ހިތް
ހިތް

އާދިއްތަ ދުވަހާ ގުޅޭ

"ހައި!" ނަޒްދާޔާ ހަތަރުކަޅި ހަމަކޮށްލަމުން އޭނަ ބުންޏެވެ.

ނަޒްދާގެ ބޮލުން ފެށިގެން ފަޔަށް ފިނިވެގެންދިޔައެވެ. އޭނަގެ ލޮލަށް ބަލަހައްޓައިގެން ނަޒްދާއަށް ހުރެވުނީއެވެ. ނަޒްދާގެ ހިތް ހީވަނީ މޭފަޅައިފައި ބޭރަށް ނުކުމެދާނެހެންނެވެ. ނޭވާލެވޭކަން ވެސް ހަނދާންވީ ފަހުންނެވެ. އެއީ ކޮންމެހެން އޭނަ މާ ރީތިވެގެން ވީ ގޮތެއް ނޫނެވެ. ބިރުން ގޮސް ވީ ގޮތެކެވެ. ފިހާރަޔަކު ތިންވަނަ މީހަކު ނެތެވެ. އޭރު ނަޒްދާ އަތުގައި ފޮތްތަކެއް ހުއްޓެވެ. ފަހަރަކު ފޮތެއް، މަޑުމަޑުން ހަރުގަނޑުގައި ބަހައްޓަން ފެށިއެވެ. ހަޅޭއްލަވައިގަންނަން ހިތަށްއެރިއެވެ. ދުއްވައިގަންނަން ވެސް ހިތަށްއެރިއެވެ.

"އަޑުއަހާލަން ރީތި ބަންޖެއް. އެސްފިޔަތަކަށް ބަރުވާ ކަހަލަ ނިންޖެއް. ބުކްޝޮޕެއްގަ އިންނަ ކުއްޖެއް. ބުނެބަލަ އެއީ ކޮން ކުއްޖެއް؟" އޭނަ ރީތި ލަފުޒުތަކެއް އަމުނައިލިއެވެ.

އެއީ ސިހުރެކެވެ. ނުވަތަ ޖާދޫއެކެވެ. އެ ލަފުޒުތައް އިވުމާއެކު ނަޒްދާގެ ހާސްކަންފިލިއެވެ. ހިތް ބުނި ކަހަލައެވެ. އެހައި އޯގާތެރި އަޑެއްގެ ވެރިޔެއް ދެކެ ކޮން ބިރެއްގަންނާކަށް ހެއްޔެވެ؟ ކުރާނެކަމެއް، ބުނާނެ އެއްޗެއް ނޭނގިގެން ނަޒްދާ އިސްޖަހައިލިއެވެ.

"ގައިން ދުވާ މީރުވަސް. ހުއްޓިއްޖެ އަހަރެންގެ ބަސް. ބައްދަލުވޭތޯ ކުރެވުނީ ލަސް. ކިހިނެއްކުރާނީ ހިތް މަސަލަސް؟" ނަޒްދާގެ އަތުގައި ހިފާލައިފައި، ހުވަފެނީ ރާގެއްގައި އޭނަ ބުންޏެވެ. "ކުރުވަން ބޭނުންތަ އާދޭސް؟ ތިރިވަން ބޭނުންތަ.."

އެ ވަގުތު ފިހާރައިގެ ދޮރު ހުޅުވައިލި އަޑަށް ނަޒްދާ އެ ދިމާ ބަލައިލިއެވެ. ދޮރުން ވަނީ ބަޝީރެވެ. ދެން ބަލައިލި އިރު، ގާތުގައި ހުރި މީހާ ފެންނާކަށް ނެތެވެ. އަނެއްކާ ވެސް އިވުނީ ދޮރު ހުޅުވައިލި އަޑެވެ. ނަޒްދާ ބަލައިލި އިރު އޭނަ ނުކުމެފައި ދޮރު ލައްޕަނީއެވެ. ހިތުގައި ވިކާލައިފައި، އަތުގައި ހިފާލައިފައި އޭނަ ނުކުމެގެން ދިޔައީއެވެ. އެތެރެއަށް ވަން ވަރަށް ވުރެ ސިއްރުންނެވެ. ނަޒްދާ ހިތަށްއެރިއެވެ. ހާދަހާ ކެރޭ މީހެކެވެ. ފޮޓޯއަށް ވުރެ އަސްލު މީހާ ރީއްޗެވެ. ދެން އިވުނީ މެސެޖެއް އައި އަޑެވެ.

