18 އޮކްޓޯބަރ 2022 - 13:02

މި ސަރުކާރުން ކުރިމަތިލާން ހުޅުވާލި 4،000 ފްލެޓް ވަރަށް އަވަހަށް އާއްމުންނަށް ދައްކާލާނެ ކަަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމަށް ހުޅުވާލި މުއްދަތު މި ހަފުތާގައި ހަމަވިއިރު 2،000 ގޯއްޗާއި 4،000 ފްލެޓަށް ގާތްގަނޑަކަށް 40،000 މީހުން ވަނީ ކުރިމަތިލައިފަ އެވެ. އެއީ މާލެ އިން ދޫކުރާ 2,000 ގޯއްޗަށް 15,164 ފޯމާއި 4,000 ފްލެޓަށް 20,697 ފޯމެވެ.
އަކްރަމް ވިދާޅުވީ ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާކަަމަށެވެ. މި ދައުރުގެ ތެރޭގައި ނުނިމުނަސް ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ފްލެޓްތަކުގެ މަސައްކަތްދާ ގޮތް އަޅުގަނޑުމެން ވަަރަށް އަވަހަށް ޓީވީން ދައްކާާލާނަން. ހުރިހާ ފްލެޓެއް މުޅިއަކުންނެއް ނުނިމޭނެ. އެކަމަކު ކޮންމެވެސް ވަރެއް ނިމޭނެ،" އަކްރަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގޯތި ކަނޑާފައި ދެވޭ އުސޫލުން ހަތަރު ފާރު ދެއްކޭވަރު ވާނެ މި ދައުރު ނިމުމުގެ ކުރިން. އިތުރު 2،000 ފްލެޓާ އެކު ޖުމްލަ 6،000 ކުރިއަށް އެބަދޭ."
އޭނާ ވިދާޅުވި ގޮތުގައި އާއްމުކޮށްފައިވާ މިންގަނޑާ އެއްގޮތަށް މި ހަފުތާގައި ފޯމުތަކަށް ޕޮއިންޓްދޭން ފަށާނެ އެވެ. މި ސަރުކާރުން ހުޅުވާލި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތަކުގެ ޝަރުތާއި ޕޮއިންޓްދޭނެ އުސޫލް އޮތީ ގެދޮރުވެރިކަމަށް ހުޅުވާލި ވެބްސައިޓާއި ގެޒެޓުގައި ވެސް އިއުލާންކޮށްފަ އެވެ.
މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން މި ސަރުކާރުން އަމާޒު ހިފީ 13،000-15،000 ދޭތެރޭގައި ފްލެޓް އެޅުމަށެވެ. އެކަމަކު މިއަދަދަށް ނުފެށުނަސް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގިނަ ބައެއްގެ ބޯހިޔާވަހިކަމުގެ ހާލަތު ރަނގަޅުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.