17 އޮކްޓޯބަރ 2022 - 11:46

ލާމަރުކަޒީ ނިޒާމުގައި އެ ރަށެއްގެ ބިން ބޭނުންކުރާނެ ގޮތް ނުވަތަ ލޭންޑް ޔޫސް ޕްލޭން މައި ސަރުކާރަށް ހުށަހަޅައި ފާސްކުރަންޖެހޭ ގޮތަށް މިހާރު އަމަލުކުރަމުން އަންނަ އުސޫލު އެ މަނިކުފާނުގެ ވެރިކަމެއްގައި ނައްތާލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ހއ. ގެ ބައެއް ރަށްތަކަށް މިދިޔަ ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ކެލާގައި ވިދާޅުވީ ލޯކަލް ކައުންސިލްތައް ހިނގާ ގޮތް ދެ ދައުރެއްގައި އެ މަނިކުފާނު ތަޖުރިބާ ކުރެއްވި ކަމަށެވެ. މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ހިންގަން އުޅެނީ ފައިދާވާ ގޮތަކަށް ނޫން ކަމަށާއި އެ ރަށެއްގެ ބިން ބޭނުންކުރާ ގޮތް ކަނޑައެޅުން މިހާރު އޮތީ ސަރުކާރުގެ "ބޮޑު ފޮއްޓަށް" ލެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިހާރު މި އޮތް ގޮތަށް އޮވެެގެން މިކަން ހިންގޭނެ ކަމަކަށް. މިހާރު މި އޮތް ގޮތަށް އޮވެގެން އެއްވެސް ރަށެއްގެ ރައްޔިތުން ބޭނުންވެގެން އަދި އިގްތިސާދީ މަންފާއެއް ހޯދަން ވެގެން އިގްތިސާދީ، ސިނާއީ މަސައްކަތެއް ކުރަން ވެސް ބިން ދެވޭނެ ގޮތެއް ނޯވޭ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނެއް ހެދިފައި ނެތިއްޔާ،" ޔާމީން ވިދާޅުވި އެވެ.
"ލޭންޑް ޔޫސް ޕްލޭނެއް ހަދައިގެން ސަރުކާރާ ހިސާބަށް ދިޔައީމާ ސަރުކާރުގެ ބޮޑު ފޮއްޓަށް ވަދެ ނިމޭ ގޮތަށް އޮންނަނީ ސަރުކާރު އެކަން ކޮށްދޭން ބޭނުން ނުވާ ކަމަށް ވަންޏާ. އެކަމަކު މި ބިމަކީ ކެލާގެ ބިން، ކެލާގެ ރައްޔިތުންގެ ބިން. އެހެންވީމާ ކީއްކުރަންތޯ ލޭންޑް ޔޫސް ޕްލޭން ކޮންމެހެން ހަދަންވީ؟ ލޭންޑް ޔޫސް ޕްލޭން ހަދައިގެން ފާސްކުރާނެ ކަމެއް ނެތް."
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ނުކުންނަވާ ކެންޑިޑޭޓް ވިދާޅުވި ގޮތުގައި އެ ރަށެއްގެ ބިން ބޭނުންކުރަންވާނެ ގޮތް ނިންމާނީ ރައްޔިތުންނެވެ. ޔާމީން ވިދާޅުވީ، އެ މަނިކުފާނު ރައީސްކަމުގައި ހުންނެވިއިރު ބިން ބޭނުންކުރުމުގައި އަމަލުކުރަންވާ ގޮތް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ދެންނެވީ ރައްޔިތުން ބާރުވެރިވާ ގޮތަށް ކަމަށެވެ.
"މާލޭގައި ތިބި ބަޔަކު ކީއްކުރަންތޯ ބަލަންވީ ކެލާގައި ސްކޫލް އަޅަން ކޮން ތަނެއްތޯ ބާއްވާފައި އޮތީ. ވަށަފަރުގެ ގަބުރުސްތާނެއް ބޮޑުކުރަން ބިން ބޭއްވިތޯ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ބިން ބޭނުންކުރާނެ ގޮތް އެނގޭނީ އެ ރަށެއްގެ ރައްޔިތުންނަށެވެ.
ތަރައްގީ ބާރު މިނުގައި ގެންދެވޭނީ އޭރަށް ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންނަށް ބާރުދޫކޮށްލާ ގޮތަށް މި ސަރުކާރުން އިސްލާހު ގެނައި ލާމަރުކަޒީ ގާނޫނުގައި އޮތީ ކައުންސިލްތަކުގެ މެމްބަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އެކަމަކު، ތިން މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކަކަށް އެކަން ނުވި އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެއަށް އަމަލުކުރަން ފެށޭނީ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި އެ ޕްލޭނަށް އަމަލުކުރުމަށް ފާސްވުމުންނެވެ. އަދި އެ ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދާއިރު، އެ ރަށެއްގައި ހުރި ގަސްގަހާގެހީގެ އަދަދާއި ގަސްތައް ހުރި ސަރަހައްދުތަކާއި ހިމާޔަތް ކުރެވޭ ސަރަހައްދުތަކާއި ހިއްކާފައިވާ ސަރަހައްދުތަކާއި ހިއްކެން އޮތް ސަރަހައްދުތަކާއި އަދި އެ ސަރަހައްދުތަކުގެ ބޭނުން ހިފާނެ ގޮތް ބަޔާންކުރަން ޖެހޭނެ އެވެ.
ލޭންޑް ޔޫސް ޕްލޭން ހެދުމުގައި އުނދަގޫތައް ކުރިމަތިވި ގިނަ ކައުންސިލްތަކަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ ހައްލު ހޯދައިދީފަ އެވެ. އެއީ، ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުމަށް، ރަށު ލެވެލްގައި ހަދަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނުނިމުނަސް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ ގޮތަށް ހަމަޖައްސައިދިނުމެވެ.