ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި
ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި

ނިމިގެން ދިޔަ 2021/2022 ގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 'ފްރާންސް ފުޓްބޯލް؛ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ހޯދައިފި އެވެ.

ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި
ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި

މި އެވޯޑް 1998 ވަނަ އަހަރު ފްރާންސްގެ ޒައިނުއްދީން ޒިދާން ހޯދި ފަހުން، އެވޯޑް ކާމިޔާބުކުރި ފްރާންސްގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދި ބެންޒެމާ އަށް ޓްރޮފީ ހަވާލުކޮށްދިނީ ވެސް، ޕެރިހުގައި އޮތް ހަފުލާގައި ޒިދާނެވެ.

ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި
ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި

ބެންޒެމާ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ ނިމުނު ސީޒަނުގައި 46 މެޗުން 44 ގޯލް ޖަހައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 15 ގޯލް ހިމެނެ އެވެ. އޭނާ އަކީ ނިމުނު ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެ އެވެ.

ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި
ބެލޮންޑިއޯ އެވޯޑް ބެންޒެމާ ކާމިޔާބުކޮށްފި

ފްރާންސްގެ ލިޔޯން އިން ވިދާލި ފޯވާޑް 2009 ގައި ރެއާލަށް ބަދަލުވެ އެ ޓީމަށް ވަނީ 615 މެޗުން 328 ގޯލް ޖަހައިފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައިފަ އެވެ. މިވަގުތު ރެއާލުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ.

ބެންޒެމާގެ ފަހަތުން ދެ ވަނަ ހޯދީ މިދިޔަ ސީޒަނުގައި ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގު ކަޕް ކާމިޔާބުކޮށް، ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ހޯދި ސެނެގާލްގެ ސަޑިއޯ މާނޭ އެވެ. އަދި ތިން ވަނަ ހޯދީ ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ބެލްޖިއަމް ޕްލޭމޭކަރު ކެވިން ޑި ބްރޭނާ އެވެ.

1 - ކަރިމް ބެންޒެމާ: ރެއާލް މެޑްރިޑް/ ފްރާންސް

2 - ސަޑިއޯ މާނޭ: ލިވަޕޫލް/ ސެނެގާލް

3 - ކެވިން ޑި ބްރޭނާ: މެންޗެސްޓާ ސިޓީ/ ބެލްޖިއަމް

4 - ރޮބަޓް ލެވޮންޑޮސްކީ: ބަޔާން މިއުނިކް/ ޕޮލެންޑް

5 - މުހައްމަދު ސަލާހު: ލިވަޕޫލް/ މިސްރު

6 - ކީލިއަން އެމްބާޕޭ: ޕީއެސްޖީ/ ފްރާންސް

7 - ތިބައޫ ކޯޓުއާ: ރެއާލް މެޑްރިޑް/ ބެލްޖިއަމް

8 - ވިނީޝިއަސް ޖޫނިއާ: ރެއާލް މެޑްރިޑް/ ބްރެޒިލް

9 - ލޫކާ މޮޑްރިޑް: ރެއާލް މެޑްރިޑް/ ކްރޮއޭޝިއާ

10 - އާލިން ހާލަންޑް: ބޮރޫޝިއާ ޑޯޓްމަންޑް/ ނޯވޭ

އަންހެން ކުޅުންތެރިންނަށް ދޭ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރީ، މި އެވޯޑް މިދިޔަ އަހަރު ވެސް ހޯދި ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު އެލެކްސިއާ ޕުޓެލަސް އެވެ. އޭނާއާ ވާދަކުރީ އާސެނަލްގެ އިނގިރޭސި ކުޅުންތެރިޔާ ބެތު މީޑް އާއި ޗެލްސީގެ އޮސްޓްރޭލިއާ ކުޅުންތެރިޔާ ސޭމް ކާރް އެވެ.

މިދިޔަ ސީޒަނުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ހާސިލްކުރީ ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ގަވީ އެވެ. އޭނާއާ ވާދަކޮށް ދެ ވަނަ ލިބުނީ ރެއާލް މެޑްރިޑުގެ ފްރާންސް މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އަށެވެ. އަދި ތިން ވަނަ އަކީ ބަޔާން މިއުނިކުގެ ޖަރުމަން މިޑްފީލްޑަރު ޖަމާލް މުސިއަލާ އެވެ.

މި އެވޯޑް ހޯދާނެ ކަމަށް ބެލެވުނު ބޮރޫޝިއާ ޑޯޓްމަންޑުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދިޔައީ ހަތަރު ވަނަ އަށެވެ. އަދި އާސެނަލްގެ އިނގިރޭސި ފޯވާޑް ބުކާޔޯ ސަކާ ދިޔައީ އަށް ވަނަ އަށެވެ.

އެންމެ މޮޅު ގޯލްކީޕަރަށްދޭ ޔެޝީން ޓްރޮފީ ހޯދީ މިދިޔަ ސީޒަނުގައި ރެއާލާ އެކު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބެލްޖިއަމް ގޯލްކީޕަރު ތިބައޫ ކޯޓުއާ އެވެ. އޭނާއާ ވާދަކުރީ ބްރެޒިލް ދެ ކީޕަރުންނެވެ. އެއީ ލިވަޕޫލުގެ އެލިސަން ބެކާ އާއި ސިޓީގެ އެޑަސަން އެވެ.

އެންމެ މޮޅު ފޯވާޑަށް ދޭން މި އަހަރު އަލަށް ތައާރަފުކުރި ގާޑް މުލާ ޓްރޮފީ ހޯދީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކަށް ކުޅުނު ޕޮލެންޑް ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ. މި އެވޯޑް ދެނީ ސީޒަނުގައި ކްލަބާއި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދޭ ކުޅުންތެރިޔާ އަށެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ ބެލޮންޑިއޯ އެވޯޑަށް އެ ޓީމެއްގެ ހަ ކުޅުންތެރިން ނޮމިނޭޓްވި ސިޓީ އެވެ. މި ބައިން ދެ ވަނަ އަކީ އެ އަދަދަށް ކުޅުންތެރިން ނޮމިނޭޓްވި ލިވަޕޫލެވެ. މިދިޔަ ސީޒަނުގެ ޔޫރަޕުގެ ޗެމްޕިއަން ރެއާލަށް ލިބުނީ ތިން ވަނަ އެވެ. ބެލޮންޑިއޯ އަށް ނޮމިނޭޓްވީ އެ ޓީމުގެ ފަސް ކުޅުންތެރިންނެވެ.

އެންމެ ރަނގަޅު އިޖްތިމާއީ އިސްނެގުމަކަށް ދޭން ފްރާންސް ފުޓްބޯލް އިން އަލަށް ތައާރަފްކުރި ސޮކްރަޓީސް އެވޯޑް ހޯދީ މާނޭ އެވެ. އޭނާ އަށް އެވޯޑް ދިނީ އޭނާ ނިސްބަތްވާ ސެނެގާލްގެ އަވަށަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެއްކި ނަމޫނާގެ ސަބަބުންނެވެ.