މިހާރުގެ ރެސިޕީ: ވަޅޯމަހު ރިހަ
މިހާރުގެ ރެސިޕީ: ވަޅޯމަހު ރިހަ

250 ގުރާމު ވަޅޯމަސް (ބޯކޮށް ކައްޗަށް ކޮށައިފައި)

1 ފިޔާ (ބޮޑު، މެދުން ފަޅައިފައި އަރިމަތިން ތުނިކޮށް ކޮށައިފައި)

1 ސައިސަމުސާ ލޮނުމެދު (ގާނައިފައި)

½ ސައިސަމުސާ އިނގުރު (ގާނައިފައި)

½1 މޭޒުމަތީސަމުސާ ހަވާދު (ހަނާކުރި ހުނި ހަވާދު ނަމަ ހިމުންކޮށް ފުނޑައިފައި ނުވަތަ ފުއްލާ ޖެހި ރީނދޫ ދަޅު)

½1 ޖޯޑު ކާށިކިރު

3 ޖޯޑު ފެން

½ ސައިސަމުސާ ދިރި (މުގުރި)

½ ސައިސަމުސާ އަސޭމިރުސް (މުގުރި)

½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރި)

1 ޓޮމާޓޯ (ކުޑަ، ބޯކޮށް ފޮތިކޮށްފައި)

5 ތިކި ފިޝް ސޯސް

ރޯމިރުސް، ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު

ތެޔޮފޮދެއްގައި ފިޔާ މީރުކޮށްފައި، ފިޔާކޮޅު މޯޅިވީމައި ލޮނުމެދާއި އިނގުރު އޭގެ ތެރެއަށް އެއްކޮށްފައި، ކުޑަކޮށް ރަތްވާން ފެށުމުން ދެބައިކުޅަ އެއްބައި ނަގައިފައި، އެއް ޖޯޑު ކިރުގެ ތެރެއަށް އަޅައިފައި ބެހެއްޓުން. އަދި ހަމަ އެ ކިރުޖޯޑުގެ ތެރެއަށް ދިރި، އަސޭމިރުސް، ފޮނިތޮށިކާފޫރުތޮޅި އަޅައިފައި ބެހެއްޓުން. ތެލީގައި ހުރި ފިޔާކޮޅުގެ ތެރެއަށް ހަވާދު އެޅުމަށް ފަހު، އެއް ޖޯޑު ފެނާއި ބައި ޖޯޑު ކާށިކިރު އަޅައިގެން، އެއްކުރަމުން ކެއްކުން. ބޮކިޖަހަން ފެށުމުން ވަޅޯމަސް، ދެ ޖޯޑު ފެން އަޅައިގެން، މަޑު ގިނީގައި ކެއްކުން. ރަނގަޅަށް ކެކިގަތީމައި، ޓޮމާޓޯ، ރޯމިރުސް، ފިޝް ސޯސް، ތައްޔާރު ކުރި ކިރު ޖޯޑު އެޅުމަށް ފަހު ކެއްކުން. ރަނގަޅަށް ކެކިގަތީމައި، ލޮނު ހެޔޮވަރު ކޮށްފައި، ހިކަނދިފަތާއި ރާނބާފަތް އެޅުން.

ކާށިކިރު އަޅައިގެން ކައްކައިފައި ހުންނަ ބަތާ އެއްކޮށް މި ރިހަ ވަރަށް މީރުވާނެ.

އެޑިޓަރުގެ ނޯޓް: މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.