09 ޖެނުއަރީ 2017 - 13:10

މި އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރުމަކީ ގްރީން ސްޓްރީޓަށް ޗެލެންޖެއް ކަމަށާއި އެހެން ނަމަވެސް އެކަމާ ކުރިމަތިލުމަށް ތައްޔާރަށް އޮތް ކަމަށް އެ ޓީމުގެ ކޯޗު އަދި ކުރީގެ އެއް ނަންބަރު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު މި އަހަރު ފުރަތަމަ ޑިވިޝަނަށް ގްރީން ސްޓްރީޓް ޕްރޮމޯޓް ކޮށްދިނީ ސޮބާ އެވެ. އާ ސީޒަނާ ގުޅޭގޮތުން ސޮބާ "މިހާރަ"ށް ބުނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ޓީމާ ގުޅިއްޖެ ކަމަށާއި މިއީ ގްރީން ސްޓްރީޓް ކަހަލަ ޓީމަކަށް ހިތްވަރެއް ކަމަށެވެ.
"ގްރީން ސްޓްރީޓަކީ އާ ޓީމެއް. ދެން މި ޓީމާ މި ގުޅުނު ކުޅުންތެރިންނަކީ ތަޖުރިބާހުރި ކުޅުންތެރިން މި ކުޅުންތެރިންނާއި އެކު ދެން ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް އެއްކޮށްލައިގެން ފުރަތަމަ ޑިވިޝަންގައި ރަނގަޅު ވާދައެއް ކުރެވޭނެ،" ސޮބާ ބުންޏެވެ.
ގްރީން ސްޓްރީޓާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި ނިއު ރޭޑިއަންޓުގެ ކުރީގެ ކެޕްޓަން އަހުމަދު މުހައްމަދު (އައްމަޑޭ) އާއި ނިއު އާއި ވިކްޓަރީ އަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ) އާއި ވިކްޓަރީ އާއި ނިއު އަށް ކުޅުނު މުހައްމަދު ސައިފާއި މާޒިޔާގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އާއި ޓީސީގެ އަހުމަދު ނިޒާމް (ނިޒާމްބެ) އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު ޝައްފާޒު (ސައްޕޭ) ހިމެނެ އެވެ.
މީގެ އިތުރުން އެ ޓީމުން ވަނީ މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުނު ޖަޕާންގެ ކީޕަރު ޖުން ކޯޗީ ގެނެސްފަ އެވެ. އަދި ޔޫކްރޭންގެ ތިން ކުޅުންތެރިޔަކު ޓީމާ ގުޅޭނެ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
"ޖަޕާން ކީޕަރު ކޯޗީ ގެނައީ އޭނާ މިދިޔަ އަހަރު ދެއްކި ކުޅުމަށް ބަލާފައި. ދެން އަންނަ ޔޫކްރޭން ތިން ކުޅުންތެރިންނަކީ އެ ގައުމުގެ ޓޮޕް ލީގުގައި ވެސް ކުޅެފައިތިބި ކުޅުންތެރިން" ސޮބާ ބުންޏެވެ.
އާ ސީޒަނަށް ގްރީން ސްޓްރީޓްގެ ޕްރެކްޓިސް ފަށަން ނިންމާފައިވަނީ މި މަހު 15 ވަނަ ދުވަހު އެވެ.