އެއާޕޯޓުން ހައްޔަރުކުރި ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައި ރާއްޖެއިން ފޮނުވާލައިފި
އެއާޕޯޓުން ހައްޔަރުކުރި ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައި ރާއްޖެއިން ފޮނުވާލައިފި

ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައި އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

އެއާޕޯޓު ތެރެއަށް ދޫކޮށްލާފައި އޮތް ލަގެޖެއް ބަލައި ފާސްކުރިއިރު، އެ ދަބަހުގައި އޮތް ގަމީހަކުން ބަޓަން ކެމެރާއެއް ފެނިގެން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު 26 އަހަރުގެ މޯޑް އޮވައިސް އަދި ގޮގްޑާ ހާރޫން ނަމަކަށް ކިޔާ 41 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.

އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުކުރިއިރު އެ ދެ މީހުންގެ މައްޗަށް ޖިނާއީ ތުހުމަތެއް އުފުލެވޭ ވަރަށް ހެއްކާއި ގަރީނާ ހޯދިފައިނުވާ ކަމަށެވެ. އެހެންވެ، މިދިޔަ މަހުގެ 8 ވަނަ ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލައި ޖެހިގެން އައި ދުވަހު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.