19 އޮކްޓޯބަރ 2022 - 19:36

ހާއްސަ އެހީ އަށް ބޭނުންވާ މީހަކު ދުއްވާ ވީލްޗެއާއެއް ވަގަށް ނަގައިގެން ގެންދަނިކޮށް އަތުލައިގެންފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީ (އެމްއޭޕީޑީ) ގެ މެމްބަރަކު ފޭސްބުކްގައި މިއަދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ދުއްވާ ވީލްޗެއާ އަވީގައި ހިއްކަން ބަހައްޓާފައި ވަނިކޮށް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ އަށް އެއްވެސް ތަނަކަށް ދެވޭނެ ގޮތެއް ނެތި ގޭގައި އިންނަން މަޖުބޫރުވެފައިވާ ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
ފޭސްބުކްގައި އެ ވާހަކަ ލިޔުނުތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން ގަލޮޅު ދަނޑު ކައިރިން މީހަކު ވީލް ޗެއާއެއް ހިފައިގެން ދަނިކޮށް އެ ޖަމިއްޔާގެ އެހެން މީހަކަށް ފެނިގެން ވަނީ ފުލުހުން ގެނެސްފަ އެވެ.
އެ މަންޒަރު ދުށް މީހާ "މިހާރު" އަށް ވިދާޅުވީ ވަގަށް ނަގާފައި ވަނީ މާފަންނުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެއްގެ ވީލްޗެއާ ކަމަށެވެ.
"ވަގަށް ނަގާފައިވާ ގޮނޑި އާ ހުރިހާ ގޮތަކުން ވެސް ވައްތަރު. ސީދާ އެ ގޮނޑި ކަމަށް ބެލެވޭތީ ފުލުހުންނަށް ގުޅައިގެން އެތަނަށް ގެނައީ." އޭނާ ބުންޏެވެ.
ފުލުހުން ބުނީ ވީލްޗެއާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި 37 އަހަރުގެ މީަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ހިފެހެއްޓި ތަނުގައި ވީލްޗެއާ ވެސް ހުއްޓެވެ.