06 ނޮވެމްބަރ 2022 - 17:11

ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ، ޝަރަފުވެރިކަމާއެކު މަގާމުން ވަކިވާން މިއަދު ހުށަހަޅުއްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "މިހާރު" އަށް ވިދާޅުވީ، ޝަރަފުވެރިކަމާއެކު މަގާމުން ވަކިވާން ހުށަހެޅުއްވުމުން އެކަން ޕްރޮސެސް ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، ހާތިފު ޝަރުއީ ދާއިރާ އިން ވަކިވަނީ ރާއްޖޭގައި ހުޅުވާ އެމެރިކާ އެމްބަސީގެ ލީގަލް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ މަގާމާ ހަވާލުވުމަށެވެ. އެ އެމްބަސީ ވަރަށް އަވަހަށް ހުޅުވާނެ އެވެ.
ހާތިފު އިސްފަނޑިޔާރަކަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން އިސްތިއުފާ ދެއްވުމުން ނޮވެމްބަރު 26، 2020 ގަ އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ކުރިން ހުންނެވި ފަނޑިޔާރު ހާތިފް ހައި ކޯޓަށް އައްޔަން ކުރީ ނޮވެމްބަރު، 2019 ގަ އެވެ. އޭނާއަކީ 2009 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ފަނޑިޔާރެކެވެ. އެ ކޯޓުގަައި މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތައް އޭނާ ބެއްލެވި އެވެ.
ހައި ކޯޓުން ހާތިފް އިސްތިއުފާ ދެއްވިިއިރު، ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޝުއައިބު ހުސެއިން ޒަކަރިއްޔާ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ. ޝުއައިބު އިސްތިއުފާ ދެއްވަނީ އެނގިފައިވާ ގޮތުގައި ސިއްހީ ސަބަބަކާ ގުޅިގެންނެވެ.