18 އޮކްޓޯބަރ 2022 - 13:07

އެއް ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެންދިޔަ 10،000ރ. ގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12 ޖަހާކަށްހާއިރު ބޮޑުތަކުރުފާނު މަގުގައި އެއް ނަންބަރު ފާލަން ސަރަހައްދުން ފެނުނު އެ ފައިސާތައް އެ އިދާރާ އަށް ގެންދިޔައީ އާންމުންގެ މީހަކު ކަމަށެވެ. އެ ފައިސާތައް ހުރީ ހުދުކުލުގައި ސިޓީ އުރައެއްގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ފައިސާގެ ވެރިފަރާތް ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށް ބުންޏެވެ.
އެހެންވެ، އެ ފައިސާގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށާއި އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ 9631696 އަށް ގުޅުމަށް ފުލުހުން އެދިފައިވެ އެވެ.
މަގުމަތިންނާއި އާންމު ތަންތަނުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތީގެ ވެރިފަރާތް ހޯދަން އާންމުންކޮށް އިއުލާންކުރެ އެވެ. ބައެއް ފަހަރު އޭގެ ތެރޭގައި ވަރަށް އަގުބޮޑު ތަކެތި ވެސް ހިމެނެ އެވެ.