ޤުރުއާން ހިތުދަސްކުރަން ކުރި ދަތުރާއެކު ބިލިއާޑްގެ ތަރިއަކަށް!
ޤުރުއާން ހިތުދަސްކުރަން ކުރި ދަތުރާއެކު ބިލިއާޑްގެ ތަރިއަކަށް!

ޒުވާން އުމުރުގައި ޤުރުއާނުގެ ލޯބި ހިތުގައި ބިންވަޅު ނެގުމަކީ ބޮޑު ނިއުމަތެކެވެ. އެ މަތިވެރި އިލްމު ހޯދުމުގެ ދަތުރުގައި ޕާކިސްތާނުގެ ޤުރުއާން ހިތުދަސް ކުރާ މަރުކަޒަކަށް ފެށި ދަތުރު ވެސް ވީ، ރާއްޖޭގެ ބިލިއާޑްގެ ގައުމީ ރޭންކިންގެ އެއްވަނަ މުހައްމަދު ޝަރީފުގެ ޝައުގުވެރިކަން އެ ކުޅިވަރާ ގާތް ކުރި ސަބަބަކަށެވެ.

"ޤުރުއާން ހިތު ދަސް ކުރަން އަޅުގަނޑު ދިޔަ ޕާކިސްތާންގެ މަރުކަޒު ކައިރީގައި ހުންނާނެ ބިލިއާޑް ކުޅޭ ތަނެއް. އެ މީހުން ކުޅޭތަން ފެނުނީމާ އޭރު ވެސް އަޅުގަނޑު ހިތައް އަރާ މިއީ ވަރަށް ޝައުގުވެރި ކުޅިވަރެކޭ،" ބިލިއާޑަށް ހިތް ޖެހުނު ގޮތް ޝަރީފު ކިޔައި ދިނެވެ.

އުމުރުން 40 އަހަރުގެ ޝަރީފު ގުރުއާން ހިތުދަސްކޮށް، ހާފިޒެއްގެ މަތިވެރި ލަގަބާއެކު، އެނބުރި ރާއްޖެ އައިސް ޤުރުއާން މުދައްރިސަކަށް އުޅެމުން ދެން ފެނުނީ ބިލިއާޑްގެ ކެރިއާގެ ބިންގާ އެޅި ތަނެވެ. އެ ކުޅިވަރުން ވެސް އޭނާ ތަށިތައް ހޯދަން ފެށި އެވެ.

ގަލޮޅުގެ ކުރީގެ ޔޫތު ސެންޓަރު، މިހާރު ބިލިއާޑް އެސޯސިއޭޝަންގެ އޮފީސް ހުންނަ ތަނަށް، ރައްޓެހިންތަކަކާ އެކު ކެރަމް ކުޅެން ގޮސް، ޝަރީފްގެ މިސްރާބު ބަދަލުކުރީ ބިލިއާޑް ބޯޑާ ދިމާލަށެވެ.

"ގަލޮޅު ޔޫތު ސެންޓާގަ ބިލިއާޑް ކުޅޭ ތަން ފެނުނީމާ އަލަށް ވެސް ބިލިއާޑް ކުޅެން ފެށީ،" ށ. ފޯކައިދު ޢަށް ޢުފަން ޝަރީފް ބުންޏެވެ.

އެހާ ހިސާބުން ޝަރީފު ފަހަތަކަށް ނުބަލަ އެވެ. މިހާރު އޭނާ ވަނީ މައްޗަށް އަރަމުން ގޮސް ރާއްޖޭގެ ގައުމީ ރޭންކިންގެ އެންމެ ކުރިއަށް ޖެހިލައިފައި އެވެ. އަންނަ މަހު ފަށާ ގައުމީ ބިލިއާޑް މުބާރާތުގައި ވާދަކުރަން ތައްޔާރު ވަމުން އަންނަ ޝަރީފު ބުނިގޮތުގައި އެ މުބާރާތުގެ ޗެމްޕިއަންކަން ފިޔަވައި ރާއްޖޭގައި ދެން އޭނާ ބޭނުންވާ އިތުރު ކާމިޔާބެއް ނެތެވެ.

