީހުން ވެސް ކިއީ މާނަ ފުން ލޯބީގެ ލަވައެވެ. ކޮންމެ މީހަކަށް ވެސް ހީވާ ކަހަލައެވެ. ޅެމުން އެ އިވެނީ ހިތުގެ އަޑެވެ.
ކަރޯކޭ ނިންމައިފައި މުޖުތަބާ ނުކުތް އިރު ނީޒާ، އެކަނިމާއެކަނި ބޭރުގައި ހުއްޓެވެ. ހުރި ގޮތުން ހީވަނީ މީހެއްގެ އިންތިޒާރުގައި ހުރިހެންނެވެ. އޭރު ގަނޑިން ރޭގަނޑު ބާރަގަޑި ބައިވަނީއެވެ.
"އޭނައެއް ނާންނާނެ." މުޖުތަބާ ބުންޏެވެ.
މުޖުތަބާގެ ހަމަ އެކަނި މަގުސަދަކީ ސަމާސާކޮށްލުމެވެ. އެހެނަސް، މުޖުތަބާ ބުނި އެއްޗަކުން ނީޒާގެ މޫނުމައްޗަށް ހިތާމައިގެ އަސަރު ވެރިވި ތަން މުޖުތަބާއަށް ފެނުނެވެ. ސަބަބު ހޯދަން މުޖުތަބާ އުޅުނެވެ. ނީޒާއެއް ނުބުންޏެވެ. އެންމެ ފަހުން، ގެއަށް ދާން ފައިމަގުގައި ނީޒާ ހިނގައިގަތެވެ. މުޖުތަބާ ހިތަށްއެރިއެވެ. އެއީ މުޖުތަބާޔާ ބެހޭ ކަމެއް ނޫނެވެ. ސައިކަލަށް އަރައިގެން މުޖުތަބާ މާލެއަށް ދާން ދަތުރު ފެށިއެވެ. ތަންކޮޅަކަށް ގޮސްފައި ލޯގަނޑުން ފަހަތް ބަލައިލި އިރު ވެސް ނީޒާ އައީ އެކަންޏެވެ. މުޖުތަބާއަކަށް ކެތެއްނުވިއެވެ. ސައިކަލު އަނބުރައިލިއެވެ. އެއްކޮޅަށް ދުއްވާ މަގެއްގެ ނުގަވައިދުން އައިސް ނީޒާ ގާތަށް މަޑުކޮށްލިއެވެ.
"އަރާ!" މުޖުތަބާ އެދުނެވެ.
ނީޒާއެއް ނުހުއްޓެއެވެ. ނީޒާގެ ފަހަތުން މުޖުތަބާ އައެވެ. އެ ފަހަރު ބުޅީގައި މަސް ގަންނާނެކަން ނީޒާއަށް ޔަގީނެވެ. ނީޒާ ބޭނުންވީ ދޫދޭށެވެ. ގުނަވަންތަ ބަނޑިތަކުން ފިލިކުރަމުން ނީޒާ ކުރިޔަށް ހިނގިއެވެ.
"ވައިފް ރުޅިއަންނާނެ،" ހަމުދަރުދީން ލަފުޒުތައް ފޯކުރަމުން ނީޒާ ބުންޏެވެ. "ހިތަށްއަރާ އޭނަ ހާދަ ލަކީއޭ. މުޖޫ ދޭ ގެއަށް. ސަލާމަތުން ގެއަށް ދެވިއްޖެއްޔާ މެސެޖެއް ކޮށްލާނަމޭ!"
"ދެން.. މި މަގުތައް މިހާރު ނުލާހިކު ޑޭންޖަރަސް. ނީޒާ އެކަނި ދޫކޮށްލާފަ ނުކެރޭނެ ދާކަށް،" ސައިކަލު ހުއްޓައިލަމުން މުޖުތަބާ ބުންޏެވެ. "އަޅެ އަރާބަލަ! ޕްލީޒް! ނާރައިފިއްޔާ ސައިކަލު ތަޅުދަނޑި ގަސްތަކު ތެރެއަށް ހޫރާލަނީ."
"ނޫންނޫން!" ނީޒާ އަނބުރާލައިފައި އަންނަމުން ބުންޏެވެ. "ދެން ހާދަ ބޯހަރޭ ދޯ!"
ނީޒާ ސައިކަލަށް އެރިއެވެ. ދެން ވެސް މުޖުތަބާ ސައިކަލު ދުއްވައިލާކަށް ނޫޅުނެވެ.
"ނީޒާ ކުރިން އިންނަނީ ތިހެނެއް ނޫން." ލާނެތްވެލާފައި މުޖުތަބާ ބުންޏެވެ.
"ދެން މުޖޫ ވެސް ދޯ؟" ނިކަން ބާރަށް ބައްދައިލަމުން ނީޒާ ބުންޏެވެ. "ހޫނ! މިހާރު ކިހިނެއް؟"
ހެމުންހެމުން މުޖުތަބާ ސައިކަލު ދުއްވައިލިއެވެ. އަވަހަށް މާލެދިޔުމުގެ އެއްވެސް ޝައުގުވެރިކަމެއް މުޖުތަބާގެ ނެތެވެ. ސައިކަލު މަޑުކުރީ ނީޒާގެ ގެ ކައިރިޔަށެވެ. އޭރު މުޖުތަބާ ވަރަށް ބޮޑަށް ކަރުހިއްކައިގެންފިއެވެ. އެ ކަން އެހެން ވާނެކަން ނީޒާއަށް މާ ކުރިން ވެސް އެނގެއެވެ.
