18 އޮކްޓޯބަރ 2022 - 06:20

މުޅި ދުނިޔޭން ވެސް އެންމެ ރީތި 10 އަންހެނުންގެ ތެރޭގައި، އިންޑިއާގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން ހިމެނިއްޖެ އެވެ.
ހޮލީވުޑްގެ ތަރިން ކަމުގައިވާ ބެލާ ހަދީދް އާއި ކިމް ކާޑޭޝިއަން އަދި އަރިއާނާ ގްރާންޑޭގެ އިތުރުން ބިޔޯންސޭ ފަދަ ތަރިން މި ލިސްޓުގައި ހިމެނެ އެވެ.
ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ ނުވަ ވަނައިގައި ދީޕިކާ ހިމެނުނުއިރު އޭނާއަކީ އިންޑިއާ އިން އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ތަރިއެވެ.
ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ލިސްޓުގެ އެއް ވަނައިގައި ހިމެނިފައި ވަނީ ހޮލީވުޑްގެ އެކްޓްރެސް، ޖޯޑީ ކަމާ އެވެ. އޭނާއަށް އެ ޖާގަ ލިބިފައި ވަނީ 98.7 ޕަސެންޓާ އެކު އެވެ.
މި ލިސްޓަކީ ޕްލާސްޓިކް ސާޖަންއެއް ކަމަށްވާ ޑރ. ޖޫލިއަން ޑި ސިލްވާ އެކުލަވާލާފައިވާ ލިސްޓެކެވެ. އެންމެ ރީތި އަންހެނުން ކަނޑައެޅުމުގައި ބަލާފައި ވަނީ އެ މީހުންގެ މޫނުގެ ބައްޓަން ހިމެނޭ ގޮތަކަށް މައިގަނޑު 12 ކަމަކަށެވެ. އޭގެ ތެރޭގައި، ލޮލާއި ނޭފަތާއި ތުންފަތާއި ދަތްދޮޅި ކަހަލަ ތަންތަން ހުންނަ ގޮތަށް ބަލާފައިވެ އެވެ.
މި ލިސްޓު ދެވަނަ އާއި ތިން ވަނައިގައި ހިމެނެނީ ޒެންޑެޔާ އާއި ބެލާ ހަދީދެވެ.