"މި ކުޅިވަރުގައި އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ އިންޓަނޭޝަނަލް މެޑަލްއެއް ރާއްޖެ އަށް ހޯދައި ދިނުން،" ގައުމީ މުބާރާތް ފިޔަވައި ބޮޑެތި ހުރިހާ މުބާރާތްތަކެއް ކާމިޔާބު ކުރި ޝަރީފު ބުންޏެވެ.

"ރާއްޖޭގެ ލެވަލްގައި ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރެވިއްޖެ. ނުލިބި އޮތް އެއްޗަކީ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން. އެހެން ނޫނީ ދެން ނެތް ޑޮމެސްޓިކް މުބާރާތްތަކުގައި އަޅުގަނޑު ބޭނުންވާ އިތުރު އެއްޗެއް. މި ބުނިހެން އެންމެ ބޮޑު ޓާގެޓަކީ އިންޓަނޭޝަނަލް މެޑައްޔެއް."

ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ވާދަކުރި ޝަރީފް ބުނީ، ބައިނަލްއަގްވާމީ މަރުހަލާގައި ވެސް ބިލިއާޑުން ރާއްޖެ އަށް ކާމިޔާބު ހޯދި ދާނެ ކަމަށެވެ.

"އެހެން ކުޅިވަރުތަކަށް ދޭވަރުގެ ފޯކަސްއެއް ބިލިއާޑް އަށް ވެސް ދޭންވީ،" ޝަރީފް ބުންޏެވެ.

"މިހާރު އަދި ކިރިޔާ ކަންނޭނގޭ ބިލިއާޑަށް މިހާ ބޮޑަށް ފޯކަސް ކުރެވިގެން އިންވެސްޓްމެންޓަތަކެއް މި ކުރެވުނީ. ކުރިން ފެށިގެން އެކަން ކުރަމުން ދިޔަ ނަމަ މިހާރު އޮންނާނީ ރަނގަޅު ފެންވަރެއްގައިކަމަށް ގަބޫލު ކުރެވޭ."

ޝަރީފު ބުނީ ފިޒިކަލް ކުޅިވަރުތަކަށް ވުރެ ސިކުނޑި ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކުން ކާމިޔާބު ހޯދަން ރާއްޖޭގެ އެތުލީޓުންނަށް ފަސޭހަ ވާނެ ކަމަށެވެ.

"ބިލިއާޑަކީ ވެސް ވަރަށް މައިންޑް ގޭމެއް،" އޭނާ ބުންޏެވެ.

އޭނާ ބުނީ ވިސްނުންތެރިކަން މެޗުތަކުގައި ބޭނުން ކުރަން ބިލިއާޑް ކުޅުންތެރިން ވެސް ފިޒިކަލް ތަމްރީނުތަށް ވެސް ފުރިހަމަ ކުރާ ކަމަށެވެ.

"މީގެ ޓްރޭނިން އަކީ ހަމައެކަނި ބޯޑް ކައިރި އަށް ގޮސް ކުޅުން އެކަންޏެއް ނޫން. ފިޒިކަލް ޓްރޭނިންތަކަކީ ވެސް ބިލިއާޑްގެ ޓްރޭނިންގެ އެއްބައި،" ތަޖުރިބާކާރު ކުޅުންތެރިޔާ ބުންޏެވެ.

ޤުރުއާން ހިތުދަސް މީހަކަށް އެ އިލްމުގައި ދެމި ހުރުމަށް އެންމެ މުހިންމު އުކުޅަކީ ކައިރިކައިރީގައި މުރާޖައާ ކުރުމެވެ. ޝަރީފުގެ ކޮންމެ ދުވަހެއް ވެސް ނިމެނީ އެ ގޮތުގަ އެވެ. ޤުރުއާނާ ބެހޭ މަރުކަޒުގައި ޤުރުއާން މުދައްރިސެއްގެ ގޮތުގައި އެތައް ސަތޭކަ ދަރިވަރުންނަށް ކިޔަވައިދީފައިވާ "އުސްތާޒު" ޝަރީފު ފިލާވަޅުތަކަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް މުރާޖައާ ކުރެ އެވެ.

"ކުދިންނަށް ކިޔަވައިދޭން ޖެހޭތީ އަބަދުވެސް މި ހުންނަނީ އޭގެ ތެރެއިން މުރާޖައާ ކުރެވި ކުރެވި،" ޤުރުއާން އުންގަނައި ދިނުމުގެ މަސައްކަތުގައި 22 ވަނަ އަހަރު ގުނަމުންދާ ޝަރީފު ބުންޏެވެ.

