18 އޮކްޓޯބަރ 2022 - 12:22

މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރީން ވަގަށް ނެގި ފައިސާ ފޮރުވިތަން އަމިއްލައަށް ދެއްކި މީހާ ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި އެވެ.
ޑިސެމްބަރު 29، 2016 ގެ ދަންވަރުގެ ވަގުތެއްގައި ނިލަންދޫ ސްކޫލަށް ވަދެ އެތަނުގެ ތިޖޫރީން ވައްކަން ކުރި މައްސަލައިގަ އެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން އެ ތިޖޫރީން 199،090ރ. ވަގަށް ނަގާފައިވެ އެވެ.
އޭނާ ސްކޫލުގެ ތެރެއަށް ވަނީ ސްކޫލުގެ ޕްރިންސިޕަލް މަސައްކަތްކުރާ އޮފީހުގެ ކުޑަދޮރުގެ ތަންޑު ކަށިގަނޑަކުން މަތާލައި ދަތްދަގަނޑު ބޭނުންކޮށްގެން ކުޑަދޮރުގެ ތޭރިތައް ހަލާކުކޮށްލައިގެންނެވެ.
އެ މައްސަލައިގައި ދައުލަތުން ދެ މީހެއްގެ މައްޗަށް ތިން ދައުވާއެއް ކުރި އެވެ. އެއީ ވައްކަން ކުރުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާ އެވެ.
އެ ދެ މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުގައި ކުށަށަށް އިއުތިރާފުވުމުން އެ މައްސަލަ އަވަސް ނިޔާއިން ބަލައި ހުކުމް ކުރީ އިއްޔެ އެވެ.
އިއުތިރާފުވި މީހާ ވަނީ އޭނާ އަކީ މިހާރު އާއިލީ ޒިންމާތައް އުފުލަން ޖެހޭ މީހެއް ކަމަށް ބުނެ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ޒިންމާތައް އޭނާ އުފުލަމުން އަންނަ ކަަމަށާއި އާއިލާގެ އެހެން ބައެއް މީހުންނަށް ވެސް އެހީވެ ބަލަހައްޓަމުންދާ ކަމަށް ބުންޏެވެ. އަދި މި މައްސަލަ ނޫން އިތުރު ކުށުގެ ރެކޯޑެއް ނެތުމުން އެކަމަށް ބެލުމަށް ވެސް އެދުނެވެ.
ގާޒީ މުހައްމަދު މިސްބާހު ނިންމެވީ އިއުތިރާފުވުމުން އަދަބަށް ލިބޭ ލުޔާ އެކު އަދަބުގެ ދަރަޖަ އިތުރަށް ދަށްކުރާށެވެ.
ވައްކަން ކުރުމުގެ ކުށަށް އޭނާއަށް ދެވެން އޮތް ތިން މަހާއި 28 ދުވަހުގެ ޖަލު އަދަބު 23،600ރ.ގެ ޖޫރިމަނާއަކަށް ބަދަލުކުރީ އެވެ. އޭނާގެ މައްޗަށް ކުރި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއަށް ދެވެން އޮތް 27 ދުވަހުގެ ޖަލު ހުކުމް ބަދަލު ކުރީ 5،400ރ.ގެ ޖޫރިމަނާއަކަށެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަށް ކަނޑައެޅެން އޮތް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމް 10،800ރ.ގެ ޖޫރިމަނާއަކަށް ބަދަލު ކުރި އެވެ.
އެހެންވެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ ޖުމްލަ 39،600ރ. އެވެ.
ގާޒީއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ވެސް އަދަބުގެ ދަރަޖަ ދެ ދަރަޖަ ކުޑަކުރި އެވެ. އޭނާއަކީ އިސްލާހުވާން މަސައްކަތް ކުރާ، އާއިލީ ޒިންމާ އުފުލަންމުންދާ އަދި އިޖްތިމާއީ ގޮތުން ފައިދާ ހުރި މަސައްކަތްތަކެއް ކުރަމުންދާ މީހެއްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ވަގަށް ނެގި ފައިސާ ފޮރުވިތަން ފުލުހުންނަށް ބުނެދީ ދައުލަތަށް އަނބުރާ އެ ފައިސާ ހޯދައިދީފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މި މައްސަލައިގައި ދައުވާ ލިބޭ ދެވަނަ މީހާގެ މައްސަލަ ދެން ބަލާނީ ވަކި ގަޒިއްޔާއެއްގެ ގޮތުގަ އެވެ.