17 އޮކްޓޯބަރ 2022 - 06:33

ބޮލީވުޑްގެ މަޝްހޫރު ތަރި، އާލިއާ ބަޓް އާއި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު، އެ މީހުންގެ އަލަތު ދަރިފުޅަށް ކެތްމަދުވެފައި ތިބިއިރު އާލިއާ ވިހެއުމަށް ފަހު ބޮޑު ޗުއްޓީއެއް ނަގާނެ ކަމަށް ބުނެފި އެވެ.
ދަރިފުޅަށް ބަލިވެ އިން ފަހުން ވެސް އާލިއާ ފެންނަނީ ބުރަކޮށް މަސައްކަތުގައި އުޅެމުންދާ ތެނެވެ. އޭނާ އާއި ރަންބީރު އެކުގައި މަސައްކަތްކުރި ފިލްމު "ބްރަހްމަސްތުރާ" ގެ ޕްރޮމޯޝަންތަކުގައި ވެސް ވަރަށް ބުރަކޮށް އޭނާ އުޅުމުގެ ސަބަބުން ބަލި ވެސް ވި އެވެ. އެކަމަކު އާލިއާ ވަނީ ފިލްމީ މަސައްކަތަށް ވެސް ވަރަށް ބޮޑަށް އިސްކަންދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވިހެއުމަށް ފަހު، އާލިއާ ބޭނުންވަނީ އޭނާގެ ދަރިއަށް ވަގުތު ހުސްކުރުމުގެ ގޮތުން އަހަރު ދުވަހުގެ ޗުއްޓީއެއް ނަގާށެވެ. އެހެންވެ، އޭނާގެ ފިލްމީ މަސައްކަތްތަކާއި އިތުރު އެހެން މަސައްކަތްތައް ވެސް ވިހެއުމުގެ ކުރިން ނިންމަން ހުރީ އަމާޒު ހިފައިފަ އެވެ.
އެކަމަކު އެހާ ގިނަ ވަގުތު ހޭދަނުވާނެ ކަހަލަ އިޝްތިހާރުތައް ވިހެއުމަށް ފަހު ވެސް ނަގާނެ ކަމަށްވެ އެވެ.
ރަންބީރާއި އާލިއާ، ފަސް އަހަރަށް ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު ކައިވެނިކުރީ އޭޕްރީލްގަ އެވެ. އަދި އެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން ޖޫން މަހު ވަނީ އިއުލާންކޮށްފަ އެވެ.