21 އޮކްޓޯބަރ 2022 - 17:04

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލް ޗާޖުކުރެވޭނެ ސްޓޭޝަންތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއްޔެ އިއުލާންކޮށްފި އެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއުގެ ދަށުން ހަތަރު ވެހިކަލް ޗާޖިން ސްޓޭޝަން ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު އެއް ވަނަ ދުވަހުގެ 3:30 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ޖެހެ އެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނީ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން ގާއިމުކުރުމަށް ބަޔަކާ ހަވާލުކުރުމުގައި ސަޕްލަޔަރުންގެ ތަޖުރިބާ އާއި އެކަމުގައި ބޭނުންކުރާ ތަކެއްޗާއި އެތަން ނިންމާ ހަވާލުކުރާނެ މުއްދަތަށް ވެސް ބަލާނެ ކަމަށެވެ.
އެތަން ހެދުމަށް ބަޔަކާ ހަވާލުކުރުމުގައި އިތުރަށް ބަލާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ބާޒާރުގައި ލިބެން ހުރި ގިނަ ވައްތަރުތަކުގެ އިލެކްޓްރިކް ވެހިކަލް ޗާޖިން ހާޑްވެއާ ބޭނުންކުރުމުގެ ގާބިލުކަން ހުރި ޕްލެޓްފޯމަކަށް އެތަން ވުމާ އެކު ލޯކަލް ޕޭމަންޓް ގޭޓްވޭ ބޭނުންކުރެވޭ ވައިޓް ލޭބަލް ޔޫޒާ އެޕްލިކޭޝަނަކަށް ވުމެވެ.
އެ ސްޓޭޝަންތައް ގާއިމުކުރަން ޖެހެނީ އެޗްޑީސީން ކަނޑައަޅާ ތަނެއްގަ އެވެ. ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ކަރަންޓު އުޅަނދަށް ހާއްސަ ޗާޖިން ސްޓޭޝަނެއް އޮޓޯ ސެންޓަރުގައި ގާއިމުކުރަން ވަނީ ނިންމައިފަ އެވެ.
އެކަމަކު އެ ސެންޓަރު ހަދަން ހަވާލުކުރީ މިމަހު އެވެ. އެ އޮޓޯ ސެންޓަރަކީ ބޭސްމަންޓާ އެކު ފަސް ފުލޯ ހުންނަ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. އެކަމަކު މިހާރު އިއުލާންކޮށްފައިވާ މި ސްޓޭޝަންތައް ހަދަނީ މިތަނުގައި ކަމެއް ސާފެއް ނުވެ އެވެ.
ހުޅުމާލޭގައި ވެހިކަލް ޗާޖިން ސްޓޭޝަނެއް ގާއިމުކުރާނެ ބަޔަކު ހޯދަން އިއުލާންކުރިިއިރު މިކަމަކީ މާލެ އާއި ވިލިމާލޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ މާލެ އާއި ވިލިމާލޭގައި ދެ ޗާޖިން ސްޓޭޝަން ހަދަން ނިންމައި އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި މިކަން ކުރަނީ ތިމާވެއްޓާ ރައްޓެހި ވެހިކަލްތައް ބޭނުންކުރުމަށް އާންމުންގެ މެދުގައި ޝައުގު އުފެއްދުމަށެވެ.