ޕެލަސް އިން ފަހަތުން އަރައި ވުލްވްސް ބަލިކޮށްފި
ޕެލަސް އިން ފަހަތުން އަރައި ވުލްވްސް ބަލިކޮށްފި

ލަންޑަން (އޮކްޓޫބަރު 19) - ދާއިމީ ކޯޗެއް ކެތި ކުޅެމުން އަންނަ ވުލްވަހެމްޓަން ވޮންޑަރާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ފަހަތުން އަރައި ކްރިސްޓަލް ޕެލަސް އިން 2-1 އިން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބު ކޮށްފި އެވެ.

ޕެލަސް އިން ފަހަތުން އަރައި ވުލްވްސް ބަލިކޮށްފި
ޕެލަސް އިން ފަހަތުން އަރައި ވުލްވްސް ބަލިކޮށްފި

މިއީ ލާޖް މަގާމުން ވަކިކުރި ފަހުން ވުލްވްސް ކުޅުނު ތިން ވަނަ ލީގު މެޗެވެ. ވުލްވްސްގެ ކޯޗުގެ މަގާމަށް ކުރިން އަޔެކްސް އާއި ބޮރޫޝިއާ ޑޯޓްމަންޑް އަދި ބެޔާ ލެވެކޫސަން އަދި މިދިޔަ ސީޒަންގައި ލިޔޯން އަށް ކޯޗު ކޮށްދިން ނެދަލެންޑްސްގެ ޕީޓާ ބޯޒް ގެންނަން މަޝްވަރާ ކުރާ ކަމަށް މީޑިއާތައް ރިޕޯޓް ކުރެ އެވެ.

ލާޖް މަގާމުން ވަކިކުރި ފަހުން އެޓީމަށް އިރުޝާދު ދެމުން އަންނަނީ ވުލްވްސްގެ 23 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދޭ، ޖޭމީ ކޮލިންސް އާއި ސްޓީވް ޑޭވީސް އެވެ. އެންމެ އިސްކޮށް ހުންނަނީ ޑޭވީސް އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނިޓުގައި ވުލްވްސް އަށް ލީޑު ނަގައިދިނީ އެޑަމާ ޓްރައޯރޭ އެވެ. އޭގެ ފަހުން ހާފު ނިމުމުގެ ކުރިން ރުބެން ނެވެސް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑީގައި ވެސް ޖެހުނެވެ.

ނަމަވެސް ޕެލަސް އިން އެއްވަރު ކުރީ ދެވަނަ ހާފު ފެށިގެން 63 ވަނަ ސިކުންތުގައި މައިކަލް އޮލީސް ނަގައިދިން ހުރަހަކުން އެބެރޭޗީ އެޒޭ ޖަހައިދިން ގޯލުންނެވެ. އަދި އޮޑްސޯން އެޑުއާޑް ދިން ޕާހަކުން ޕެލަސް އަށް ލީޑު ހޯދައިދިނީ 70 ވަނަ މިނިޓުގައި ވިލްފްރެއިޑް ޒާހާ އެވެ. މިއީ ޒާހާ ލީގުގައި މި ސީޒަނުގައި މިހާތަނަށް ޖަހައިދިން ފަސްވަނަ ލަނޑެވެ.

މި ނަތީޖާއާ އެކު ވުލްވްސް އޮތީ 11 މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު 17 ވަނައިގަ އެވެ. ނަމަވެސް ޕެލަސް ވަނީ 10 މެޗު ކުޅެގެން 13 ޕޮއިންޓާ އެކު ޓޭބަލްގެ 10 ވަނައަށް ޖެހިލައިފަ އެވެ. ލީގުގެ އަށް ވަނައިގައި އޮތް ލިވަޕޫލާއި ނުވަވަނައިގައި އޮތް ބްރެންޓްފޯޑް އަދި 11 ވަނައިގައި އޮތް ބޯންމަތަށް ވެސް ލިބިފައި ވަނީ 13 ޕޮއިންޓެވެ.

ލިވަޕޫލް އަށް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. އަމިއްލަ ދަނޑުގައި މިރޭ ލިވަޕޫލް ނުކުންނާނީ 11 ޕޮއިންޓާ އެކު 13 ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގުގެ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓުން ވަނީ، ހަތް ވަނައިގައި އޮތް ބްރައިޓަން އާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފަ އެވެ.

ބްރައިޓަންގެ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.

މިއާ އެކު ފޮރެސްޓް ވަނީ 11 މެޗު ކުޅެގެން ހަ ޕޮއިންޓް ހަމަކޮށް، 19 ވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް ފޮރެސްޓަށް ވުރެ ކުރިއަށް ޖެހިލަން ފަސް ޕޮއިންޓާ އެކު ފުލަށް ވެއްޓުނު ލެސްޓާ ސިޓީ، މާދަމާ ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނާނެ އެވެ.

މިހާތަނަށް ކުޅުނު 10 މެޗުން 15 ޕޮއިންޓް ހޯދައިގެން ބްރައިޓަން އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ، އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ހަވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.