ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީ 11 މީހުން މަރާލައިފި
ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީ 11 މީހުން މަރާލައިފި

ޔޫކްރޭންގައި ހަނގުރާމަ ކުރުމަށް ތަމްރީން ކުރަމުން ދިޔަ ރަޝިޔާގެ ސިފައިންތަކެއްގެ ތެރެއަށް އިއްޔެ ބަޔަކު ހަމަލާ ދީ 11 މީހަކު މަރާލައި އިތުރު 15 މީހަކު ޒަޚަމްކޮށްލައިފި އެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ހިލޭ ސާބަހަށް ހަނގުރާމައަށް ދާން ތަމްރީން ވަމުން ދިޔަ ސިފައިންތަކެއްގެ ތެރެއަށް ހަމަލާ ދިނީ ހަތިޔާރު އަޅައިގެން ތިބި ދެ މީހެކެވެ. ރަޝިޔާގެ ބެލްގޮރޮޑް ސަރަހައްދުގައި ހުރި ސިފައިންގެ އަސްކަރީ މަރުކަޒަށް ހަމަލާ ދިން ދެ މީހުން އެ ތަނަށް ވަދެ ހަމަލާ ދޭން ފެށުމާ އެކު، އެ މަރުކަޒުގައި ތިބި ސިފައިން ވަނީ ރައްދު ހަމަލާ ދީފަ އެވެ.

ނަމަވެސް ހަމަލާ ދިން ދެ މީހުން މަރައިލެވުނު އިރު، ތަމްރީން ހަދަމުން ދިޔަ ސިފައިންގެ ތެރެއިން 11 މީހަކު މަރުވެ އިތުރު 15 މީހަކު ޒަޚަމްވެއްޖެ އެވެ. ރަޝިޔާގެ ނޫސްތަކުން ބުނާ ގޮތުގައި އެ މަރުކަޒަށް ހަމަލާ ދިނީ ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމެއްގެ ދެ މީހެކެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ނުބުނެ އެވެ.

ހަމަލާ ދިން ދެ މީހުން ވެސް އެ މަރުކަޒުގެ ތެރެއަށް ވަނީ، ރަޝިޔާ ސިފައިންގެ އޮފިސަރުން އަޅާ ކަހަލަ ޔުނީފޯމް އަޅައިގެން، ފިސްތޯލައާ އެކުގަ އެވެ. އެހެންކަމުން އެމީހުން އެތަނަށް ވަނަ ނުދީ ހުއްޓުވުމަށް، އެ މަރުކަޒުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިން ވެސް މަސައްކަތެއް ނުކުރެ އެވެ.

ބެލްގޮރޮޑް ސަރަހައްދުގައި މި ހަމަލާ ދިން އިރު، އެ ސަރަހައްދުގެ ކަރަންޓު ވިއުގަތަކަށާއި ތެޔޮ ވިއްކާ ސްޓޭޝަންތަކަށާއި ހަތިޔާރު ގުދަންތަކަށް ހަމަލާ ދިނުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ ސަރަހައްދުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެފަދަ ހަމަލާތަކުގެ ފަހަތުގައި އޮތީ ޔޫކްރޭނެވެ. ނަމަވެސް ޔޫކްރޭނުން އެފަދަ އެއްވެސް ހަމަލާއެއްގެ ޒިންމާއެއް މިހާތަނަކަށް ނުއުފުލަ އެވެ.

ޔޫކްރޭނަށް ފޮނުވަން ތަމްރީންކުރާ ސިފައިންތަކެއް މި މަރައިލީ، އެ ހަނގުރާމަ އަށް ރަޝިޔާގެ ސިފައިން ފޮނުވުމަށް ރައީސް ލަޑިމިއާ ޕުޓިން އަމުރު ކުރެއްވުމާ ގުޅިގެން، އެކަމާ ދެކޮޅަށް ރަޝިޔާގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ރިޒާވް ލަޝްކަރުގެ 300000 ސިފައިން ޚިދުމަތަށް ނެރުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން މިހާތަނަށް 220000 ސިފައިން ވަނީ ތަމްރީންތަކަށް ނެރެފަ އެވެ.