19 އޮކްޓޯބަރ 2022 - 06:39

ކަރަން ޖޯހަރުގެ ނަން ފިކްޝަން ސީރީޒް، "ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގެ ތަރިން ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑްސް ވައިވްސްގައި ހިމެނެނީ އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރާއި ސޮހައިލް ޚާންގެ ކުރީގެ އަންހެނުން ސީމާ ޚާނާއި ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭ އާއި އެކްޓަރު ސަމީރު ސޯނީގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ބަތަލާ ނީލަމް ކޮތާރީ އެވެ. މި ހަތަރު ތަރިންނަކީ ވަރަށް ކުރިއްސުރެ އެކުގައި އަދި ވަރަށް ގާތްކޮށް އުޅެމުން އަންނަ ތަރިންތަކެކެވެ.
އެމީހުންގެ ދިރިއުޅުން ދައްކުވައިދޭ ޝޯއެއް އުފައްދައި ނެޓްފްލިކްސްގައި ވެސް ދައްކަމުން އަންނައިރު މި ހަތަރު ތަރިން އެކުގައި ރާއްޖެ ވެސް އަތުވެއްޖެ އެވެ.
މަހީޕްގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ މީގެ ހަފްތާއެއް ކުރިން އެ މީހުން ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ. އެ ފޮޓޯގައި ޓެގްކޮށްފައިވާ ގޮތުން އެމީހުން ތިބެނީ ޖުމެއިރާ މޯލްޑިވްސް އޮޅަހަލި ރިސޯޓުގަ އެވެ. އަދި އެއީ "ގްލޯބަލް ސްޕާ މެގަޒިން" ގެ މަސައްކަތަކަށް އެ މީހުން ރާއްޖެއަށް ކުރި ދަތުރެކެވެ.
މިވަގުތު އެ މީހުން ތިބީ ރާއްޖޭގައި ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު ނީލަމް އިއްޔެ އޭނާގެ އިންސްޓަގްރާމްގައި ވަނީ މަހީޕް މީގެ ހަފްތާއެެއް ކުރިން އާންމުކުރި ފޮޓޯ އާންމުކޮށްފަ އެވެ.
މަހީޕް އިންސްޓަގްރާމަށްލީ އެހެން ފޮޓޯއެއްގައި ބުނެފައި ވަނީ، މަސައްކަތަކަށް ރާއްޖެއަށް މި ކުރި ދަތުރު ވެސް ހީވަނީ ޗުއްޓީ ދަތުރެއްހެން ކަމަށެވެ. އެމީހުން ވަނީ ރާއްޖޭގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކާއި ޕޫލަށް އެރި ޖަހާފައިވާ ސަކަރާތް ވެސް ސަޕޯޓަރުންނަށް ހިއްސާކުރުމުގެ ގޮތުން ފޮޓޯތަކެއް އާންމުކޮށްފަ އެވެ.
ބޮލީވުޑް ވައިވްސްގެ ފުރަތަމަ ސީޒަން ނެރެފައި ވަނީ 2020 ގަ އެވެ. އަދި ބޮޑު ތަރުހީބެއް ލިބުމުގެ ސަބަބުން ޝޯގެ ދެވަނަ ބައެއް އުފައްދައި މިދިޔަ ސެޕްޓެމްބަރު މަހުގައި ވަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފަ އެވެ،