"ނުބުނެ އައިތީ މާފަށް އެދެން. ކުށެއްކަމަށް ނުނިންމުން އެދެން. އިތުރަށް ނުރޮއްވުން އެދެން. ގުޅާލުމުގެ ހުއްދައަކަށް އަލުން އެދެން." މެސެޖުގައި އޮތެވެ.

އެ ލަފުޒުތަކުން ނަޒްދާގެ ހިތް މަޑު ފުށްކޮޅަކަށް ހަދައިލިއެވެ. ހިނިތުންވެވުނެވެ. ލޯބީގެ އަކުރިސް ހަށިގަނޑުގައި ބީހިލިއެވެ. އެއީ ވާ ގޮތެކެވެ. އުނިވާ އެއްޗަކަށް އަބަދުވެސް އިންސާނާގެ ހިތް ފެންބޮވާނެއެވެ. އެދޭނެއެވެ. ލެނބޭނެއެވެ. ޓިއުޝަން ކިލާހުން ދަރިފުޅު ގޮވައިގެން ގެއަށް އައި އިރު ވެސް ނަޒްދާގެ ތުންފަތުގައި ހުރީ މަޑު ހިނިތުންވުމެކެވެ.

"މަންމީ!" އަޒާން ބުނި އަޑަށް ނަޒްދާގެ ސަމާލުކަން އެ ދިމާއަށް އެނބުރުނެވެ. "ވަރަށް އުފާވެފަތަ ތީނީ؟ އެއީ ކީއްވެ؟ އަޒާން ބަސްއަހާތީތަ؟"

ނަޒްދާ ނިކަން ބާރަށް ހީނގަތެވެ. އެއީ މަދުން ނޫނީ ނުވާ ކަމެކެވެ. އަޒާން އުރައިލިއެވެ. ބައްދައިލައިފައި ބެހެއްޓިއެވެ. ނަޒްދާއަށް ހީވާ ކަހަލައެވެ. މަގުގެ ދެފަރާތުގައި ހުރީ މާއަޅައި ބަރާވެފައިވާ ގަސްތަކެވެ. އުދަރެހުގައި ވަނީ، ކުރިން ނުފެންނަ ނޫކުލައެކެވެ. ނަޒްދާގެ ބުރަކަށިން ބޮޑު ދެ ފިޔަގަނޑު ފަޅައިފިއެވެ. ބިންމައްޗަކު ފަޔެއް ނުޖެހެއެވެ. ދުރުން ބަލަން ހުރި މީހާއަށް ވެސް ކުރެވެނީ ހަމަ އެ ފަދަ އިހުސާސެކެވެ. މާލޭގައި އެތައް ހާސް އަންހެނުންނެއް އެބަ އުޅެއެވެ. އެކަމަކު، ނަޒްދާ ފެނުމުން އޭނައަށް ލިބޭ ހިތްހަމަޖެހުން އެހެން މީހަކު ފެނިގެނެއް ނުލިބެއެވެ. އެއީ ކީއްވެގެންކަމެއް އޭނައަކަށް ނޭނގެއެވެ. ހާއްސަ ސަބަބެއް ވެސް ނެތެވެ.

މާގަނޑުން މޫނަށް ފެންއޮހެން ދޫކޮށްލައިގެން، ފާހާނައިގެ ފާރުގައި ލެނގިލައިގެން ނަޒްދާ ހުއްޓެވެ. ކުރިމަތީގައި ވެސް ހުރީ ފާރެކެވެ. އެހެނަސް ހީވާ ކަހަލައެވެ. ފާރުގައި އެއްޗެއް ލިޔެވިފައި އެބަ ހުއްޓެވެ.

"ތީ ދެވަނައެއް ނުވާ ހަނދެކެވެ. ހިތުން ނުފިލާ ހުވަނދެކެވެ. ސިއްރު ނޭނގޭ ކަނޑެކެވެ. ހިތަށް އަނިޔާކުރާ ތަދެކެވެ."

ނަޒްދާ ތައްޔާރުވާން ހުއްޓައި މުޖުތަބާ ވަނެވެ. ވަން ގޮތަށް ވަދެ، ގަމީސް ބާލައިފައި އެނދުމައްޗަށް ހޫރައިލިއެވެ. ގަޔަށް ބޮޑީސްޕުރޭ ޖަހައިލިއެވެ. އާ ގަމީހެއް ނެގިއެވެ.