ގައުމީ ޤުރުއާން މަރުކަޒުގައި 2013 ގައި މަސައްކަތް ކުރަށް ފަށި ޝަރީފުގެ އެންމެ ބޮޑު އުފަލަކީ މިހާތަނަށް 40 އަށް ވުރެ ގިނަ ދަރިވަރުންނަށް ޤުރުއާން ހިތުދަސް ކޮށްދިނުމުގައި އެހީތެރިވެވުމެވެ.

"ޤުރުއާނާ ބެހޭ މަރުކަޒުން ތަންކޮޅެއް ކުރިން ފެށި 500 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން މިދިޔަ ނުވަ އަހަރުގެ ތެރޭގައި 40 އަށް ވުރެ ގިނަ ކުދިންނަށް ޤުރުއާން ހިތުދަސްކޮށް ދިނުމުގައި އަޅުގަނޑަށް އުޅެވިއްޖެ،" ހިތްހަމަޖެހުމާއެކު ޝަރީފު ކިޔައި ދިނެވެ.

އޭގެ އިތުރަށް ވެސް އެތައް ސަތޭކަ ކުދިންނަށް ކިޔަވައި ދީ، ޤުރުއާނުގެ އިލްމު ފެތުރުމަށް ޝަރީފުގެ ހިއްސާ ވަނީ ހިބަ ކޮށްފަ އެވެ.

ޤުރުއާން ކިޔަވައި ދިނުމުގައި ހޯދުނު ކާމިޔާބުތައް ނެގުމަށް ފަހު އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރަނީ ބިލިއާޑެވެ.

އޭނާ ބުނިގޮތުގައި ކުރިއަށް އޮތް ޤައުމީ މުބާރާތް، މިދިޔަ އަހަރަށް ވުރެ ވާދަވެރިވާނެ އެވެ. ޝަރީފްގެ ކުޅިވަރު ކާމިޔާބުގައި ޢޭނާ އަށް އެއްބާރުލުންދޭ ޤުރުއާނާ ބެހޭ މަރުކަޒާއި ސްޕޮންސާ އީގޯ ހާޑް ވެއާގެ ހިއްސާ ބޮޑެވެ. ބޭރުގެ މުބާރާތްތަކަށް ދިއުމަށް ގުރުއާނާ ބެހޭ މަރުކަޒުން ހަމަޖައްސައި ދޭ، އިންތިޒަމުތަކާއި ޢީގޯ ހާޑް ވެއާގެ އެހީތެރިކަން ޝަރީފް ފާހަގަ ކުރެ ޢެވެ.

"މި ފަހަރުގެ މުބާރާތް ވަރަށް ވާން ވާނެ. ޗެމްޕިއަން ކަމަށް ވާދަކުރާ އެއްވަރުގެ ފަސް ކުޅުންތެރިން އެބަތިބި. ނޭނގޭނެ ބުނާކަށް މުބާރާތް ގެންދާނީ ކޮން ކުޅުންތެރިޔެއް ކަމެއް،" މިދިޔަ އަހަރު ގައުމީ މުބާރާތުން ތިންވަނަ ހޯދި ޝަރީފު ބުންޏެވެ.

ޤުރުއާން ހިތުދަސް ކުރަން ޝަރީފު ޕާކިސްތާނަށް ކުރި ދަތުރުން ހާސިލުވި ކުޅިވަރު ވެސް ވަކި ގޯހެއް ނޫނެވެ. ރާއްޖޭގައި ކުރިއަރަމުން އަންނަ ބިލިއާޑްގައި އޭނާއަކީ މިހާރު ތަރިއެކެވެ. އެތައް ކުދިންތަކަކަށް ޤުރުއާން ހިތުދަސްކޮށްދެމުން، ދެން ލިބޭ ވަގުތުތައް ބިލިއާޑަށް ހުސްކޮށްލަނީ ޝައުގުވެރިކަން ބޮޑުކަމުންނެވެ. ކުރިއަށް އޮތް ގައުމީ ބިލިއާޑް މުބާރާތުގައި އޭނާގެ ހުވަފެނީ އުންމީދު ހަގީގަތަކަށް ނުވާންވީ ސަބަބެއް ނެތެވެ.