20 އޮކްޓޯބަރ 2022 - 10:48

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރު އެ އަތޮޅު ފުޅަދޫ މެޖިސްޓްރޭޓު ކޯޓަށް މަސައްކަތަކަށް ނުކުތް މައްސަލަ ބަލައި ޖޭއެސްސީއިން އޭނާ ސަސްޕެންޑުކޮށްފި އެވެ.
ނިޝާރު އައްޔަން ކުރި ބ. ގޮއިދޫ ކޯޓަށް ގަވައިދުން ވަޒީފާއަށް ނުކުތުމުގެ ބަދަލުގައި އޭނާއާ ހަވާލުކޮށްފައިވާ ބ. ފުޅަދޫ ކޯޓަށް މަސައްކަތަށް ނުކުންނަވަމުން ގެންދެވި މައްސަލައެއް ޖޭއެސްސީން ވަނީ ބަލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަމާބެހޭ ލިޔުންތަކުންނާއި ނިޝާރުގެ އަމިއްލަ އިއުތިރާފުން އެ މައްސަލަ ސާބިތުވެފައިވާ ކަމަށެވެ.
އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 73 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ 14 ދުވަހަށް ސަސްޕެންޑުކުރާށެވެ.
އޭނާގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅައިފަ އެވެ. އޭނާ އަމަލުކޮށްފައި ވަނީ ހަވާލުކޮށްފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ޖޭއެސްސީން ބުންޏެވެ.