18 އޮކްޓޯބަރ 2022 - 12:01

ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓް ކަމަށްވާ "ސްމާޓްކޮމް"ގެ ދަށުން ސާނަވީ ގްރޭޑުތަކުގައި ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ހާއްސަ ސްޓަޑީ ޓުއާއެއް އިއްޔެ ބާއްވައިފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ ސްޓަޑީ ޓުއާ އަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީ އަށް ހުޅުމާލެ ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވާދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ގާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން 20 ދަރިވަރަކު އެ ޕްރޮގްރާމްގައި ބައިވެރިވި އެވެ.

އެ ޕްރޮގްރާމްގެ މަގުސަދަކީ ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީ ކޮމްޕިއުޓަ ސައިންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ކަމަށް އެޗްޑީސީން ބުންޏެވެ.
ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ދަރިވަރުންނަށް ޕްރެޒެންޓޭޝަނެއް ވެސް އެ ޕްރޮގްރާމްގައި ދިން ދިނެވެ. އަދި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލައި އެޗްޑީސީގެ ޓެލެކޮމް ޓަވަރުތައް ވެސް އެ ކުދިންނަށް ދެއްކި އެވެ.
އެޗްޑީސީން ބުނީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި އެ ވިއުގާގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް ވެސް އެ ކުދިންނަށް ދައްކާލި ކަމަށެވެ.
ގޭގެއަށާއި ފްލެޓުތަކަށް ފައިބަ ނެޓްވޯކް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތް ފަދަ އަމަލީ ކަންކަން ކުދިންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ މި ޓުއާގައި ދީފަ އެވެ.
"އެޗްޑީސީން ކުރިއަށް ގެންދާ އެހެނިހެން ކަންކަން ފަދައިން ސްމާޓް ސިޓީގެ މަސައްކަތްތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ ކަންކަން. އަދި ތައުލީމީ ދާއިރާ އަކީ ވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާއަކަށް ވާތީ މިފަދަ ހަރަކާތްތަކަކީ މުސްތަގުބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެއް،" އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރު ޑިސެމްބަރު 12 ގައި ތައާރަފުކުރި ސްމާޓްކޮމް ބްރޭންޑަކީ ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވާލުމަށް ތައާރަފުކުރި ބްރޭންޑެކެވެ. ހުޅުމާލޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް، ރައްޔިތުން ހިމެނޭހެން ޕާޓްނާޝިޕްތައް އެ ބްރޭންޑުގެ ދަށުން އުފައްދާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެ ބްރޭންޑުގެ ސަބަބުން ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ރައްޔިތުންގެ ދިރިއުޅުމަށް ލުއި ފަސޭހަކަން ގެނެސް ދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.