16 އޮކްޓޯބަރ 2022 - 12:32

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ފ. ބިލެއްދޫގައި، މީހަކު މަގުމަތިން ހިނގާފައި ދަނިކޮށް ކަކުލާ ހިސާބަށް ގަނބައިގަނެ ކުރިއަށް ނުދެވިފައި ހުއްޓަ އެވެ. އެ މީހާ ހުންނަނީ ކުޑައެއް ވެސް ނަގައިގެންނެވެ.
ވީޑިއޯ ޕޯސްޓްކުރި ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މިއީ ވިއްސާރަ ވެއްޖެ ނަ މަގުތަކުގެ ހާލަތު ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ގަނބައިގެންފައި ހުރި ހިސާބު ވެސް އޮތީ ފަސްގަނޑު މަޑުކޮށެވެ. ވީޑިއޯގައި އަންހެން މީހާ ބުނާ ގޮތުގައި އެތަނުގައި ފައި އަޅާލިތަނާ ހަމަ އެއްކޮށް ގަނބައިގަތީ އެވެ.
ރަށު ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ ވީޑިއޯގައި އެ ފެންނަނީ ރަށުގައި އާންމު ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަން ހިނގީ ފެނާއި ނަރުދަމާގެ މަސައްކަތްކުރާ މީހުން މަގު ކޮނެފައި އޮތް ތަނެއްގަ އެވެ.
އަސްލަމް ވިދާޅުވީ ކޮނުނު ތަނަށް ރަނގަޅަށް ފަސް އަޅައި ފަސްގަނޑު ހަރުނުކޮށް އުޅެނިކޮށް ވާރޭ ވެހެން ފެށުމުން އެ މަސައްކަތް މަޑުޖެހިފައި އޮއްވައި، ހިނގާފައި ދިޔަ މީހަކު ގަނބައިގަތީ ކަމަށެވެ.
"މިރަށުގައި ހަމަ އަލަށް ހިނގި ކަމެއް އެއީ. ފެނުގެ މަސައްކަތްކުރާ މީހުންގެ ފަރާތުން ވެސް އެކަހަލަ ކަމެއް މީގެ ކުރިން ނެތް ދިމާވެފައި،" އޭނާ ވިދާޅުވި އެވެ.
ފަސްގަނޑުގެ ތެރެއަށް އަންހެން މީހާ ގަނބައިގެންފައި ހުއްޓާ އެހެން މީހުންގެ އެހީގައި ނެގީ އެވެ. އޭނާ އަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.