19 އޮކްޓޯބަރ 2022 - 14:23

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ބައެއް ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން ތްރީ ލައިން ވިޕެއް ނެރުނަސް އެ ބިލު ދިރާސާ ކޮށް ގެންނަން ޖެހޭ ބަދަލެއް ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ވަނީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށް ހުށަހަޅައިފަ އެވެ.
އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ފަށާފައި ވަނިކޮށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ބައްދަލުވުމެއް ބާއްވައި އެ ބިލު ފާސް ކުރަން ތްރީ ލައިން ވިޕެއް ވަނީ ނެރެފަ އެވެ.
ބިލު ރަނގަޅަށް ދިރާސާ ނުކޮށް އަދި ބައެއް މެމްބަރުން އެ ބިލު ފާސް ކުރުމާ ދެކޮޅު ހަދާފައި ވަނިކޮށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވިޕެއް ނެރުމާ ގުޅިގެން ބައެއް މެމްބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން "މިހާރު"ން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ޓެކްސް ބޮޑު ކުރުމަކީ މިވަގުތަށް ގައުމަށް މުހިންމު ކަމަކަށް ވާތީ ވިޕެއް ނެރުނީ އެ ބިލު ބޭރު ނުކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އެ ބިލާ މެދު މެމްބަރުންގެ ހިޔާލު ހޯދައި ގެންނަން ޖެހޭ އިސްލާހެއް އޮވެއްޖެ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ގާނޫނުގައި އިސްލާހު ކޮށްލަން ޖެހޭ ކަމެއް އޮތްތޯ ބަލައި އެކަން މެމްބަރުން ކުރަމުން ގެންދާނެ. އެކަމަކު ޖުމުލަކޮށް ބިލު ބޭރު ނުކުރުމަށް ވިޕެއް ނެރުނީ،" އަސްލަމް ވިދާޅުވި އެވެ.
ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެއާ ދެކޮޅަށް ވޯޓު ދީފި ނަމަ ގަވާއިދުގައި އޮންނަނީ ފިޔަވަޅު އަޅާ ގޮތަށެވެ. ވިޕާ ޚިލާފުވި ބައެއް މެމްބަރުންނަށް ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ވިސްނުން ހުރީ ވީހާވެސް އަވަހަށް ބިލު ފާސް ކުރުމަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މަޖިލީހަށް އައުމުގެ ކުރިން ބިލު ފާސް ކުރަން ޖެހޭނެ ކަމަށާއި އެ ނޫން ނަމަ ގިނަ ދަތިތަކެއް ދިމާވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ޓެކްސް ނެގުމާ ގުޅޭ ގޮތުން މީގެ ކުރިން މަޖިލީހުގައި ބަހުސް ކުރައްވަމުން އެމްޑީޕީ ޕީޖީގައި ހިމެނޭ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބައެއް މެމްބަރުން ވަނީ މި ދަނޑިވަޅުގައި ޓެކްސް ބޮޑު ކުރުމަކީ އިގްތިސާދަށް އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ސަރުކާރުން ޓެކްސް ބޮޑު ކުރަން ގަސްތު ކުރާކަން އިއުލާން ކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެކަން ކުރަން ނިންމާފައި ވަނީ ކޮވިޑް-19 އާއި ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ދައުލަތަށް ހިލޭ އެހީ ލިބުމުގައި ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ.
ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސަރުކާރުން ސަބްސިޑީ ދޭން ޖެހޭ މިންވަރު އިތުރުވުމާއި ސަރުކާރުން އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުމަކީ ވެސް ޓެކްސް ބޮޑު ކުރަން ނިންމި ސަބަބެއް ކަމަށް އަމީރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ނަގަނީ ހަ ޕަސަންޓުގެ ޖީއެސްޓީ އާއި 12 ޕަސަންޓު ޓީޖީއެސްޓީ އެވެ.