އިނގިރޭސި ޕައިލެޓުން ޗައިނާ އަށް އެހީވަނީ
އިނގިރޭސި ޕައިލެޓުން ޗައިނާ އަށް އެހީވަނީ

ޗައިނާ ސަރުކާރުގެ ފަރާތުން ފައިސާގެ ބޮޑެތި އިނާޔަތްތައް ދިނުމުގެ ސަބަބުން، އިނގިރޭސި ވިލާތުގެ ކުރީގެ ޕައިލެޓުން ޗައިނާގެ އަސްކަރިއްޔާ އަށް އެހީތެރިވެދެމުން އަންނަ ކަމަށް، އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާ އިން ތުހުމަތުކޮށްފި އެވެ.

އިނގިރޭސި ޕައިލެޓުން ޗައިނާ އަށް އެހީވަނީ
އިނގިރޭސި ޕައިލެޓުން ޗައިނާ އަށް އެހީވަނީ

އެ ވުޒާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގައި ޚިދުމަތް ކުރުމަށް ފަހު ރިޓަޔާކޮށްފައިވަ ތިރީހެއްހާ ޕައިލެޓުން މިހާރު ޗައިނާގައި އެބަތިބި ކަމަށް ބެލެވެ އެވެ. އެމީހުންގެ މަސައްކަތަކީ ޗައިނާގެ ވައިގެ ސިފައިންގެ ޕައިލެޓުން ތަމްރީން ކުރުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ރިޓަޔާކޮށްފައިވާ ޕައިލެޓުން އެ މަސައްކަތް ހުއްޓައިލުމަށް މިހާރު ވާނީ އަންގައިފަ އެވެ. ރިޓަޔާ ކޮށްފައި ތިބޭ ޕައިލެޓުން، އެހެން ގައުމެއްގެ ޕައިލެޓުން ތަމްރީން ކުރުމަކީ އިނގިރޭސި ވިލާތުގެ އެއްވެސް ގާނޫނަކުން މަނާކޮށްފައިވާ ކަމަކަށް ނުވިޔަސް، އެކަން ހުއްޓުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިނގިރޭސި ދިފާއީ ވުޒާރާ އިން ބުންޏެވެ.

ހުޅަނގުގެ އަސްކަރީ ޖާސޫސީ އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނެފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ޕައިލެޓުން ޗައިނާ އަށް ދަނީ ވަރަށް ބޮޑެތި އަދަދުތަކުން ފައިސާގެ އިނާޔަތްތައް ހުށަހެޅުމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް 270000 ޑޮލަރު ވެސް، ޗައިނާ ސަރުކާރުން ހުށަހަޅާފައިވެ އެވެ.

ފައިސާ ދީގެން ގެންދާ އިނގިރޭސި ޕައިލެޓުންގެ މަސްއޫލިއްޔަތަކީ، ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ މަތިންދާބޯޓުތައް މަސައްކަތް ކުރާ ގޮތާއި ޕައިލެޓުން އަމަލު ކުރާ ގޮތުގެ މައުލޫމާތު، ޗައިނާގެ ޕައިލެޓުންނާ ހިއްސާ ކުރުމެވެ. އެފަދަ މައުލޫމާތުތަކަކީ، ތައިވާން މައްސަލަ ފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި ޗައިނާ އަށް ވަރަށް މުހިންމު މައުލޫމާތުތަކަކަށް ވާނެ އެވެ.

އިނގިރޭސި ވިލާތުގެ މަދު ޕައިލެޓުންތަކެއް ޗައިނާގެ އަސްކަރިއްޔާ އަށް އެހީތެރިވެދެމުން އަންނަކަން އިނގިރޭސި ސަރުކާރަށް އެންމެ ފުރަތަމަ އެނގުނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އެކަން އެނގުމާއެކު އެ ޕައިލެޓުންނާ ވަކިވަކިން ވާހަކަ ދައްކައިގެން އެކަން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމުން ޗައިނާގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން، އިނގިރޭސި ޕައިލެޓުން ޗައިނާ އަށް ގެންދިއުމުގެ މަސައްކަތް މަޑުޖެހިގެން ދިޔަ އެވެ. ނަމަވެސް މިހާރު އަލުން އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނެ އެވެ.