އޭޝިއަން ކަޕް އަންނަ އަހަރު ގަތަރުގައި، ދެން އޮންނާނީ އިންޑިއާ ނުވަތަ ސައުދީ ގައި
އޭޝިއަން ކަޕް އަންނަ އަހަރު ގަތަރުގައި، ދެން އޮންނާނީ އިންޑިއާ ނުވަތަ ސައުދީ ގައި

އަންނަ އަހަރުގެ އޭޝިއަން ކަޕް ބޭއްވުމުގެ ފުރުސަތު ޗައިނާ އިން ދޫކޮށްލުމުން އެ ފުރުސަތު، މި އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގަތަރަށް އޭއެފްސީން ދީފި އެވެ.

އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 އަށް ތާވަލުކުރި މުބާރާތް ބޭއްވުމުގެ ފުރުސަތު ޗައިނާ އިން މޭ މަހު ދޫކޮށްލީ ކޮވިޑުގެ ސަބަބުންނެވެ.

ޗައިނާ ފަހަތަށް ޖެހުމުން ދެކުނު ކޮރެއާ އާއި އިންޑޮނީޝިއާ އިން ވެސް މުބާރާތް ބޭއްވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު އޭއެފްސީން ނިންމީ ގަތަރަށް ފުރުސަތު ދޭށޭވެ. ބެލެވޭ ގޮތުގައި އެއީ އެ ގައުމުން ވޯލްޑް ކަޕަށް ވެފައިވާ ތައްޔާރީތަކާ އެކު، އިތުރު ތަކުލީފަކާ ނުލާ މުބާރާތް ބޭއްވޭނެތީވެ އެވެ.

އެކަމަކު ގަތަރުގައި މުބާރާތް ބާއްވާނެ ތާރީހުތަކެއް އޭއެފްސީން އަދި ނުނިންމަ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަތަރުން ވަނީ 1988 އާއި 2011 ގައި ވެސް މި މުބާރާތް ހޯސްޓުކޮށްފަ އެވެ.

އޭއެފްސީން ވަނީ 2027 ވަނަ އަހަރުގެ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރި ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި ސައުދީ އަރަބިއާ ޝޯޓުލިސްޓުކޮށްފަ އެވެ. މީގެ ތެރެއިން ގައުމެއް ފައިނަލް ކުރާނީ އަންނަ އަހަރު އެވެ.

މި ދެ ގައުމުގައި ވެސް މީގެ ކުރިން މި މުބާރާތް ބާއްވާފައެއް ނުވެ އެވެ.

އިންޑިއާ އިން މިހާރު އަންނަނީ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ބާއްވަމުންނެވެ. އަދި އެ އުމުރުފުރާގެ ފިރިހެންގެ ވޯލްޑް ކަޕް 2017 ވަނަ އަހަރު ބޭއްވި އެވެ. ކްރިކެޓަށް މަރުދޭ އިންޑިއާގައި ފުޓްބޯޅައިގެ ފޯރި މިހާރު އަންނަނީ އިތުރުވަމުންނެވެ. އިންޑިއާގެ ބޮޑު އާބާދީގެ ތެރެއަށް ފުޓްބޯޅަ ފަތުރާލެވިއްޖެ ނަމަ ލިބޭނެ މާލީ ފައިދާ އަށް ވިސްނައި ފީފާ އިން ވެސް އަންނަނީ އެ ގައުމަށް އެހީވަމުންނެވެ.

އަނެއްކޮޅުން ސައުދީން ވެސް އަންނަނީ ޔޫރަޕުގެ ބައެއް މެޗުތައް އެ ގައުމުގައި ހޯސްޓުކުރަމުންނެވެ. އެގޮތުން މި އަހަރު ސްޕެނިޝް ސުޕަ ކަޕް ބޭއްވި އެވެ. އަންނަ އަހަރު ވެސް އެ މުބާރާތާއި އިޓާލިއަން ސުޕަ ކަޕް ވެސް އޮންނާނީ އެ ގައުމުގަ އެވެ.