"ޕާޓީއަކަށް ދާ އިރު ފެންވަރައިގެނެއްނު ދާންވާނީ." ނަޒްދާ އެދުނެވެ.

"ކައިވެނިކުރަނީ އަހަރެންތަ؟" މުޖުތަބާ ބުންޏެވެ. "ދެން އަވަސްކޮށްގެން ހިނގާދަމާ!"

އެއީ ތެދެކެވެ. ކައިވެނިކުރަނީ ހަނާއެވެ. ހަނާއަކީ ނަޒްދާގެ އެކުވެރިއެކެވެ. މައްސަލައަކީ އެޔެއް ނޫނެވެ. މައްސަލައަކީ، ކުރިން ނަޒްދާ އާދަވެފައިވާ ކަންކަމުން ބޮލަށް ތުރާވާން ފެށުމެވެ. މުޖުތަބާއަކީ، ނަލަކޮށް ހުންނަ މީހެކެވެ. ބޭރަށް ފެންނާނީ އެހެންނެވެ. އެކަމަކު، ބާލާ އަންނައުނު، ގުޅަކޮށްފައި އެނދުމައްޗަށް ޖެހުމަކީ އޭނަގެ އާދައެކެވެ. ހިތަށްއަރައިފިއްޔާ ދުވާލަކު ތިން ފަހަރު ފެންވަރައިފާނެއެވެ. ދެ ދުވަހުން އެއް ދުވަހު ވެސް ފެންވަރާފާނެއެވެ. ބޭސް ނުލައި، ހުސްބުރުހުން ދަތްއުނގުޅަފާނެއެވެ. ފާހާނާ ފުލަޝްކުރުމަކީ މުޖުތަބާ އެންމެ ހަނދާންނުވާ ކަންތަކެވެ. ނަޒްދާ ހުރީ އެ ކަންކަމަށް ހޭނިފައެވެ. އަލުން އެ ކަންކަން ލޮލުގައި އަޅައިގަންނަން ފެށީ ކީއްވެގެންކަމެއް ނަޒްދާއަކަށް ނޭނގެއެވެ. އެހެނަސް، އެ ވާހަކަދައްކާކަށް ނަޒްދާ ބޭނުމެއް ނޫނެވެ.

"އެކަމަކު އެ އޮތީ މެރޫން ގަމީސް އިސްތިރިކޮށްފަ،" ނަޒްދާ ގަމީހަށް އިޝާރާތްކޮށްލައިފައި ބުންޏެވެ. "ހަނާ ބުނީ.."

"އަހަރެން ގަމީސްލާންވީ ކުލަ އެނގޭނީ އަހަންނަށް. ހަނާއަކަށް ނޫން،" ސެންޓުޖަހައިލަމުން މުޖުތަބާ ބުންޏެވެ. "ހިނގާ ނުކުންނަމާ! މިރޭ އަދި އެބަ ޖެހޭ ކަރޯކޭ ޖައްސަން ދާން ވެސް. ފަހަރެއްގަ ނަޒްދާ އެކަނި ވެސް އަންނަންޖެހިދާނެ. އެކަންޏެއް ނުވާނެތާ! އަޒާން ވެސް ހުންނާނެއްނު."

އެއްޗެއް ބުނެފިއްޔާ ވާނީ އަރާރުމަކަށެވެ. ހަނާގެ ޕާޓީއަށް ދާ އިރު ނަޒްދާ ބޭނުންވަނީ އުފާވެރި މޫޑެއްގައި ހުންނާށެވެ. ނަޒްދާ ސެންޓުޖެހިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެގެން ފަރިބަލައިލިއެވެ.

"އަޑުއަހާލަން ރީތި ބަންޖެއް. އެސްފިޔަތަކަށް ބަރުވާ ކަހަލަ ނިންޖެއް. ބުކްޝޮޕެއްގަ އިންނަ ކުއްޖެއް. ބުނެބަލަ އެއީ ކޮން ކުއްޖެއް؟" މަޑުމަޑުން ނަޒްދާގެ ހިތް ބުނެލިއެވެ.

