ސްމާޓްފޯނުން "ލޯ ހިކޭ ބަލި" ޖައްސާ: ދިރާސާ
ސްމާޓްފޯނުން "ލޯ ހިކޭ ބަލި" ޖައްސާ: ދިރާސާ

ގިނައިން ސްމާޓްފޯން ބޭނުންކުރާ ކުޑަކުދިންނަށް ލޯ ހިކޭ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ބީއެމްސީ އޮޕްތަލްމޮލޮޖީގައި ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.

ލޯ ހިކޭ ބަލި ނުވަތަ ޑްރައި-އައި ޑިސީޒް އަކީ ލޮލަށް ބޭނުންވާ ވަރަށް ކަރުނަ ނުއުފެދި ލޯ ރަތްވުމާއި ދުޅަވުމަށް މެދުވެރިވާ މައްސަލައެކެވެ.

ދިރާސާގައި ބުނެފައި ވަނީ ލޯ ހިކޭ މައްސަލަ ކުރިމަތިވާ ކުދިންގެ އަތަށް ފޯނު ނުދީ މަހެއްހާ ދުވަސް ހޭދަކުރުމުން އެ ކުދިންގެ ކިބައިން ބަލީގެ އަސަރު ކުޑަވާ ކަމަށެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް އާންމު ގޮތެއްގައި ދިމާވާ މައްސަލައެއް ކަމަށް ވިޔަސް ތަޖުރިބާކާރުން ވިދާޅުވަނީ ކުޑަކުދިންނަށް ވެސް މި މައްސަލަ ދިމާވާ ކަމަށާއި އެކަމަކު މައްސަލަ ދެނެ ނުގަނެވެނީ ކަމަށެވެ.

ސްކްރީނަކާ ދިމާލަށް ބަލަހައްޓައިގެން އިންނަ ނަމަ އެސްފިޔަ ޖަހާ މިންވަރު މަދުވެ، ކަރުނަތައް އަވަހަށް ހިކެ އެވެ. އެހެންވެ ލޯ ހިކޭ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ.

ބީއެމްސީ އޮޕްތަލްމޮލޮޖީގެ ދިރާސާގައި، ކޮރެއާ އިން އުމުރުން 7-12 އަހަރާ ދެމެދުގެ 916 ކުއްޖަކު ބައިވެރިކުރި އެވެ. މި ކުދިންގެ ލޮލުގެ ހާލަތު ވަޒަންކުރި އިރު 6.6 ޕަސެންޓް ކުދިންނަކީ ޑްރައި އައި ޑިޒީޒްގެ އަސަރުތައް ހުރި ކުދިންކަން އެނގުނެވެ.

މައްސަލަ ހުރި ކުދިންގެ ތެރެއިން 97 ޕަސެންޓް ކުދިންނަކީ އެވެރްޖެ ގޮތެއްގައި ކޮންމެ ދުވަހަކު 3.2 ގަޑިއިރު ސްމާޓްފޯން ބޭނުންކުރާ ކުދިންނެވެ. ބަލީގެ އެއްވެސް އަލާމާތެއް ނެތް 55 ކުދިން ތިބި އިރު އެއީ އެވްރެޖްކޮށް ދުވާލަކު 37 މިނެޓް ފޯނަށް ބަލާ ކުދިންނެވެ.

ޑިޖިޓަލް ޑިޓޮކްސް ސްޕެޝަލިސްޓެއް ކަމަށްވާ ތަންޔާ ގޫޑިން އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވި ގޮތުގައި ސްކްރީންތަކަށް ބެލުމުގެ ސަބަބުން ކުރިމަތިވަނީ ހަމައެކަނި ލޯ ހިކޭ މައްސަލައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ "ޑިޖިޓަލް އައި ސްޓްރެއިން" ގެ ސަބަބުން ލޮލުގެ ފެނުމަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

ޑިޖިޓަލް އައި ސްޓްރެއިން ނުވަތަ ޑިޖިޓަލް ސްކްރީނެއްގެ ކުރިމަތީގައި ދެ ގަޑިއިރަށް ވުރެ ގިނައިރު އިނުމުން ލޮލަށް ވާ އުނދަގޫތަކާ ގުޅޭ މައްސަލަތައް ބޮޑެތި މީހުންނާއި ކުޑަކުދިންގެ މެދުގައި ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ގޫޑިން ވިދާޅުވި އެވެ.