އަދަބު ލުއިކުރުމާއި މާފު ހޯދަން އަދީބު އޮތީ ހުށަހަޅާފައި
އަދަބު ލުއިކުރުމާއި މާފު ހޯދަން އަދީބު އޮތީ ހުށަހަޅާފައި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމް ލުއިކޮށްދޭން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެދިވަޑައިގެންފި އެވެ.

އަދަބު ލުއިކުރުމާއި މާފު ހޯދަން އަދީބު އޮތީ ހުށަހަޅާފައި
އަދަބު ލުއިކުރުމާއި މާފު ހޯދަން އަދީބު އޮތީ ހުށަހަޅާފައި

އަދަބު ލުއިކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. ރައީސަށް ހުށަހެޅީ އަދަބު ލުއިކުރުމާއި މާފު ދިނުމުގެ ގާނޫނުގެ ދަށުން ލުއި ހޯދުމަށެވެ. ކަރެކްޝަނަލް ސާވިސްގައި އެދުނީ ޕެރޯލްގެ ދަށުން ދޫކޮށްދިނުމަށެވެ.

ގާނޫނީ އިމުގެ ތެރެއިން ހައްގުވާ ލުއިތައް ވަކީލުން މެދުވެރިވެ ހޯދަން އަދީބު މަސައްކަތްކުރަމުން އަންނަ ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

އެކަމަކު ކަރެކްޝަނަލް ސާވިސް އިން މި ކަމުގައި ތަފްސީލެއް ނުދިނެވެ.

އެތަނުގެ އޮފިޝަލަކު ވިދާޅުވީ ގަވައިދު އޮންނަނީ ގައިދީންނާ ގުޅޭ މައުލޫމާތު ހާމަކުރާ ގޮތަކަށް ނޫން ކަމަށެވެ. ރައީސް އޮފީހުން ވެސް މިކަމުގައި އަދި ޖަވާބެއް ނުލިބެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އަދީބުގެ މައްޗަށް 150 އަށް ވުރެން ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން ކުރީ ހަތް ދައުވާ އެވެ. މި ދައުވާތަކުގައި 20 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވީ އަދަބު ލުއިވާ ގޮތަށް ހެދި ޕްލީބާގެއިން އެއްބަސްވުމުގެ ދަށުންނެވެ.

ޖަލު އަދަބު ލުއިވުމުގެ އިތުރަށް އެ އެއްބަސްވުމުގައިވާ ގޮތުން، ހިޔާނާތާ ގުޅިގެން އަދީބު ދައްކަން ޖެހެނީ ވެސް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ. މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް (ފަސް ބިލިއަން ރުފިޔާ އިން) އަދީބު ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަނުން ޖޫރިމަނާކުރުމުންގާނޫނީ ވަކީލުން ކަންބޮޑުވުންފާޅުކުރި އެވެ.

ޖަލު ހުކުމެއް އިއްވިޔަސް އަދީބު މިހާތަނަށް ހުރީ ގޭބަންދުގަ އެވެ. ހުޅުމާލޭގެ އަމީން އެވެނިއު އެޕާޓްމަންޓެއްގައި އޭނާ ހުންނަނީ 24 ގަޑިއިރު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.

ކަރެކްޝަންސުން ބުނެފައިވާ ގޮތުގައި ވަކި މުއްދަތެއް ނެތް ގޮތަށް އަދީބު ގޭބަންދަށް ބަދަލުކުރީ ބައިޕެޕް ކިޔާ މެޝިނެއް ބޭނުންކުރަން ޖެހޭތީ އެވެ. އެ މެޝިން ބޭނުންކުރަން އޭނާ އަށް ޑޮކްޓަރު ލަފާ ދެއްވީ ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުން ނިދަން އުނދަގޫވާތީ އާއި ބޮލުގައި ރިހޭތީ ކަމަށެވެ.

- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ: ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަސް.

- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެވަނަ ދައުވާ: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް.

- މަނީ ލޯންޑްރިންގެ ދައުވާ: ފަސް އަހަރާއި 11 މަހުގެ ޖަލު ހުކުމާއި އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ.

- މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ: ފަސް އަހަރާއި 11 މަހަށް ޖަލަށްލުމާއި އެއް މިލިއަންގެ ޖޫރިމަނާ.

- މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުން: އެއް މަހާއި 15 ދުވަހަށް ޖަލަށް.

- މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުން: ހަ މަހުގެ ޖަލު ހުކުމެއް

- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ: ތިން މަހަށް ޖަލަށް.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބު 20 އަހަރަށް ޖަލަށް ލާން އޮކްޓޯބަރު 2020 ގައި ހުކުމް ކުރިއިރު ވެސް އޭނާ ހުރީ ޖަލު ބަންދުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި އަދީބު ޖަލަށްލީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައިގަ އެވެ. އޭގެ ފަހުން ހަމަ އެ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ވެސް ދައުވާ އުފުލި އެވެ.

މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމަކީ، ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާ ހާލަތް ފިޔަވައި، އެހެން ހާލަތްތަކުގައިވާ މީހާ މާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ގާނޫނުގެ ދަށުން އިލްތިމާސެއް ހުށަހަޅަންވާނީ، އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ތިންބައިކުޅައެއްބައި ތަންފީޒުވުމުންނެވެ.

ޕެރޯލްގެ ގާނޫނުގައި ބުނެފައި ވަނީ ޖަލު ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތު ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒު ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުމަށްޓަކައި ކަނޑައެޅޭ ވަކި ޝަރުތުތަކަކާ އެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ފުރުސަތު ގާނޫނުގައި ބަޔާންކުރާ ގައިދީންނަށް ލިބިދޭންވާނެ އެވެ.

ޕެރޯލް ދެނީ ވަކި ކުށްތަކަކަށެވެ. އެ ގާނޫނުގެ 125 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި އެ ފުރުސަތު ލިބިދެވޭނީ އެކުށެއްގެ ހުކުމެއް ނުވަތަ އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ނަމަ, އެ މީހެއް މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ ނަމަ އެވެ. ގައިދީއަކަށް ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާން 6 މަސްދުވަހަށް ވުމުން ޕެރޯލްގެ ފުރުސަތަށް އެދި އޭނާއަށް ހުށަހެޅިދާނެ އެވެ. އަދި އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންވާ ކަމަށް އޭނާ ދެކޭ ސަބަބުތަކާއި ދޫކުރެވިއްޖެ ނަމަ އޭނާ ކަންކުރާނެ ގޮތް ބަޔާންކޮށް ލިޔުމުން ހުށަހެޅިދާނެ އެވެ.

އަދަބު ލުއިކޮށްދޭން އަދީބު ހުށަހަޅާފައިވާ އިރު، އިއުތިރާފް އެއްބަސްވުމުގެ ދަށުން އޭނާ އަށް ބޮޑު ލުޔެއްދީ ގޭބަންދަށް ދޫކޮށްލާފައި ހުންނަ މައްސަލާގައި ސަރުކާރަށް ފާޑުކިއުން ބޮޑެވެ. އޭނާއެކު އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިންގެ ކުށް ކުރި އެސްއޯފްގެ ވެރިންނަށް ވެސް ދައުވާނުކުރަން ދައުލަތުން ނިންމާފައިވުމަކީ މި ހިޔާނާތާ ގުޅިގެން ވަކި ބައެއްގެ މައްސަލަތައް ބަލަމުންދާ ކަމަށް ތުހުމަތުކުރާ ސަބަބެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި ކަމަށް އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. އެ މީހުންގެ މައްޗަށް މި މައްސަލައިގައި ހުކުމް އިއްވާފައިވާ އިރު ހިޔާނާތާ ގުޅޭ ދައުވާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައި ޝަރީއަތް ދަނީ ހިނގަމުންނެވެ.

ހިޔާނާތާ ގުޅިގެން ޔާމީނަށް ފުރަތަމަ އުފުލި ދައުވާގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓާ ހިސާބުން މިނިވަންވެވަޑައިގެންފަ އެވެ.