ކްރެޑިޓް ގެރެންޓީ ސްކީމް 100 މިލިއަން ރުފިޔާއަށް އިތުރުކޮށްފި
ކްރެޑިޓް ގެރެންޓީ ސްކީމް 100 މިލިއަން ރުފިޔާއަށް އިތުރުކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ގާއިމްކޮށްފައިވާ ކްރެޑިޓް ގްރެންޓީ ސްކީމަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ލިބުނު ތަރުހީބުގެ ބޮޑުކަމުން، އެ ސްކީމަށް ކަނޑައަޅާފައިވާ އަދަދު 50 މިލިއަން ރުފިޔާއިން 100 މިލިއަން ރުފިޔާއަށް އިތުރުކޮށްފި އެވެ.

އެ ސްކީމް ހިންގާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ މިދިޔަ މަހުގެ 31ގެ ނިޔަލަށް ޖުމްލަ 44,6 މިލިއަން ރުފިޔާގެ ލޯނަށް އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ލޯނަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހަ ފަރާތަކަށް ސްކީމްގެ ދަށުން ގެރެންޓީ ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ މިހާރު ވެސް ޖުމްލަ 39 މިލިއަން ރުފިޔާގެ ލޯނު އެޕްލިކޭޝަން ޕްރޮސެސިން ސްޓޭޖްގައި އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން، ބައިވެރިވެފައިވާ ބޭންކުތަކުގައި ޖުމްލަ 30 މިލިއަން ރުފިޔާގެ ލޯނު އެޕްލިކޭޝަން އަދި އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ޔުނިޓުގައި ޖުމްލަ 9,4 މިލިއަން ރުފިޔާގެ ލޯނު އެޕްލިކޭޝަން ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 7 ގައި ތައާރަފްކުރި ސްކީމްގެ މަގުސަދަކީ ހެޔޮ އަގުގައި މާލީ ހިދުމަތްތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމާއި އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ދަރަނި ލިބޭ މިންވަރު އިތުރުކޮށްދިނުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެ ސްކީމްގެ ސަބަބުން ދަރަންޏަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމުގައި އެހީތެރިވެދީ އަދި ރަހުނެއް ނެތް ފަރާތްތަކަށް ވެސް ރަހުނަކާ ނުލައި ދަރަނި ހޯދޭނެ ގޮތް ހަމަޖައްސައިދެ އެވެ. އެ ސްކީމްގައި ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ދެ ބޭންކު ފިޔަވައި އެހެން ހުރިހާ ބޭންކަކުން ވަނީ ބައިވެރިވެފަ އެވެ.

އެމްއެމްއޭ އިން ބުނީ ބޭންކުތަކުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކުގެ ތެރެއިން ސްކީމްގެ ދަށުން ގެރެންޓީ އަށް އެދި ހުށަހަޅާ އަދި ޝަރުތު ފުރިހަމަވާ މާލީ ގޮތުން ކުރެވިދާނެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް އެ ސްކީމްގެ ދަށުން ގެރެންޓީ ދޭނެ ކަމަށެވެ. ގެރެންޓީ ދެނީ 100,000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދު ލޯނުތަކަށެވެ.