ޕާޓީ އޮތީ ރަސްރަނި ޕާކުގައެވެ. ތިރި ހުރިހައި ގަހަކަށް ހުރީ ކުލަބޮކި ލައިފައެވެ. ތަންތަންކޮޅުގައި ލަންޓަނާއި، ފާނޫޒާއި، ބިގަރު ބަހައްޓާފައި ހުއްޓެވެ. ބޮޑެތި ގަސްގަހުގައި މަންދީލަ އެލުވާފައި ހުއްޓެވެ. ކާން ހުރީ ދިވެހިކެއުމެވެ. އިވެމުންދިޔައީ ދިވެހި މިޔުޒިކެވެ. ތަން ވަރަށް ހިތްގައިމެވެ. އެހެނަސް ނަޒްދާއަށް ދެވުނީ ތަނަށް އެންމެ އެކަށީގެންވާ މީހަޔާ އެއްކަކު ނޫނެވެ. ތަނަށް ވަދެވުނު އިރު ވެސް މުޖުތަބާ ހުރީ ނުކުންނަން ލަސްވެފައެވެ. މުޖުތަބާ ހުންނަނީ ވެސް ނަޒްދާއަށް ވުރެ ތަންކޮޅެއް ކުރީގައެވެ. ނަޒްދާ ހުރީ އަޒާންގެ އަތުގަ ހިފައިގެންނެވެ. ހަނާޔާ ހަމައަށް ދެވުމުގެ ކުރިން މުޖުތަބާގެ އެކުވެރިޔަކާ ދިމާވެގެން، އެ ހިސާބުން މުޖުތަބާ ދުރަށްޖެހިއެވެ. ހަދިޔާ ހިފައިގެން ނަޒްދާ ދުރުގައި މަޑުކޮށްލިއެވެ. އަޒާން ބޭނުންވީ އެތެރެއަށް ވަންނާށެވެ. މުޖުތަބާ އިރުއިރުކޮޅާ، މަޑުކޮށްލުމަށް އެދެއެވެ. ހަފުލާގައި ބައިވެރިނުވެވެނީސް ނަޒްދާއަށް ގޮތް ހުސްވިއެވެ. އެންމެ ފަހުން، އެތެރެއަށް ވަންނަން ނަޒްދާއަށް ހުއްދަލިބުނެވެ.

"ކޮބާ މުޖޫ؟" ފުރަތަމައިނުން ވެސް ހަނާ އެހީ އެ ސުވާލެވެ.

"އެބަ އާދޭ! ދެކުދިން ކިހިނެއްތަ؟" ނަޒްދާ ވަގުތުން ވާހަކަ ބަދަލުކޮށްލިއެވެ. "ދެން ބަސްއަހައިގެން ރީތިކޮށް އުޅެއްޗޭ! އަސީލް! ވަރަށް ލޯބިން ހަނާ ގެންގުޅޭތި! ތީ އަހަރެންގެ ވަރަށް ކްލޯސް ފްރެންޑެއް."

އަސީލް ހިނިތުންވެލިއެވެ. އަދި ހަނާ ގަޔާ ކައިރިކޮށްލިއެވެ.

"ލޯބިވާ ވަރުން ހަނާއަށް ހެޑޭކަކަށްވާ ވަރު ކޮށްލާނަން. އޯކޭތަ؟" އަސީލް ބުންޏެވެ.

އެންމެން ހީނގަތެވެ. ހަނާ ގުދުވެލާފައި އަޒާނަށް ދޮނެއްދިނެވެ. އެންމެން އެކުގައި ފޮޓޯއެއް ނެގިއެވެ. އޭރު ވެސް މުޖުތަބާއެއް ނާދެއެވެ. ޕާޓީ ތެރެއިން މޫމިނާ ދިމާވިއެވެ. މޫމިނާއާއި ހަނާއަކީ ވެސް ދެ އެކުވެރިންނެވެ.

"ކޮބާ މުޖޫ؟" މޫމިނާ އެހިއެވެ. އަދި ނަޒްދާ ފާޑަކަށް ބަލައިލުމުން ބުންޏެވެ. "އޯކޭ ގެޓްވެއްޖެ! ހިނގާ ކާން."

"މުޖޫ އައީމަ!" ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ނަޒްދާ ބުންޏެވެ.

އޭރު ވެސް އަޒާން އުޅެނީ އެ ތަން ބަލަން ނުދެވިގެންނެވެ. އެ ތަނުގައި ހުރި ކުޅޭ އެއްޗެއްސަށް ނޭރިގެންނެވެ. އެ ވަގުތު މުޖުތަބާ ގުޅިއެވެ. ނަޒްދާ ފޯނުނެގިއެވެ. ނަޒްދާ އުޅުނީ ތިބި ތަން ބުނަންވެގެންނެވެ.

