މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!
މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!

ސަރުކާރުން ފޮނުވި ބިލުތަކެއް ނަމަ، މިދިޔަ ހަފްތާއަކީ ރައްޔިތުންގެ މަޖިލީހުގައި ބޮޑު ދުވަސްތަކެކެވެ.

މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!
މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!

ދައުލަތުގެ މާލިއްޔަތުން އުފުލަން ޖެހޭ ބުރަ މާ ބޮޑު ކަމަށާއި ހަރަދުތައް ކުޑަ ކުރަން ވޯލްޑް ބޭންކާއި އެހެނިހެން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ގޮވާލައި އިންޒާރު ދެމުންނެވެ. ސަރުކާރުން ވެސް ވަނީ ކޮވިޑް-19 އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ދިމާވާ ކަންކަމާ ހެދި މުހިންމު ނޫން މަޝްރޫއުތައް ނުހިންގަން ނިންމައި، ހަރަދުތައް ވީހާ ވެސް ކުޑަ ކުރުމަށް މިނިސްޓްރީތަކާއި ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވައިފަ އެވެ.

މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!
މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!

ދެކޮޅު ނުޖެއްސޭނެ ކަމުގެ ބިރު އޮތުމުން ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑު ކުރަން ޓެކްސް އާ ބެހޭ ބިލެއް ވެސް އެންމެ ފަހުން މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!
މަޖިލީހުގައި މެމްބަރުން ދައްކާ ވާހަކައާ، ލާ ވޯޓު ދިމައެއްނުވޭ!

މިކަންކަމަކީ ސަރުކާރާއި ސަރުކާރުގެ ބާރު އޮތް ރައްޔިތުންގެ މަޖިލީޙުގައި ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުން ވެސް އެކި ފޯރަމްތަކާއި މަޖިލީހުގައި ވެސް ތަކުރާރުކޮށް ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކެވެ. އެކަމަކު އެ މެމްބަރުން މަޖިލީހުގައި ކުރާ ބަހުސްތަކާއި ވޯޓު ލާ ގޮތް އޮންނަނީ ދިމާ ނުވެފަ އެވެ. އޭގެ ދެތިން މިސާލެއް މިދިޔަ ހަފްތާ ތެރޭގައި ވެސް ފެނިގެން ދިޔަ އެވެ.

ފަސް އަހަރުގެ އެންމެ ދައުރެއް ފުރިހަމަ ކުރައްވާފައިވާ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުގެ ހަރަދުގައި ދެމުން އަންނަ އިނާޔަތްތައް ކަނޑާލަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅި އެވެ.

މެމްބަރުންގެ އިމްތިޔާޒްތަކާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން ކުރީގެ މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތާއި އިންޝުއަރެންސާއި އިތުރު ހިދުމަތް ވެސް ލިބެ އެވެ. އެއް ދައުރު ފުރިހަމަ ކުރެއްވި މެމްބަރުންނަށް މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު ފުރިހަމަ ކުރައްވައިފި ނަމަ މުސާރައިގެ 45 ޕަސެންޓް ލިބޭނެ ކަމަށް އިމްތިޔާޒު ގާނޫނު ބުނެ އެވެ.

މިއީ ދައުލަތުގެ މާލިއްޔަތު މިހާރު ހުރި ހާލަތާއި ސަރުކާރާއި "ސަރުކާރު މެމްބަރުން" ވެސް ދައްކަވާ ވާހަކަތަކާ ވެސް ގުޅޭ މުހިންމު ބިލެކެވެ. ކޮންމެ އަހަރެއްގެ ބަޖެޓުން އެތައް ލައްކަ ރުފިޔާއެއް ސަލާމަތް ވާން އޮތް މަގެކެވެ.

