09 ޖޫން 2016 - 07:59

2 ޖޯޑު ފުފޫ (މަށާފައި، އޮށް ހުންނަ ބައި ނަގާފައި، ގޮޅިއަށް ކޮށާފައި)
1 ޖޯޑު ހަކުރު (ފޮނި ގަދަކުރަން ބޭނުން ނަމަ ހަކުރު އިތުރު ކުރެވިދާނެ)
2 މޭޒުމަތީސަމުސާ ހިމުން ހަނޑޫ ފުށް (ކުޑަ ފެންފޮދެއްގައި އޮލަކޮށް ގިރާލާފައި)
10 ޖޯޑު ފެން
¼ ސައިސަމުސާ ކާފޫރުތޮޅި (މުގުރާފައި)
1 ޖޯޑު ކާށިކިރު (އޮލަކޮށް)
1 ޖޯޑު ހުވަނދުމާ ފެން ނުވަތަ 1 ސައިސަމުސާ ފިނިފެން (ރޯސްވޯޓާ)
ރާނބާފަތް
- ހަ ޖޯޑު ފެން ކެކިގަތީމައި ފުފޫ އެޅުން.
- ފަނަރަ މިނެޓުއިރަށް ފަހު ނަގާފައި، ފުރޭންޏަކަށް އަޅާފައި (ފެންފޮދު ފުރޭނުމަށް ޓަކައި) ބެހެއްޓުން.
- ހަތަރު ޖޯޑު ފެން (ފަހުން ހުވަނދުމާ ފެން އަޅާ ނަމަ) ހަތަރު ޖޯޑުގެ ބަދަލުގައި ތިން ޖޯޑު ފެން، ހަނޑޫފުށް، ކާށިކިރު، ހަކުރު ތެއްޔަކަށް އަޅައިގެން ކެއްކުން. ހަނޑޫފުށްކޮޅު ގަނޑުވިޔަ ދީގެން ނުވާނެ. ބޮކިޖަހައި ކެކެން ފެށީމައި ފުފޫ އަޅާފައި، ރަނގަޅަށް ކެކެންދެން އެއްކުރަމުން ކެއްކުން. ބޭނުން ނަމަ ހުވަނދުމާ ފެން ނުވަތަ ފިނިފެން (ރޯސް ވޯޓާ)، ކާފޫރުތޮޅި، ރާނބާފަތް އެޅުމަށް ފަހު ކެކިގަތީމައި އުނދުން ނިއްވާލާފައި، ތެލީގެ މަތި ޖަހައިފައި ބެހެއްޓުން.
ހޫނުކޮށް ނުވަތަ އައިސްއަލަމާރިއަށް ލައި ފިނިކޮށްގެން ވެސް މި ކަނދި ވަރަށް މީރު ވާނެ.
އެޑިޓަރުގެ ނޯޓް: މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.