"އޭ! ކުއްލިއަކަށް ނައްޓާލަންޖެހިއްޖެ!" ނަޒްދާއަށް އިވުނީ ހައިރާންވާ ކަހަލަ ވާހަކައެއް ނޫނެވެ. "ފްރެންޑް ކައިރީގަ ބުނޭ ސޮރީއޭ އިނގޭ. އަހަންނަށް މަޑުކުރާނެކަމެއް ނެތް! ނިންމާފަ ނައްޓާލާ!"

"ދެން އަންހެނުންނަށް ތި ވަރަށް ކިޔައިދޭން ޖެހޭތަ؟" އެއީ މުޖުތަބާގެ ވާހަކައިގެ ތެރެއިން އެހެން މީހަކު ބުނި އެއްޗެކެވެ.

ފޮޓޯނަގައިފައި ދިޔަ ނަމައޭ ބުނަން ނަޒްދާ ހިތަށްއެރިއެވެ. ހަނާޔާ ސަލާންކޮށްލި ނަމައޭ، ފެންފޮދެއް ނަމަވެސް ބޯލައިގެން ދިޔަ ނަމައޭ ބުނަން ވެސް ހިތަށްއެރިއެވެ. ބުނަން ފޫހިވީއެވެ. ގެއިން ސުރެ ނަޒްދާ ހުރީ އެތަކެއް ޝަކުވާއެއް އެތެރެއަށް ހިންދައިގެންނެވެ. އެކަމަކު އެ ފޯނުގެ ސަބަބުން މޫނުގެ ކުލަވަރު ފަނޑުކޮށްލިއެވެ. އަނެއްކޮޅުން އަޒާންގެ ޝަކުވާ އޭރު ވެސް ނުހުއްޓެއެވެ.

"އާނ ހިނގާހިނގާ!" އަޒާން ގޮވައިގެން ހިނގައިގަންނަމުން މޫމިނާ ބުންޏެވެ. "އަންނާނަން މި ކުއްޖާއާ އެއްކޮށް ކުޅެލާފަ."

ނަޒްދާ އެކަނިމާއެކަނި އިށީނދެލައިގެން އިނެވެ. ހިތަށްއެރިއެވެ. މިހެން އުޅެންވީ ކިހައި ދުވަހަކު ހެއްޔެވެ؟ ދަރިފުޅަށް އަށާރަ ފުރޭ އިރު ނަޒްދާ ހުންނާނީ މޮޔަވެފައެވެ. މޮޔަ ނުވިއްޔާ ޔަގީނުން ވެސް ހިތުގެ ބޮޑު ބައްޔެއްޖެހިފައެވެ. ނަޒްދާ މަޑުމަޑުން ފޯނު ނެގިއެވެ. ބޭނުންވީ މެސެޖެއް އަންނާށެވެ. ފޯނެއް އަންނާށެވެ. ކާކުގެ ހެއްޔެވެ؟ ނަން ވެސް ނޭނގޭ މީހެއްގެ ފަރާތުންނެވެ. ނަޒްދާ ހިތަށްއެރިއެވެ. ނަޒްދާއަށް ބަލަހައްޓައިގެން ކޮންމެވެސް ތާކު އޭނަ މިހާރު ވެސް ހުންނާނެއެވެ. ކިހައި އެކަނިވެފައި އިންކަން އެނގޭނެއެވެ. ނޭނގޭ ނަމަ އެންގިދާނެއެވެ. އޭރުން ނަޒްދާ ހިތްއުފާވާ ކަހަލަ ކޮންމެވެސް އެއްޗެއް އޭނަ ބުނާނެއެވެ.

"ވަރަށް އެކަނިވެފަ މީނީ." ނަޒްދާ މެސެޖެއް ލިޔެލިއެވެ.

މެސެޖު ފޮނުވާލުމުގެ ބަދަލުގައި މެސެޖު ފުހެލައިފައި ނަޒްދާ ތެދުވިއެވެ. މޫމިނާއާއި އަޒާން ކުޅެންތިބި ތަނަށް ދިޔައެވެ. އެ މީހުން ގޮވައިގެން ކާން ގޮސް، ތައްޓަށް އެއްޗެހި އަޅައިގެން އިށީނެވެ. އެ ވަގުތު މެސެޖެއް އައިހެން ހީވިއެވެ.

"އަޅެ އެ މެސެޖު ފޮނުވި ނަމަ.." އޭނަގެ މެސެޖުގައި އޮތެވެ.

ނުނިމޭ