21 އޮކްޓޯބަރ 2022 - 07:32

ޑައިރެކްޓަރު ޕްރަދީޕް ސަރްކާރުގެ ކުރިއަށް އޮތް ފިލްމަށް، ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު ހަމަޖައްސައިފި އެވެ.

ޕްރަދީޕްގެ ކުރިއަށް އޮތް ފިލްމަކީ، ބެންގާލީ ބަތަލާ ބިނޯދިނީ ދާސީގެ ހަޔާތަށް ނެރޭ ފިލްމެކެވެ.
ބެންގާލީ ސިނަމާގައި ނަން ވިދާލި އަދި ނޯޓީ ބިނޯދިނީގެ ނަމުން މަޝްހޫރުވި އޭނާއަކީ 12 އަހަރުގައި ފިލްމު ކުޅެން ފެށި މީހެކެވެ. ގާތްގަނޑަކަށް 80 އެއްހާ ރޯލުން އޭނާ ފެނިގެންގޮސްފައިވާއިރު ފިލްމު ކުޅެން ހުއްޓާލުމަށް ފަހު ފަހުން އޭނާ ވަނީ އޭނާގެ ހަޔާތަށް އޮޓޯބަޔޮގްރަފީއެއް ވެސް ލިޔެފަ އެވެ.
އޭނާ މަރުވެފައި ވަނީ 1941 ގައި އުމުރުން 71 ގަ އެވެ.
މިހާތަނަށް، އޭނާގެ ހަޔާތަށް ނެރޭ ފިލްމަށް ކިޔާނެ ނަމެއް އިއުލާނެއް ނުކުރެ އެވެ.
މި ފިލްމުގެ ޝޫޓިންތައް ކަންގަނާ ފަށާނީ އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމު، "އިމަޖަންސީ" ގެ މަސައްކަތް އެއްކޮށް ނިމުމުންނެވެ. އެ ފިލްމުގެ ޝޫޓިންތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ އެވެ.
ކަންގަނާ ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތަނަށް ނެރޭ ފިލްމެކެވެ. އެ ފިލްމުގެ އިތުރަށް އެއާ ފޯސް ޕައިލެޓެއްގެ ރޯލުން އޭނާ ފެނިގެންދާ ފިލްމު، "ތެޖާސް" ވެސް ކުރިއަށް އެބަ އޮތެވެ.