ޝާހު އަލަމްގެ މަރު: ލޭ ހޭކިފައި ހުރި ވަޅީގެ މުއްގަނޑުގައި ބަބުލްގެ ޑީއެންއޭ
ޝާހު އަލަމްގެ މަރު: ލޭ ހޭކިފައި ހުރި ވަޅީގެ މުއްގަނޑުގައި ބަބުލްގެ ޑީއެންއޭ

ތ. ގުރައިދޫގެ ސިނާއީ މަސައްކަތްކުރާ ސަރަހައްދުގައި ހުންނަ ސައިޓެއްގެ ތެރޭގައި 2020 ގައި ބަންގްލަދޭޝްގެ ޝާހު އަލަމް މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ އެ ގައުމުގެ ބަބުލް މިއާގެ ޑީއެންއޭ، ކްރައިމް ސީނުން ފެނުނު ވަޅީގެ މުއްގަނޑުން ފެނިފައިވާ ކަމަށް މިއަދު ފުލުހަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

ޝާހު އަލަމް މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގުރައިދޫ ބިންމާ ސައިޓުގައި ހުންނަ އިމާރާތެއްގެ ކޮޓަރިއެއްގެ ތެރޭގަ އެވެ. އެ މައްސަލައިގައި ފުލުހުން ބަބުލް މިއާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދީފައި ވަނީ، ފުލުހުންގެ ޑީއެންއޭގެ ލެބޯޓަރީގެ ސީނިއާ ޑީއެންއޭ އެނަލިސްޓް ހުސެއިން ސަމީރު އެވެ. ޑީއެންއޭ އެނަލިސިސް ރިޕޯޓު ތައްޔާރުކުރާތާ 15 އަހަރުވެފައިވާ އެ ހެކިވެރިޔާ ވަނީ ޑީއެންއޭ ތަހުލީލު ކުރުމުގައި ފުލުހުުން އަމަލު ކުރާ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ޝާހު އަލަމްގެ މަރުގެ މައްސަލައާ ގުޅިގެން ތަހުލީލު ކުރަން ފޮނުވި ހެކިތަކުގެ ތެރެއިން ޑީއެންއޭ މައުލޫމާތު ލިބުނު ގޮތްތައް ވެސް އޭނާ ކިޔައިދިނެވެ. ޑީއެންއޭ ތަހުލީލުކޮށްފައި ވަނީ ޝާހު އަލަމް އާއި ބަބުލް މިއާގެ ޑީއެންއޭ ހިމެނޭ ސާމްޕަލްތައް ނަގައި، ކްރައިމް ސީނުން އެއްކުރި ހެކީގައި ހުރި ޑީއެންއޭއާ އަޅާކިޔައިގެންނެވެ.

ބިންމާ ސައިޓުގެ ގޯތި ތެރޭގައި ހުރި ވެލި ފުރާނަން ބޭނުން ކުރާ ފަދަ ދާގަނޑެއްގައި ޖަހާފައި ހުރި ކަޅުކުލައިގެ މުއްގަނޑެއްލީ ކިވީ ބްރޭންޑުގެ ވަޅިއެއް ވެސް ފުލުހުން ޑީއެންއޭ ތަހުލީލު ކުރަން ލެބޯޓަރީއަށް ފޮނުވި އެވެ. ލޭ ހޭކިފައި ހުރި އެ ވަޅި އަކީ ޝާހު އަލަމްއަށް ހަމަލާދޭން ބޭނުންކުރި ވަޅި ކަމަށް ފުލުހުން ދެކެ އެވެ.

ހެކިވެރިޔާ މިއަދު ކިޔައިދިން ގޮތުގައި އެ ވަޅީގެ މުއްގަނޑުން އެއް ސާމްޕަލް އަދި ތިލައިން އެއް ސާމްޕަލް ނަގާފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަޅީގެ ތިލައިގައި ސްވޮބު ހާއްކައިގެން ނެގި ސާމްޕަލްއިން ޝާހު އަލަމްގެ ޑީއެންއޭ ފެނިފައިވެ އެވެ.

ހެކިވެރިޔާ ކިޔައިދިން ގޮތުގައި ވަޅީގެ މުއްގަނޑުން ނެގި ސާމްޕަލުން ލިބުނީ ދެ މީހުންގެ ޑީއެންއޭ ހުރި ޕްރޮފައިލެކެވެ. އޭގެ ތެރެއިން މޭޖާ ކޮމްޕޯނެންޓް ޝާހު އަލަމްއާ ދިމާވާއިރު މައިނާ ކޮމްޕޯނެންޓް ދިމާވަނީ ބަބުލް މިއާއާ އެވެ.