އެކަމަށް ބަހުސް ކުރެއްވި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އާއި ބައެއް އެހެން މެމްބަރުން ވެސް ވަނީ ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ހަރަދު ކުޑަ ކުރުމަށް އެހެން ދުވަސްތަކުގައި އަޑު ހަރުކޮށް ވާހަކަ ދައްކަވަމުން އައި ބައެއް އެހެން މެމްބަރުން މި ބިލާ ޖެހުމުން ތާއީދު ކުރަން ދެކޮޅު ވެސް ހެއްދެވި އެވެ.

މަޖިލީހުގެ 62 މެމްބަރުންގެ ހާޒިރުގައި ނެގި ވޯޓުން އެ ބިލު ފާސް ކުރަން ވޯޓު ދެއްވީ އެންމެ ފަސް މެމްބަރެވެ. އެކަމާ ދެކޮޅަށް 31 މެމްބަރުން ވޯޓު ދީގެން މައްސަލަ ބޭރު ކޮށްލެއްވީ އެވެ.

"ފަސް އަހަރު ދުވަހު މަޖިލިހުގެ މެމްބަރުކަން ކުރާ މީހަކަށް ލިބޭ ބޮޑު އިނާޔަތް ކަނޑާލަން މަޖިލިހުގެ ގިނަ މެމްބަރުން ތާއީދު ނުކޮށް ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގަން ގިނަ މެމްބަރުން ތާއިދުކުރުމަކީ މަޖިލިހުގައި ނިންމި ދެރަވަރު ނިންމުމެއް،" ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

މީގެ އަނެއް މިސާލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހަށް ވީ ގޮތެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ އަދަދު ލިމިޓު ކުރަން އެމަނިކުފާނު ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގައި ވަރަށް ގިނަ މެމްބަރުން ބަހުސް ކުރައްވައި ރަނގަޅު ހިޔާލުތަކެއް ދެއްވި އެވެ. އެމްޑީޕީގެ ތެރެއިންނާއި ސަރުކާރުގެ މެމްބަރުން ވެސް އެކަމަށް ތާއީދު ކުރެއްވި އެވެ. އެ އިސްލާހު ގެންނަވަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަބޫލު ކުރައްވާ ކަމަށް ރައީސް އޮފީހުން ވެސް އޮތީ ބުނެފަ އެވެ.

މަޖިލީހުގައި އެ މައްސަލާގައި ބަހުސް ކުރެއްވި އިރު ޕާޓީތަކުގެ މެމްބަރުން ވަނީ ކޮމިޓީ މަރުހަލާގައި ނުވަތަ ފާސް ކުރުމުގެ ކުރިން ގެނެވިދާނެ މުހިންމު ބަދަލުތަކެއް ފާހަގަ ކުރައްވައިފަ އެވެ. އަދި ބޮޑު ދިރާސާއެއް ހަދަން ޖެހޭ ކަމަށާއި މުހިންމު މަސައްކަތެއް ކަމަށް ގިނަ މެމްބަރުން ދެކެ އެވެ.

އެ ހުރިހާ ވާހަކަތަކެއް ދެއްކުމަށް ފަހު މިދިޔަ ހަފްތާގައި އެކަމަށް ވޯޓަށް ހުޅުވައިލުމުން ބަހުސްގައި އެ ބިލަށް ވޯޓެއް ނުދިނެވެ. އެކަމަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި މެމްބަރުންގެ ވެސް ބަހާއި އަމަލެއް ދިމާ ނުވި އެވެ. ކޮންމެ ދައުރެއްގައި އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ވެސް ވޯޓުގައި ބައިވެރި ވެސް ނުވެ އެވެ.

