18 އޮކްޓޯބަރ 2022 - 12:05

ޓްރީ ޓޮޕް ހޮސްޕިޓަލުން ހދ. ކުޅުދުއްފުށީގައި މަލްޓިސްޕެޝަލްޓީ ކޭމްޕެއް ބާއްވައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ކޭމްޕުން 400 މީހަކު ސްކްރީން ކޮށްފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ބުނީ އެ ކޭމްޕަށް ދިޔަ މީހުންގެ ތެރެއިން ސްކްރީން ކުރުމަށް ފަހު އިތުރަށް ފަރުވާ ބޭނުންވާ މީހުންނަށް ރިފަރަލް ވެސް ހަމަޖައްސާދީފައިވާ ކަމަށެވެ.

އެ ކޭމްޕުގައި އެކި ބަލިތަކަށް ހާއްސަ ހަ ޑޮކްޓަރަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ކަށީގެ ޑޮކްޓަރަކާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި، އޮޕްރޭޝަނަށް ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ދަތުގެ ހާއްސަ ޑޮކްޓަރެއް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ކޭމްޕުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ ކަށީގެ އޮޕަރޭޝަން ޑޮކްޓަރު ޑރ. މުހައްމަދު ހަބީބު އާއި ކަށީގެ ޑޮކްޓަރު ޑރ. އަލީ މުޒްނީ އާއި ކަރުން މަތީގެ ޑޮކްޓަރު ޑރ. ރާޖެޝް ވަލާންދް އެވެ. އަދި ދަތުގެ ފަރުވާއަށް ހާއްސަ ޑޮކްޓަރު ޑރ އާއިޝާ ނިހާ އާއި އަންހެނުންގެ ހާއްސަ ޑޮކްޓަރު ޑރ. އައިމިނަތް ޖުހައިނާ ހަމީދު ވެސް އެ ޓީމުގައި ހިމެނެ އެވެ. އޭގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރު ޑރ.ރިޝި ކާންތް އާރްޔަލް އާއި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. އަމިތު އަގާވާލެ ވެސް ހިމެނެ އެވެ.
ޓްރީ ޓޮޕުން އެ ހެލްތު ކޭމްޕުގެ އިތުރުން އެ ރަށުގެ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ކުޅުދުއްފުށީގެ ސްކޫލްތަކުގެ ބެލެނެވެރިންނަށް ކުޑަކުދިންގެ އަނގަ އާއި ދަތުގެ ސިއްހަތާއިި ބަލިތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ސެޝަނުގައި މައުލޫމާތު ދެއްވީ ކުޑަކުދިންގެ ދަތުގެ ބަލިތަކަށް ހާއްސަ ޑރ. އައިޝާ ނިހާ އެވެ. އެ ސެޝަނުގައި 14 އަހަރުން ދަށުގެ ކުދިން އަނގައިގެ ސިއްހަތާ ބެހޭ މައުލޫމާތާއި ރައްކާތެރިވެވޭނެ ގޮތްތަކާއި އާންމުކޮށް މީހުން ކުރާ ސުވާލުތަކާއި ޖަވަބު ވަނި ހިއްސާކޮށްފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކުޅުދުއްފުށީީގެ ހެލްތު ކޭމްޕަކީ ކާމިޔާބު ކޭމްޕެއް ކަމަށެވެ.