އެގޮތަށް ދިމާވި ގޮތް ތަފްސީލުކޮށްދެމުން ހެކިވެރިޔާ ބުނީ، އާންމުކޮށް ވަޅީގެ މުއްގަނޑު ފަދަ އެއްޗެހިން ސާމްޕަލް ނަގާއިރު، ދަލާއި ލެއާ އެ ނޫން ވެސް ޑީއެންއޭ ހިމެނޭ އެއްޗެހި މުއްގަނޑުގައި ހޭކިފައި ހުންނާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މުއްގަނޑުން ފެނުނު ޑީއެންއޭ ޕްރޮފައިލްގެ މޭޖާ ކޮމްޕޯނެންޓް ޝާހު އަލަމްއާ ދިމާވަނީ ސްވޮބް ނެގުމުގެ ތެރޭގައި މުއްގަނޑުގައި ހޭކިފައި ހުރި ލޭފަދަ އެއްޗެއް ސްވޮބުގައި ހޭކިގެން ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ މިއަދު ކިޔައިދިން ގޮތުގައި ބަބުލް ދިރިއުޅެމުން ދިޔަ ގެ ފުލުހުން ބަލައިފާސްކުރުމުގެ ތެރޭގައި ފެނުނު ލޭ ހޭކިފައި ހުރި މުންޑުން ނެގި ސާމްޕަލް ޝާހު އަލަމްގެ ޑީއެންއޭއާ ދިމާވެފައިވާ ކަމަށެވެ.

ޝާހު އަލަމް މަރާލާފައި އޮއްވާ ފެނުނު ބިންމާ ސައިޓުގައި ރާނަން ފަށާފައި ހުރި އިމާރާތުގެ ތެރެއިން ލޭ ހުރި، ފޫޓެއްހާ ދިގު ކަތިވަޅިއެއް ފެނުނު ނަމަވެސް، އެ ކަތިވަޅިން ބޭނުން ކުރެވޭ ވަރަށް ޑީއެންއޭއާ ގުޅޭ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް ހެކިވެރިޔާ މިއަދު ވިދާޅުވި އެވެ.

ޝާހު އަލަމްގެ މަރު ތަހުގީގު ކުރަން ފަށައި ފުލުހުން ގުރައިދޫގެ ހުރިހާ ބިދޭސީންގެ ފަރާތުން މައުލޫމާތު އެއްކުރަން ދިޔަ އިރު ބަބުލް އޮތީ އޭނާ ދިރިއުޅޭ ގޭގައި ގޮދަޑިއެއް މަތީގަ އެވެ. އެންމެ ފުރަތަމަ އޭނާ ނިދާފައި އޮތް ކަމަށް ބެލެވުނަސް އޭނާގެ ބޮލުގައި ޒަހަމްތަކެއް ހުރުމުން އޭނާ ހެލްތު ސެންޓަރަަށް ގެންދިޔަ އެވެ.

ބަބުލް އެންމެ ފުރަތަމަ ކިޔައިދިން ގޮތުގައި އޭނާއަށް ލިބިފައި ހުރި ޒަހަމްތަކަކީ ބަޔަކު އޭނާގެ ފޯނު ފޭރިގަތުމުގެ ތެރޭގައި ދީފައި ހުރި އަނިޔާތަކެކެވެ. އެކަމަކު، ފުލުހުން އޭނާއާ މެދު ޝައްކު އުފެދި ގެ ބަލައި ފާސްކުރި އިރު އެ ގެއިން ވެސް ލޭގެ ނިޝާންތައް ފެނިފައިވެ އެވެ. އަދި ފޭރުނު ކަމަށް ބުނި އޭނާގެ ފޯނާއި ލޭ ހޭކިފައި ހުރި ގޮޅި ޖެހި މުންޑެއް ވެސް ފެނުނެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ހެކިވެރިއެއްގެ ހެކިބަސް ނަގަން ހަމަޖެހިފައި އޮތަސް އަޑުއެހުން ދިގުލައިގެން ދިޔުމުން އެ ހެކިވެރިޔާގެ ހެކިބަސް ނެގުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.

ޝާހު އަލަމް ގުރައިދޫގައި މަސައްކަތް ކުރަމުން ދިޔައީ ދަނޑެއްގަ އެވެ. އަދި ބަބުލް މިއާ އުޅުނީ މަސް ކެއްކުމުގެ މަސައްކަތުގަ އެވެ. އެ ދެ މީހުންނަކީ ވެސް އެކަކު އަނެކަކު ދަންނަ، ވާހަކަ ދައްކައި އުޅުނު ދެ މީހުންނެވެ.