ބްރަހްމަސްތުރާ އަންނަ މަހުގެ 4 ގައި ސްޓްރީމިންއަށް
ބްރަހްމަސްތުރާ އަންނަ މަހުގެ 4 ގައި ސްޓްރީމިންއަށް

ބޮކްސްއޮފީހުގައި ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމު، "ބްރަހްމަސްތުރާ" އަންނަ މަހުގެ 4 ގައި ޑިޒްނީ + ހޮޓްސްޓާގައި ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާ އާއި ދުނިޔޭގެ މާކެޓްގައި ވެސް ވިދާލި ބްރަހްމަސްތުރާ އަކީ ވިޝުއަލް އިފެކްސްޓްގެ ބުރަ ބޮޑު މަސައްކަތްތަކެއް ހިމެނޭ އަދި މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން އުފެއްދި އެއް ފިލްމެވެ. ޕްރޮޑަކްޝަން މަސައްކަތުން ފެށިގެން ފިލްމު، ސެޕްޓްމެބަރު 9 ގައި ރިލީޒްކުރުމާ ހަމައަށް ނުވަ އަހަރު ހޭދަވި އެ ފިލްމުގެ ލީޑު ކުޅެފައި ވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓެވެ.

ހިޔާލީ ވާހަކައަކަށް ގެނެސްދޭ އެ ފިލްމު ބިނާކޮށްފައި ވަނީ ހިންދޫ މިތޮލޮޖީއަކަށެވެ.

ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރުޖީ ބުނެފައިވާ ގޮތުގައި އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން މި ފިލްމު ސްޓްރީމްކުރާނީ ފަސް ބަހަކުންނެވެ. އެއީ ހިންދީ އާއި ތަމަޅަ އާއި ތެލޫގޫ އަދި މަޅަޔާލަމްގެ އިތުރުން ކަންނަޑާ ބަހެވެ.

މި ފިލްމު ރިލީޒްކުރުމާ ގާތްވެފައިވަނިކޮށް ސޯޝަލް މީޑިއާގައި ފިލްމު ބޮއިކޮޓްކުރުމަށް ގޮވާލައި ބޮޑެތި ކެމްޕެއިންތަކެއް ހިންގިޔަސް މިއީ މިއަހަރު ބޮކްސްއޮފީހުގައި އެންމެ ތަރުހީބު ލިބުނު ފަސް ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ފިލްމަށް ދުނިޔޭގެ މާކެޓްގައި 430 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް ރިޕޯޓްކުރެ އެވެ.

ފިލްމަށް ލިބުނު ބޮޑު ތަރުހީބާ އެކު ދެވަނަ ބައެއް އުފައްދާނެކަން ވަނީ އިއުލާންކޮށްފަ އެވެ.