ޕީއެސްއެމުން ވޯލްޑް ކަޕް ދައްކާނެ
ޕީއެސްއެމުން ވޯލްޑް ކަޕް ދައްކާނެ

އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ދެއްކުމަށް ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމުން މީޑިއާ ނެޓާ އެކު އިއްޔެ ސޮއިކޮށްފި އެވެ.

މި ފަހަރުގެ މުބާރާތުގެ ރާއްޖޭގެ ބްރޯޑްކާސްޓިން ރައިޓްސް އެއް މިލިއަން ޑޮލަރުގެ އަގަކަށް ގަނެފައިވަނީ މީޑިއާ ނެޓުންނެވެ.

މީޑިއާ ނެޓުން ވަނީ އެ ކުންފުނިން ހިންގާ އައިސް ޓީވީ އާއި ރާއްޖެ ޓީވީ އަށް ވެސް ރައިޓްސް ވިއްކައިފަ އެވެ.

މާނައަކީ މުބާރާތުގެ މެޗުތައް ތިން ޗެނަލަކުން ފެނުމެވެ. ޕީއެސްއެމުން މެޗުތައް ދައްކާނީ ޔެސް ޓީވީންނެވެ.

މީޑިއާ ނެޓުން ކޮންމެ ބަޔަކަށް ވެސް ރައިޓްސް ވިއްކާފައިވަނީ 333،333 ޑޮލަރު (5.1 މިލިއަން ރުފިޔާ) އަށެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް "މިހާރު" އަށް މިއަދު ވިދާޅުވީ ޕީއެސްއެމުން ދައްކަން ޖެހޭ އަގު ސްޕޮންސަރުންގެ އަތުން ހަމަޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ފައިސާ ދައްކަން ޖެހެނީ މި ވަގުތަކު ނޫން. އެ ހިސާބަށް ސްޕޮންސަރުންގެ އަތުން ކަލެކްޓް ކޮށްލެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ސްޕޮންސަރުންގެ އަތުން ފައިސާ ނުލިބިއްޖެ ނަމަ އެ ބައި ހަމަޖައްސަން ޖެހޭނީ ދައުލަތުގެ ބަޖެޓުންނެވެ.

ރާއްޖޭގެ ގިނަ ބަޔަކު ޕީއެސްއެމް ބަލަނީ މީޑިއާ ނެޓުގެ ނެޓްވޯކުގެ ތެރެއިންނެވެ. މީޑިއާ ނެޓް މެދުވެރިކޮށް ޕީއެސްއެމް ފެންނަނީ މަހު ފީ ދައްކައިގެން ނަގާ ޕެކޭޖުގެ ތެރެއިންނެވެ. މީޑިއާ ނެޓުން ވޯލްޑް ކަޕަށް އިތުރު ފީ އެއް ނަގާފާނެ ކަމަށް ވެސް ވާހަކަތައް ދެއްކެވެ އެވެ.

ޕީއެސްއެމުން އަންނަނީ 1986 ގެ މެކްސިކޯ ވޯލްޑް ކަޕުން ފެށިގެން ހުރިހާ ވޯލްޑް ކަޕެއް ރާއްޖޭގައި ދައްކަމުންނެވެ. އެކަމަކު ކުރިން ޕީއެސްއެމްގެ ޗެނަލްތައް ބަލަނީ ޓެރެސްޓީރިއަލްކޮށް ކަމަށް ވާތީ އަގެއް ނެތި ވޯލްޑް ކަޕް ބެލެ އެވެ.

ޕީއެސްއެމްގެ ކުރިން މީޑިއާ ނެޓާ އެކު ވޯލްޑް ކަޕް ދެއްކުމަށް ސޮއިކުރި ރާއްޖެ ޓީވީ އާއި އައިސް ޓީވީން ވަނީ ރާއްޖޭގެ ފުޓްބޯޅަ ކޯޗުންނާއި ނޫސްވެރިން ހިމެނޭހެން ޕެނަލިސްޓުން ކަނޑައަޅައި މުބާރާތުގެ ޕްރީ ޝޯ އަށް ތައްޔާރުވެފަ އެވެ.

ޕީއެސްއެމްގެ ސްޕޯޓްސް ހެޑް ހުސެއިން ފަރިޔާޒް "މިހާރު" އަށް ވިދާޅުވީ އެ ޗެނަލުން ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ޕްރީ ޝޯތަކެއް ދައްކާނެ ކަމަށާއި އޭގައި ދިވެހި ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށެވެ.

ޕީއެސްއެމްގެ އެނަލިސްޓުންގެ ޓީމުގައި ތަޖުރިބާކާރު ނޫސްވެރިޔާ އަދި ކޮމެންޓޭޓަރު އިމާދު ލަތީފާއި ކުރީގެ މަޝްހޫރު ކޮމެންޓޭޓަރު މުހައްމަދު ޝާހިދު ހިމެނެ އެވެ. މިއީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެ އެނަލިސްޓުންނެވެ.

އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ކުރިއަށް ގެންދާނީ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށެވެ. މުބާރާތް ހުޅުވައި ދޭނީ ނޮވެމްބަރު 20 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ގަތަރާއި އިކުއެޑޯ ކުޅޭ މެޗުންނެވެ. ގިނަ މެޗުތައް ކުޅޭނީ ރާއްޖޭގެ ގަޑިން ރޭގަނޑު 8 އާއި ދަންވަރު 12 ޖަހާއިރެވެ.