އެމްއެންޔޫގެ ދެވަނަ ޖޮބް ފެއާ އަންނަ މަހު
އެމްއެންޔޫގެ ދެވަނަ ޖޮބް ފެއާ އަންނަ މަހު

ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދެވަނަ ޖޮބް ފެއާ އަންނަ މަހު ބާއްވަން ނިންމައި، އެ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޔޫގެ ދެވަނަ ޖޮބް ފެއާ އަންނަ މަހު
އެމްއެންޔޫގެ ދެވަނަ ޖޮބް ފެއާ އަންނަ މަހު

އެ ޔުނިވާސިޓިން މިއަދު ބުނީ "އެމްއެންޔޫ ފަހި ފުރުސަތު" ފެއާގައި ބައިވެރިވާން އެދޭ ކުންފުނިތަކަށް އަންނަ ހޯމަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފެއާ އޮންނާނީ އަންނަ މަހުގެ 9 އިން 10 ގައި ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ. ފެއާ ބާއްވަނީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގަ އާއި އަތޮޅުތަކުގައި ހުންނަ ކެމްޕަސްތަކުގަ އެވެ.

އެމްއެންޔޫ އިން ބުނިގޮތުގައި، ފެއާގެ މަގުސަދަކީ މާލެ އާއި އަތޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަަސާތަކާއި މަގާމުތަކުގެ އާމްދަނީގެ މައުލޫމާތާއި މަސައްކަތުގެ ތަޖުރިބާ ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށާއި އާއްމުންނަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގައި ހުރި ސިނާއީ ފުރުސަތުތަކާއި އެ ދާއިރާތަކަށް ބޭނުންވާ ހުނަރުވެރިން ހޯދާ ދިނުމާއި އެ ފަދަ ދާއިރާތަކަށް ނުކުތުމަށް ހިތްވަރު ދިނުމަކީ ވެސް ފެއާގެ މަގުސަދެކެވެ.

އެމްއެންޔޫ އިން ބުނީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް ފެއާގެ ސަބަބުން ފުރުސަތު ފަހިވާނެ ކަމަށެވެ. ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދަން ބޭނުންވާ މީހުންނާ ގުޅި، ރަނގަޅު މުވައްޒަފުންތަކެއް ހޯދުމަށް ކުންފުނިތަކަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މި އަހަރުގެ ޖޫން މަހު އެމްއެންޔޫ އިން ވަނީ އެ ޔުނިވާސިޓީގެ ފުރަތަމަ ޖޮބް ފެއާ ބާއްވައިފަ އެވެ. އެ ފެއާ އަށް އާއްމުންނާއި އެކު ވުޒާރާތަކާއި މުއައްސައްސާތަކާއި އޮފީސްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފަ އެވެ. ވަޒީފާ ދޭ 32 ފަރާތަކުން އެ ފެއާގައި ބައިވެރިި އެވެ.