ދަންވަރު އެކެއްޖެހި އިރު ވެސް މުޖުތަބާ ގެޔަކަށް ނާދެއެވެ. ނަޒްދާ އޮތީ މޫމިނާޔާއާ ޗެޓުން ވާހަކަދައްކާށެވެ. ނަން ނޭނގޭ މީހާއަށް ފޮނުވުނު މެސެޖުތަކާ މެދު ނަޒްދާ ހިތްހަމައެއް ނުޖެހުނެވެ.
"އެއްބަސް. މުޖޫއަކީ އެހާ ކެއާކުރާ މީހެއް ނޫން. އެކަމަކު އަހަންނަށް މި ކުރެވުނު ކަހަލަ ކަމެއް އޭނަ ނުކުރާނެ،" ޔަގީންކަމާ އެކުގައި ނަޒްދާ ބުންޏެވެ. "އަހަރެން ވަރަށް ގިލްޓީ ފީލްވެއްޖެކަން ނޭނގެ. ދެން ދުވަހަކު ވެސް އޭނަޔަކާ ވާހަކައެއް ނުދައްކާނަން."
"އޭނަގެ ނަންބަރު ގެނޭ!" މޫމިނާ އެދުނެވެ. "އަހަރެން އޭނަ ސައިޒުކޮށްލަފާނަމޭ! ދުވަހަކު ވެސް ދެން ނުގުޅާ ވަރު ކޮށްލާނަން. ސީރިޔަސްކޮށް މި ބުނީ. އޭނަ ރުޅިއަޔަސް، ދެރަވިޔަސް، މޮޔަވިޔަސް އަހަންނަށް ކީއް؟ ސުވާލަކީ، ނަޒްދާއަށް އޯކޭހޭ؟"
ނަޒްދާއަކަށް އާނއެކޭ ނުބުނެވުނެވެ. "އޭނަ" ބުނެފައި ހުރި ތައުރީފުގެ ބަސްތައް މާތަކެއްހެން އޮހެން ފެށިއެވެ. ގެންގުޅޭ ނޯކަރެއްގެ ހައިސިއްޔަތުން ރީތި އަންހެނެއްގެ ދަރަޖައަށް ނަޒްދާ އުފުލައިދިނީ އޭނައެވެ. ނާއުންމީދުގެ ލަފުޒުން ފުރަތަމަ އަކުރު ފުހެލައިދިނީ ވެސް އޭނައެވެ. ނަޒްދާއަށް ނަޒްދާ ގެއްލިފައި ވަނިކޮށް އަލުން ހޯދައިދިނީ ވެސް ހަމަ އޭނައެވެ. އެކަމަކު އޭނަ ވާހަކަދައްކަދައްކާ ހުއްޓައި ނަޒްދާ ފޯނުކަނޑައިލީއެވެ. މޫމިނާޔާ ވާހަކަދައްކައި ނިމިގެން ދެން ވިސްނުނީ އެ ކަމާއެވެ. މާފަށްއެދެންވީބާއޭ ވެސް ހިތަށްއެރިއެވެ. އެ ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ނުދަންނަ ނަންބަރަކުންނެވެ. ވަގުތުން ރުޅިއާދެވުނެވެ. ހިތަށްއެރިއެވެ. އާންމު ގޮތެއްގައި އެ ގަޑީގައި ނަޒްދާ އޮންނާނީ ނިދާފައެވެ. ކައިރީގައި މުޖުތަބާ އޮންނާނެއެވެ. އެހެންވި ނަމަ، ނަޒްދާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ނަޒްދާ ފޯނު ކަނޑައިލިއެވެ. އަނެއްކާ ރަނގަބީލުވާން ފެށިއެވެ. އެ ފޯނު ވެސް ނަޒްދާ ކަނޑައިލިއެވެ. ބައެއް ފަހަރު ނަޒްދާ ހިތަށްއަރައެވެ. އޭނަ އަތުގައި ކިތައް ފޯނާއި ކިތައް ނަންބަރު އޮވޭ ހެއްޔެވެ؟ އެއީ މާ މުއްސަނދި މީހަކީ ހެއްޔެވެ؟ އެންމެ ފަހުން ނަޒްދާ ފޯނު ނެގިއެވެ.
"ކިހާ ދެރަކަމެއް؟" ނަޒްދާ ހިތްހަމަނުޖެހިފައި، މަޑުމަޑުން ބުންޏެވެ. "މުޖޫ ހޭލައްވަންތަ ތި އުޅެނީ؟ އަހަރެން..."
"ބޮޑުވަރު ނަޒްދާ! އޭނަ އޮތީ ހުޅުމާލޭގަ. އެކްސްގެ ކޮޓަރީގަ." އެހެން ބުނެފައި އޭނަ ފޯނުކަނޑައިލިއެވެ.
ނުނިމޭ