19 އޮކްޓޯބަރ 2022 - 13:46

ދުނިޔެ ހޫނުވުމުގެ ސަބަބުން އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން، އާޓިކް ސަރަހައްދުގައި އުޅޭ ތަފާތު ވައިރަސްތައް އިންސާނުންގެ މެދުގައި ފެތުރެން ފެށުމުގެ ނުރައްކާ އެބަ އޮތް ކަމަށް، ސައެންސްވެރިން އިންޒާރުކޮށްފި އެވެ.
ސައެންސްވެރިން މިފަހުން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އާޓިކްގައި ހުރި ތަފާތު ވައިރަސްތައް މުޅިން އާ މާހައުލަކަށް ހިޖްރަ ކުރެވި، އެފަދަ ވައިރަސް މީގެ ކުރިން އާލާވެފައި ނުވާ އެހެން ދިރުންތަކަކާ މަސްހުނިވެ އެފަދަ ދިރުންތަކުގައި ވައިރަސް އާލާވާން ފެށުމުގެ ނުރައްކާ ވަރަށް ބޮޑެވެ.
އާންމު ގޮތެއްގައި ވައިރަސްތައް ފެތުރެން ފަށަނީ، އިންސާނެއް ނުވަތަ ޖަނަވާރެއްގެ ހަށިގަނޑަށް ނުވަތަ ގަސްގަހާގެއްސާއި ފަންގަހަށް ވައިރަސް އެރުމަށް ފަހު އެވެ. އެފަދަ ދިރުން ހުރި އެއްޗަކަށް ވައިރަސް ނަގުލުވުމަށް ފަހު، އެ އެއްޗަކީ ދިފާއީ ނިޒާމު ބަލިކަށި ދިރުމެއް ނަމަ، އެ އެއްޗެއްގައި ވައިރަސް އާލާވާ ގޮތްވެ އެވެ.
އާޓިކްގައި ހުރި ތަފާތު ވައިރަސްތައް އިންސާނުންގެ މެދުގައި ފެތުރުމުގެ ނުރައްކާ އޮތް މިންވަރެއް ދެނެގަތުމަށް ކެނެޑާގެ ސައެންސްވެރިންތަކެއް މިހާރު އަންނަނީ އާޓިކްގައިވާ ހޭޒަން ކުޅީގެ ސަރަހައްދުގައި ދިރާސާތަކެއް ކުރަމުންނެވެ. މި ދިރާސާތައް ކުރަމުން ދަނީ، އެ ކުޅީގެ ލޮނުގަނޑުގެ 300 މީޓަރު ފުނުގައިވާ ފަސްގަނޑު ތޮރުފައިގެން ވެލި ނަގައިގެންނެވެ.
އެ ތަނުން ނަގާ ވެއްޔާއި ކިސަޑުގައި ހުންނަ ދިރުންތަކުގެ ޑީއެންއޭ އާއި އާރްއެންއޭގެ ތަހުލީލުތައް ހެދުމަށް ފަހު، އެ ދިރުންތައް ދުނިޔޭގެ އެހެން މާހައުލުތަކުގައި އާލާވުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެވޭނެ އެވެ.
މި ދިރާސާގައި ބައިވެރިވާ ސައެންސްވެރިން ލަފާކުރަނީ، އާޓިކްގައިވާ ގަނޑުފެންތައް ވިރިގެން ކަނޑަށް ފައިބައިގެން އޮޔާއެކު ދަތުރުކުރާއިރު، އަދި އެ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން، އެހެން ސަރަހައްދުތަކުގައި އުޅޭ ކަނޑުގެ ދިރުންތައް އާޓިކް ސަރަހައްދަށް އައުމުން، އާޓިކްގައި އުޅޭ ވައިރަސްތައް، އެފަދަ ދިރުންތަކަށް ނަގުލުވާނެ ކަމަށެވެ.
އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިތުރު ވައިރަސްތައް އިންސާނުންގެ ހަށިގަނޑަށް ނަގުލުވެ އިތުރު ބަލިތައް އުފެދި ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާންގައި އުފެދި މުޅި ދުނިޔެ އަށް ފެތުރިގެން ދިޔަ ކޮވިޑް ވައިރަހަކީ ވެސް، ޖަނަވާރެއްގެ ފަރާތުން އިންސާނުންގެ ހަށިގަނޑަށް ނަގުލުވި ވައިރަހެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ދުނިޔޭގައި އޮތް އެންމެ ބޮޑު ކުޅި ކަމަށްވާ ހޭޒަން އިން ފެންނަ ދިރުންތަކަކީ، އެފަދަ ކުޅިތަކުން ނުފެންނަ ފަދަ ދިރުންތަކެއް ކަމަށް، މި ދިރާސާގައި ބައިވެރިވާ ސައެންސްވެރިން ބުނެ އެވެ.