ބިގްބޮސް: ސުމްބުލްއަށް ނަސޭހަތްދޭން ފަހްމާން ޝޯއަށް ދަނީ!
ބިގްބޮސް: ސުމްބުލްއަށް ނަސޭހަތްދޭން ފަހްމާން ޝޯއަށް ދަނީ!

ބިގްބޮސްގެ 16 ވަަނަ ސީޒަންގެ ތިން ވަނަ ހަފްތާއާ ހިސާބަށް މިހާރު ގޮސްފައިވާއިރު އެ ޝޯގައި އެކަށީގެންވާ ވަރަށް މުނިފޫހިފިލުވައި ނުދެވޭތީ މި ހަފްތާގައި ނޮމިނޭޓްކޮށްފައި ވަނީ ސުމްބުލް އާއި މަންޔާ އެވެ.

މިހާ ހިސާބަށް އައިއިރު ޝޯގެ ބައިވެރިންގެ މެދުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވެ އެވެ. އެންމެ ގާތްކޮށް އުޅުނު ސުމްބުލް އާއި ޝާލިން އާއި ޓީނާގެ ގުޅުމުގެ ފަހަތުގައި ވެސް ހަސަދައިގެ ކަންތައްތަކެއް އޮތްކަން ފަޅާއަރުވާލީ މިދިޔަ ހަފްތާގައި ސުމްބުލްގެ ބައްޕަ، ޝޯއަށް ގޮހެވެ.

އެކަމަކު ނަސޭހަތް ދިނުމުން ވެސް ސުމްބުލަށް އެ އެކުވެރިންނާ ދުރުވެވޭ ގޮތެއް ނުވި އެވެ. އަނެއްކޮޅުން، އެންމެ ގާތްކޮށް އުޅޭ ޝާލިން އާއި ގޯތަމްގެ މެދުގައި ވެސް ނުތަނަވަސްކަމެއް އުފެދި ދެ މީހުން ވާހަކަ ދެއްކުން ހުއްޓާލާފައިވާއިރު މިދިޔަ ހަފްތާގައި ވަނީ ޝިވް އާއި ޕްރިޔަންކާ، ގޭގެ ކެޕްޓަންކަން ހޯދުމަށް ތަޅާފޮޅާގަތް މަންޒަރު ވެސް ފެނިފަ އެވެ.

ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް "ވީކެންޑް ކާ ވާރް" ދައްކާއިރު މި ހަފްތާގައި ބިގްބޮސްގެ ޓާގެޓަކަށް ވާނެ ބައެއް އަދި ނޭނގެ އެވެ.

މި ހަފްތާގެ އެ އެޕިސޯޑު ސަލްމާން ޚާންގެ ބަދަލުގައި ކަރަން ޖޯހަރު ހުށަހަޅާ ގޮތަށް ހަމަޖެހިފައިވާއިރު އެ އެޕިސޯޑުގައި ސުމްބުލްއާ އެކު "އިމިލީ" ގައި އުޅުނު ފަހްމާން ވެސް ބައިވެރިވާނެ އެވެ.

ކުރިން ރިޕޯޓްތައް ބުނީ ވައިލްޑް ކާޑް އެންޓްރީގައި ފަހްމާން ޝޯއަށް ގެންދަން އުޅޭ ކަމަށެވެ. އެކަމަކު ފަހްމާން ވަނީ 60 ދުވަހު ގޭގަައި ބަންދުވެގެން ކަމެއް ނުކޮށް އޮންނަން އޭނާ ނުދާނެ ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުގައި ފަހްމާން ބައިވެރިވާނީ ހަމައެކަނި މި ހަފްތާ ބަންދުގެ އެޕިސޯޑުގަ އެވެ. އެއީ އޭނާގެ ކުރިއަށް އޮތް ޝޯ ޕްރޮމޯޓްކުރުމަށް ބައިވެރިވާ އެޕިސޯޑެއް ނަމަވެސް އޭގައި އެންމެ ހާއްސަ ކަމަކީ ސުމްބުލްއާ އޭނާ ބައްދަލުކުރާނެތީ އެވެ.

ސުމްބުލްއާ ބައްދަލުކޮށް އޭނާ މިހާރު ކުޅެމުން އަންނަ ގޮތް ރަނގަޅުކުރަން ހުރި ކަންކަން އޭނާ ފާހަގަކުރާނެ އެވެ. އަދި ގޭމު ކުޅުމުގައި އިސްކަންދޭންވީ ގޮތްތައް ވެސް ފަހްމާން ސުމްބުލްއަށް ކިޔައިދޭނެ ކަމަށްވެ އެވެ.

ސްޓާ ޕްލަސް އިން ދައްކާ މަޝްހޫރު ޑްރާމާ، "އިމިލީ" ގައި ފަހްމާން އާއި ސުމްބުލްގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސްފައިވެ އެވެ. އެ ދެތަރިން އުޅެނީ ރައްޓެހިވެެގެން ކަމަށް ވެސް އަޑު އަރަ އެވެ. އެކަމަކު ރަސްމީކޮށް އެކަން އިއުލާނުނުކުރިޔަސް ދެ ތަރިންގެ ސޯޝަލް މީޑިއާ އެކައުންޓުގައި ވެސް އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އެބަ ހުއްޓެވެ.

ފަހްމާން އާއި ސުމްބުލް ޝޯ ދޫކޮށްލީ ވެސް ދާދި އެއްކޮށެވެ.

އުމުރުން ހަގުވުމުގެ ސަބަބުން ސުމްބުލްއަށް އަސްލު ދިރިއުޅުމުގައި ރަނގަޅު މީހުންނާއި ނުބައި މީހުން ފާހަގަކުރަން ނޭނގެނީ ކަމަށް އޭނާ ބައްޕަ ވެސް ބުނެފައިވެ އެވެ. އަދި ޝޯގައި ދިމާވެގެން އުޅޭ މައްސަލައަކީ އެއީ ކަމަށްވާތީ ސުމްބުލްއަށް އޭނާގެ އެންމެ ފުރިހަމަ ކުޅުން ދައްކާނުލެވޭތީ އޭނާގެ ބައްޕަ ވެސް ވަނީ ވަރަށް ބޮޑަށް ކަންކަން ކިޔައިދީފަ އެވެ.