"އިސްލާހުތަކެއް ގެންނަން ހުރި ނަމަ ނުވަތަ ބޮޑު ދިރާސާއެއް ހަދަން ޖެހޭ ނަމަ ކޮމިޓީ އަށް މައްސަލަ ފޮނުވައިގެން ވެސް އެ ދިރާސާތައް ހެދިދާނެ. އެއަށް ވުރެ ކުދި ކުދި ކަންކަމުގައި މުޅި ދުވަހު ސަރުކާރުގެ ހުރިހާ ވަޒީރުން މަޖިލީހުގައި ބައިތިއްބައިގެން އެބަހުރި ކަންކަން ކުރުވައިފައި،" މަޖިލީހުގެ ކުރީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ބިލަކީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ކުރީ ބައިގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަށް ވާނެ ކަން ސަރުކާރުގެ މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ހިޔާ ފްލެޓް ލިބުނު އެންމެން އެތަނަށް ބަދަލުވުމުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 30،000 މީހުންގެ އާބާދީއެއް އޮންނާނެ އެވެ. އެ އެންމެން އެތަނަށް ރަޖިސްޓްރީ ވެއްޖެ ނަމަ މިހާރު ގާނޫނު އޮންނަ ގޮތުން ފޭސް ޓޫ އިން އެކަނި އިތުރު ހަ ގޮނޑި މަޖިލީހަށް އިންތިހާބު ކުރަން ޖެހޭނެ އެވެ.

އެއީ މަދުވެގެން މަހަކު 600،000ރ. އެވެ. އެއާއެކު އެތައް ބައިވަރު އިނާޔަތްތަކެވެ. އަދި އެ މެމްބަރުން މަގާމުން ވަކި ވިޔަސް ދައުލަތަށް ސަލާމަތް ނުވާ ހަރަދުތަކެކެވެ.

"އެންމެ ބޮޑު މައްސަލައަކީ ސަރުކާރުން ހުށަހެޅި ބިލަކަށް ނުވާތީ މުހިންމު ނުވުން. ރައްޔިތުން ކަމެއް ބޭނުން ވިޔަސް ވޯޓު ލެވޭނީ ޕާޓީން ނެރޭ ވިޕަކަށް އެކަނި،" އޭނާ ވިދާޅުވި އެވެ.

ދީނަށް ފުރައްސާރަ ކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި ލިވާތާއި ސިހާގު ކުރާ ފަރާތްތަކަށް ދޭ އަދަބު ބޮޑު ކުރަން ގާސިމް ހުށަހެޅި ބިލަކީ ވެސް ރާއްޖޭގައި މިހާރު ދިމާވެފައި އޮތް ބޮޑު ދެ މައްސަލަ އަށް ކުޑަ ނަމަވެސް ހައްލެއް ގެންނަން މަސައްކަތް ކުރެވިދާނެ އެއް މަގެވެ.

އެ ބިލަށް ވޯޓު ނުދޭތާ ގާސިމް ފިޔަވައި އެކަމަށް ވާހަކަ ދައްކާލާނެ މެމްބަރަކު ވެސް ނުވި އެވެ. ޖޭޕީގެ ތެރެއިން ވެސް އެކަމާ ބަހުސް ކުރާނެ މެމްބަރަކު ނެތެވެ. އެއްވެސް އެއްޗަކަށް ނުވެ އެ ބިލުތައް ވެސް މަޖިލީހުން ބޭރު ކޮށްލި އެވެ.

ސަރުކާރު މެމްބަރަކަށް ނުވާތީ ނޫނީ ރައީސް އޮފީހުން ފޮނުވާ ބިލަކަށް ނުވާތީ މަޖިލީހުގައި ކުރިއަކަށް ނުދެ އެވެ. ކިތަންމެ މުހިންމު ބޭނުންތެރި ބިލެއް ވިޔަސް ރަނގަޅު އެއް ކަމެއް ވެސް އެ ބިލްތަކުން މެމްބަރުންނަށް ނުފެ އެވެ.

މިހެން މިކަން ހިނގާ ނަމަ މަޖިލިސް 19 އޭގެ ކުރީގެ މަޖިލީހާ އެއްވެސް ތަފާތެއް ނެތެވެ. ސަރުކާރުން ފޮނުވި އެއްޗެއް ފާސްކޮށް އެހެން އެއްޗެއް މުހިންމު ނުވާ ރަބާ ސްޓޭޕް ޖަހާ ތަނަކަށް ބަދަލު ވެއްޖެ އެވެ.