20 އޮކްޓޯބަރ 2022 - 15:27

ޑިޒައިން އެންޑް ބިލްޑް އުސޫލުން އއ. އުކުޅަސް މަގުހެދުމުގެ މަޝްރޫއު އިއްޔެ އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ.
އެ މަޝްރޫއުގެ ދަށުން އުކުޅަހުގެ 2.6 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނީ ވެސް އެމްޓީސީސީންނެވެ.
އެމްޓީސީސީން އެ މަޝްރޫއާ ހަވާލުވެފައި ވަނީ 15 މަސްދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 59.4 މިލިއަން ރުފިޔާ އެވެ.
އުކުޅަހަކީ ގެސްޓު ހައުސް ވިޔަފާރީގައި ކުރީ ސަފުން ފާހަގަކޮށްލެވޭ ރަށެކެވެ. އެ ރަށުގައި މިހާރު ވެސް ރަަޖިސްޓްރީ ކޮށްގެން ހިންގާ 34 ގެސްޓްހައުސް އެބަހުއްޓެވެ.
އެމްޓީސީސީން ބުނިގޮތުގައި، އެ ރަށު ރައްޔިތުންނާއި ރަށަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ވެސް އެންމެ ދަތިވާކަމަށް ފާހަގަކުރާ އެއް ކަމަކީ ރަނގަޅު ފެންވަރަކަށް މަގު ހެދިފައި ނެތުމެވެ.
ވިއްސާރަ ދުވަސްވަރު މަގުން ފެން ނުހިނދި ގިނަ ދުވަސްތަކެއް ހުރެ އެވެ. އަދި މަގުގައި ހުންނަ އަޑިގުޑަންތަކުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް އުނދަގޫވެ އެވެ. މަގު ހިކިފައި އޮންނައިރު ހިރަފުހުގެ އުނދަގޫ ވެސް ބޮޑު ކަމަށް އެ ރަށު މީހުން ބުނާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އުކުޅަހުގެ ފެނާއި ނަރުދާމާގެ މަސައްކަތް ފުރިހަމަ ވެފައި ވާތީ، އެ ރަށު ރައްޔިތުން މިހާރު އެންމެ ބޮޑަށް އުންމީދު ކުރާ އެއްކަމަކީ ރަނގަޅު ފެންވަރުގެ މަގުތައް ހެދޭނެ ދުވަހަކަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ބުނީ އިއްޔެ ސޮއި ކުރި މަޝްރޫއާ އެކު، އެ އިންތިޒާރުތަކަށް ނިމުން އައީ ކަމަށެވެ.
އެ ކުންފުނިން ބުނާ ގޮތުގައި، އުކުޅަހުގައި ދިރިއުޅޭ މީހުންނާއި، ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް މަގު ހެދުމުގެ ސަބަބުން ގިނަ ލުއިފަސޭހަތަކެއް ލިބޭނެ އެވެ.
ޕްލޭނިން މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން ފ. މަގޫދޫ އެއާޕޯޓު ގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކުރި އެވެ. އެއީ 231.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.