16 އޮކްޓޯބަރ 2022 - 09:53

ޑުސާން ވްލަހޮވިޗްގެ ލަނޑާ އެކު އިޓާލިއަން ލީގުގައި ޓޮރިނޯ އަތުން 1-0 އިން މޮޅުވެ، ޕްރެޝަރުގައި އޮތް ޔުވެންޓަސް އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހޯދައިފި އެވެ.
އެ ޓީމު ވަނީ މި މެޗުގެ ކުރިން ލީގުގައި އޭސީ މިލާން އަތުން 2-0 އިން އަދި ޗެމްޕިއަންސް ލީގުގައި އިޒްރޭލުގެ މެކަބީ ހައިފާ އަތުން ހަމަ އެ ނަތީޖާ އިން ބަލިވެފަ އެވެ.
ދަށް ނަތީޖާތަކާ ގުޅިގެން ކޯޗު މެކްސިމިލިއާނޯ އެލެގްރީ މަގާމުން ވަކިކުރަން ސަޕޯޓަރުން އަންނަނީ ޕްރެޝަރު ކުރަމުންނެވެ. އެކަމަކު ކްލަބުން ވަނީ އެލެގްރީ މަގާމުގައި ދެމި ހުންނާނެ ކަމަށް ބުނެފަ އެވެ.
މި ނަތީޖާއާ އެކު ޔުވެންޓަސް އޮތީ އެއް މެޗުން އިތުރަށް ކުޅެގެން 16 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އެއް ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ ރޭ ސަސުއޮލޯ އަތުން 2-1 އިން މޮޅުވި އެޓަލާންޓާ އެވެ. ތާވަލުގެ ދެ ވަނައިގައި 23 ޕޮއިންޓާ އެކު އޮތް ނަޕޯލީ މިރޭ ބޮލޯނިއާ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމު އެއް ވަނަ އަށް އަރާނެ އެވެ.
ލީގުގައި ރަށުން ބޭރުގައި ޔުވެންޓަސް ހޯދި ފުރަތަމަ މޮޅު ލިބުނު ގޯލް ވްލަހޮވިޗް ކާމިޔާބުކުރީ މެޗު ނިމެން 15 މިނެޓަށް ވެފައިވަނިކޮށެވެ.
ވްލަހޮވިޗް ބުނީ މިފަދަ އުނދަގޫ ވަގުތުތަކުން ލިބޭ ތަޖުރިބާ އިން ކުރިއަރަން މަގުފަހިވާނެ ކަމަށެވެ.
އެލެގްރީ ބުނީ މި މެޗުން ކުޅުންތެރިން ސާބިތުކޮށްދިނީ އެންމެން ތިބީ ޓީމެއްގެ ގޮތުގައި ކަން ކަމަށާއި މިއަދު ފެނިގެން ދިޔައީ ރަނގަޅު ކުޅުމެއް ކަމަށެވެ.
"މިއީ ފަސޭހަ މެޗެއް ނޫން،" އެލެގްރީ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސް އިން އެލެގްރީ ވަކިކުރިޔަސް ކުރާނީ ވޯލްޑް ކަޕަށް އަންނަ މަހު ކްލަބް ސީޒަން މެދުކަނޑާލުމުންނެވެ. އެ ކްލަބުން ޝައުގުވެރިވާނެ ކޯޗުންގެ ތެރޭގައި ޗެލްސީން ދާދި ފަހުން ވަކިކުރި ތޯމަސް ޓުޗެލް އާއި ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް ހިމެނެ އެވެ. ޑިޝޯމްޕްސް ވަނީ ކޮރަޕްޝަނުގެ މައްސަލައިގައި 2007 ގައި ޔުވެންޓަސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރުމުން އެ ޓީމަށް ކޯޗުކޮށްދީފަ އެވެ.