19 އޮކްޓޯބަރ 2022 - 06:38

ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ، އަމީތާބު ބައްޗަން އާއި އަނުޕަމް ކޭރާއި ބޯމަން އިރާނީ ލީޑު ރޯލު ކުޅެފައިވާ ފިލްމު، "އޫޗާއީ" ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
މި ފިލްމަކީ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމެއް ދައްކުވައިދޭ ފިލްމެކެވެ. ގާތްގަނޑަކަށް ތިން މިނެޓްގެ ޓްރެއިލާގައި މި ރަހުމަތްތެރިންގެ ގުޅުމާ އެކު އެ މީހުން އެވަރެސްޓް ބޭސް ކޭމްޕަށް ކުރާ ދަތުރުގައި ދިމާވާ ގޮންޖެހުންތަކެއް ދައްކުވައިދެ އެވެ.
މި ފިލްމުގެ އެކި ޝޮޓްތައް ނަގާފައި ވަނީ ނޭޕާލުގެ އެކި ސަރަހައްދުތަކުގަ އެެވެ.
ޑައިރެކްޓަރު ސޫރަޖް ބަރްޖަތުޔާގެ މި ފިލްމަކީ 2015 ގައި އޭނާ ޑައިރެކްޓްކުރި އާއިލީ ފިލްމު، "ޕްރެމް ރަތަން ދަން ޕާޔޯ" އަށް ފަހު، އޭނާ ޑައިރެކްޝަނަށް އެނބުރި އަންނަ ފިލްމެވެ.
މި ފިލްމުގައި ޕަރީނިތީ ޗޯޕްރާ އާއި ނީނާ ގުޕްތާ ވެސް މުހިއްމު ރޯލަކުން ފެންނާނެ އެވެ.
ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 11 ގަ އެވެ.